ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސްގައި އެޕާޓީގެ ކައުންސިލް މެމްބަރު އަދި ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިނުވާކަން ހާމަވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ގައުމީ ކޮންފަރެންސްގައި ބައިވެރިވުމުގެ ދައުވަތު ނައިބު ރައީސް ފައިސަލް ނަސީމް އަށް އަރުވާފައިވާ ކަމެއް ސާފެއް ނުވެއެވެ.
ފައިސަލް ނަސީމް ކޮންފަރެންސް އަށް ވަޑައިގެންފައި ނުވަނީ ދައުވަތު ނުދެއްވާތީ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު އެވާހަކަ ޖުމްހޫރީ ޕާޓީގެ ފަރާތުން ވަނީ ދޮގުކޮށްފައެވެ. ޖުމްހޫރީ ޕާޓީ އިން ބުނިގޮތުގައި ކޮންގްރެސްގެ ދައުވަތު ވަނީ ފައިސަލް ނަސީމް އަށް ފޮނުވާފައެވެ.
ޖޭޕީގެ ކޮންގްރެސްގައި ފައިސަލް ނަސީމް ބައިވެރިވެ ވަޑައިނުގަތް ސަބަބު ނޭނގޭ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ދާދިފަހުން ޖުމްހޫރީ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައިސަލް ނަސީމް، ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ތާއީދު ކުރާ ކަމަށް ނޫސްވެރިން ވަނީ ވިދާޅުވެފައެވެ. އެ ބައްދަލުވުމުގައި ޕާޓީގެ އެޑްވައިޒަރ އިލްހާމް އަހްމަދު ވިދާޅުވެފައިވަނީ ޕާޓީގެ ކައުންސިލްގައި ހިމެނި ވަޑައިގަންނަވާ މެމްބަރުން، އެހެން ޕާޓީއެއްގެ ބޭފުޅުންނަށް ތާއީދު ކުރާނަމަ ރީތިގޮތަކީ ޕާޓީން އިސްތިއުފާ ދިނުމަށްފަހު ގޮސް ތާއީދުކޮށް ހަރަކާތްތަކުގައި ބައިވެރިވުން ކަމަށެވެ.
ފައިސަލް ނަސީމް ޖޭޕީގެ ކޮންފަރެންސް ގައި ބައިވެރިވެ ވަޑައިގެންފައިނުވާތީ ޕާާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވަނީ ނައިބު ރައީސް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ފައިސަލް ނަސީމް ގެންދަވަނީ ރައީސް ސާލިހް އަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އަދި ކެމްޕޭން އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހް އަށް ތައުރީފް ކުރައްވަމުން ދަނީ ގެންދަވަމުންނެވެ.
ފައިސަލް ނަސީމް އަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ދިވެހިރާއްޖޭގެ ނައިބު ރައީސް ކަމަށް ހޮވިވަޑައިގެންފައި ހުރި ބޭފުޅެކެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ނައިބު ރައީސް ކަމުގެ ސްލޮޓް ލިބުމާއެކު އެ ޕާޓީގެ ތެރޭގައި ނައިބު ރައީސް އަކު ހޮވުމަށް އިންތިހާބެއް ބޭއްވުނެވެ. އެގޮތުން އެއިންތިހާބުގައި ވާދަކުރެއްވީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި ފައިސަލް ނަސީމްއެވެ. އަލީ ހުސެއިންގެ މައްޗަށް ފައިސަލް ނަސީމް ކުރި ހޯއްދަވާފައިވަނީ ކައުންސިލްގައި ނެގި ވޯޓުގެ އެއް ވޯޓްގެ ތަފާތުންނެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީގެ ފަރާތުން ރައީސް ސާލިހްގެ ރަނިންގ މޭޓްގެ ގޮތުގައި ނިކުންނެވީ ފައިސަލް ނަސީމްއެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ފައިސަލް ނަސީމް ބައިވެރިވެފައި ނުވާއިރު ޖުމްހޫރީ ޕާޓީގެ ފަރާތުން ބާއްވަމުންދާ ބައްދަލުވުންތަކުގައި ވެސް ފަހަކަށް އައިސް ފައިސަލް ނަސީމް ފެންނަލެއް މަދުކަން ފާހަގަކޮށްލެވެއެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ކޯލިޝަންގައި ޖުމްހޫރީ ޕާޓީގެ އިތުރުން ހިމެނޭ އެހެން ޕާޓީތަކަކީ އަދާލަތު ޕާޓީ އާއި އެމްއާރު އެމް އެވެ. މި ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ބައެއް ވުޒާރާތަކުގައި ވަޒީރުންނާއި ޑައިރެކްޓަރުންނާއި އެގްޒެކްޓިވް ޑައިރެކްޓަރުންނާއި ނައިބު ވަޒީރުން ތިއްބަވައެވެ.

