2023 ގެ ރިޔާސީ އިންތިހާބުގައި ވެސް ކޯލިޝަނެއްގެ ގޮތުގައި ވާދަކުރުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ދައުވަތާއި ގުޅޭގޮތުން އަދާލަތު ޕާޓީ އާއި އެމްޑީޕީ ދެމެދު މަޝްވަރާކޮށްފި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި، އެމްޑީޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ސޯލިހު ވާދަ ކުރައްވަނީ ވެރިކަމުގެ ދެވަނަ ދައުރަކަށް އައުމަށެވެ. އަދި އެމަނިކުފާނު ވަނީ ކޯލިޝަން ޕާޓީތަކަށް އެކުގައި ކުރިޔަށް ދިއުމަށް ދައުވަތު ދެއްވައި މަޝްވަރާތައް ކުރުމަށް އެދިވަޑައިގެންފަ އެވެ.
ކޯލިޝަނަކާއި އެކު 2018 ގެ ރިޔާސީ އިންތިހާބުގައި އޭރު ވާދަ ކުރަން ޖެހުނީ އިދިކޮޅުގައި އޮތް ސިޔާސީ ޕާޓީތަކުގެ ލީޑަރުން ޖަލު ހުކުމެއްގައި، ނުވަތަ ބަންދުގައި ތިބުމުގެ ސަބަބުންނެވެ. އަމިއްލައަށް އަރުވާލެވިގެން ބައެއް ލީޑަރުން ރާއްޖެއިން ބޭރުގައި ތިއްބެވިއިރު ރިޔާސީ އިންތިހާބަށް އޭރު ކޯލިޝަން ހަދާފައި ވަނީ ޔުނައިޓެޑް އޮޕޮޒިޝަންގެ ގޮތުގަ އެވެ.
އެމްޑީޕީގެ އެތެރޭގައި މައްސަލަތަކެއް ޖެހި، މިވަގުތު އުފެދިފައިވާ ދެ ފެކްޝަނާއި އެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އުނދަގޫ ވާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ތަކުރާރުކޮށް އޭރުގެ ހާލަތާއި މިހާރުގެ ހާލަތު ތަފާތުކަން ފާހަގަކޮށް ރައީސް ސޯލިހަށް ރައްޔިތުން ވޯޓު ނުދޭނެކަމަށް ވިދާޅުވަމުންނެވެ.
އެހެންވެ، ރައީސް ނަޝީދުގެ ފަރާތުން މަންދޫބުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ބައްދަލު ކުރައްވާފައި ވެއެވެ. ޖުމްހޫރީ ޕާޓީގެ ކޮންގްރެސް މި ހަފްތާ ބަންދުގައި ބެއްވުމަށް ހަމަޖެހިފައިވާއިރު އިންތިހާބާއި މެދު ގޮތެއް ނިންމާނީ ކައުންސިލްގައި ބަހުސްތަކެއް ކުރުމަށް ފަހު މެމްބަރުން އެއްބަސްވާ ގޮތަކަށެވެ.
ރައީސް ސޯލިހު ފޮނުއްވި ސިޓީގެ މާބޮޑު ތަފްސީލެއް އަދި މިހާތަނަށް އެނގިފައި ނުވެ އެވެ. އެކަމަކު، އަދާލަތުން ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހަށް ސީދާ ތާއީދު ދިނުމަށް ނިންމިފައި ނުވެ އެވެ. ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާތައް ކުރުމަށެވެ.
އަދާލަތުން އެމްޑީޕީ އާއި އެކު މަޝްވަރާ ކުރިކަން ހާމަކުރީ، އެ ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރެވެ. ޓުވީޓެއް ކުރައްވައި އެކަން ހާމަކުރި ނަމަވެސް އޭނާ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.


One Response
އަދާލަތާ މައުމޫނު ތާއީދު ކުރާނީ އިބޫ އަށެވެ. އެބައި މީހުންނަށް ފައިދާ އެއް އޮތީ އެގޮތަށެވެ. ގާސިމް ވާދަ ކުރާ ހާލަތެއްގައި ގާސިމް ދެވަނަ ބުރަށް ދިޔަޔަސަ އިބޫ ދިޔަސް ކުދި ޕާރޓީ ތަކަށް އެންމެ ފަހިގަޑީގަވެސް ބޭނުން ކޮޅަކަށް އަރާ ސަރުކާރުން ބައި ނަގަން ފުރުސަތު ލިބޭނެއެވެ. ޕީޕީ އެމް އެއްކޮޅުން ފައިނަލްގަ ކުޅޭނެއެވެ.