މާލެސަރަޙައްދުން ގޯތިދޫކުރުމަށް ސަރުކާރުން ނިންމައި ކޮމިޓީ އެކުލަވާލިއިރު މާލެސިޓީ ކައުންސިލްގެ ދައުރެއް ނެތުމަކީ ޤާނޫނުގެ ބާރު ކަނޑުވާލުން ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެސަރަޙައްދުން ގޯތިދޫކުރުމަށް ސަރުކާރުން ނިންމައި ކޮމިޓީ އެކުލަވާލިއިރު މާލޭސިޓީ ކައުންސިލްގެ އެއްވެސް ދައުރެއް ނެތުމަކީ ލާމަރުކަޒީ ގާނޫނުގެ ބާރުކަނޑުވާލުމާއި ޤާނޫނު އޮޅާލުން ކަމަށެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ ސަރުކާރުން މާލެސިޓީ ކައުންސިލާއި މަޝްވަރާނުކޮށް ”ގެދޮރުވެރިންގެ ކޮމިޓީ“ގެ ނަމުގައި 5 މެންބަރުން ހިމެނޭ ކޮމިޓީއެއް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އުފައްދެވުމާއި ގުޅިގެންނެވެ.
މާލެސިޓީ ކައުންސިލް 90 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުންވެސް ޝުޖާއު ވަނީ މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
”މާލޭގެ ރައްޔިތުން އިންތިޚާބުކުރި ކައުންސިލެއް އޮތްއިރު، ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ކަމެއް ސަރުކާރުގެ ވުޒާރާއަކުން ކުރުމަކީ ޤާނޫނު ދަންނަކަމެއްނޫން“
ޝުޖާއު އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކުން ގޯތި ދޫކުރަމުން ގެންދަނީ އެ ކައުންސިލްތަކުން ކަމަށާ އެކަމަކު މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަނީ މައި ސަރުކާރުން ކަމަށެވެ.

