މާލެސަރަޙައްދުން ގޯތި ދޫކުރަން ސަރުކާރުން ނިންމިއިރު މާލެސިޓީ ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތުމަކީ ކަންބޮޑުވާކަމެއް ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ކައުންސިލްގެ 90 ވަނަ ރަސްމީ ޖަލްސާގައި ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވީ މާލެ ސަރަޙައްދުގައި ގެދޮރު ދޫކުރުމަށް ސަރުކާރުން އެކުލަވާލި ކޮމެޓީގައި މާލެސިޓީ ކައުންސިލަށް ނިސްބަތްވާ އެއްވެސް ބޭފުޅެއްގެ ނަމެއް ނުވަތަ މާލެސިޓީ ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.
”ކޮމިޓީ އެކުލަވާލިއިރު އެ ކޮމެޓީގައި މާލެސިޓީގެ މޭޔަރެއް މާލެސިޓީ ކައުންސިލަށް ނިސްބަތްވެ ވަޑައިގަންނަވާ އެއްވެސް ބޭފުޅެއްގެ ނަމެއްނެތް. މާނައަކީ މާލެ ސަރަޙައްދުގައި ގެދޮރު ދޫކުރާއިރުގައި މި ކޮމެޓީގައި މާލެސިޓީ ކައުންސިލަށް ނިސްބަތްވާ އެއްވެސް ބޭފުޅެއް ނުވަތަ މާލެސިޓީ ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތުމަކީ ކަންބޮޑުވާކަމެއް“
ޑެޕިއުޓީ މޭޔަރު ވިދާޅުވީ މާލެ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މޭޔަރާއި 18 ކައުންސިލަރުންނަކީ މާލެސިޓީގެ ރައްޔިތުން އިންތިޚާބު ކުރައްވާފައި ތިބި ބައެއް ކަމަށާއި، މާލެ ސަރަޙައްދުގައި މިފަދަ ކަންކަން ހިނގާއިރުގައި ކައުންސިލްގެ މަޝްވަރާއާއި،ކައުންސިލްގެ ބަސް ހިމަނަންޖެހޭނެ ކަމަށް ލާމަރުކަޒީ ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮންނާނެކަމަށެވެ.
”ލާމަރުކަޒީ ޤާނޫނުގައި ވަރަށްސާފުކޮށް ބަޔާންކޮށްފައި އެބައޮވޭ މި ސަރަޙައްދުގައި މިޒާތުގެ ކަންކަން ހިނގާއިރުގައި މި ކައުންސިލްގެ މަޝްވަރާއާއި،މި ކައުންސިލްގެ ބަހެއް މީގައި އޮންނަންޖެހޭނެ ކަމަށް “
މާލެސިޓީ ކައުންސިލަކީ މާލޭގެ ރައްޔިތުންނާއި ވަރަށްގާތުން ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަންނަ ކައުންސިލަކަށްވާއިރު، ކައުންސިލްގެ ބަހެއް މިކަމުގައި އޮންނަންވާނެ ކަމަށް ޑެޕިއުޓީ މޭޔަރު ތަކުރާރުކޮށް ވަނީ ފާހަގަކުރައްވާފައެވެ.
މާލެ ސިޓީގެ ރައްޔިތުންނާއި އެންމެބޮޑަށް ގުޅިފައިވާ ބޯހިޔާވަހިކަމުގެ މިފަދަ މުހިންމު ނިންމުމެއްގައި މާލެ ސިޓީ ކައުންސިލް ބައިވެރި ނުކޮށް ސަރުކާރުން ކުރިއަށްދާން ނިންމި ނިންމުމާއި ގުޅިގެން މޭޔަރު ވިދާޅުވީ މިކަންބޮޑުވުންތައް ރަސްމީކޮށް މިނިސްޓްރީއާއި އެލްޖީއޭ އާއި އަދި މިނޫންވެސް ކަމާއި ގުޅުންހުރި މުއައްސަސާތަކަށް ހުށަހަޅަންޖެހޭކަމަށެވެ.

