ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީމެލްއެލްއިން ފައިސާ ގެއްލޭ މައްސަލައިގައި މީހުން ހައްޔުރުކުރި ނަމަވެސް މައްސަލަ ހައްލުވާނެބާ؟

ޝެއާރކޮށްލާ ކަހަލަދޯ؟

މި ހަފްތާގެ ތެރޭގައި އެންމެ ގަދައަށް އަޑު ފެތުރިގެން ދިޔައީ ބީއެމްްއެލްގެ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ވަގަށް ފައިސާ ނެގި ބަޔަކު ހައްޔަރު ކުރި ހަބަރެވެ.

މި ހަބަރު އަޑު އިވުމުން ވާންވީ އުފާކަމެއް ނުވަތަ ދެރަ ކަމެއް ހިތަށް ސިކުނޑިއަކަށް ނައެވެ. ސަބަބަކީ މިކަމަކީ ހައްލުނުވާ މައްސަލަ އެކެވެ. ބީއެމްއެލް އެކައުންޓް ތަކުން ފައިސާ ގެއްލޭ ވާހަކަ އަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ.

ބޭންކް ގެ 40 ވަނަ އަހަރީ ދުވަހުގައި ގައުމުގެ ވަލިއްޔުލް އަމްރު، ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް އިން ފައިސާ ގެއްލޭ ވާހަކައެވެ. ފައިސާ ހޯދަން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ސާލިހް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިކަމަކީ ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވޭ ވާހަކައެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު ބީއެމްއެލް އިން މިވާހަކަ މިހާތަނަށް ވަނީ ދޮގުކޮށްފައެވެ.

ބީއެމްއެލް އިން ފައިސާ ގެއްލިގެން މިހާތަނަށް މައްސަލަ ފުލުހަށާއި އެ ބޭންކަށް ހުށަހެޅި މީހުންގެ އަދަދު ހަމަޔަގީނުންވެސް އެ ބޭންކަކަށް ނޭނގޭނެއެވެ. އެނގޭނީވެސް އެކަމަށް އަޅާލާ ސަމާލުވާ ބަޔަކު ނަމައެވެ.

ހިތާމަ އަކީ ރައްޔިތުންގެ ފައިސާ އަށް ބޭންކުން އިހުމާލުވާތީއެވެ. އަހަރު ދުވަހު އެއްކުރާ މަދު ފައިސާ ކޮޅު، ފަޅި ސިކުންތެއްގެ ތެރޭގައި ގެއްލި ހުސްވެގެން ދިއުމަކީ ބަރުދާސްތު ކުރަންވެސް ދަތި ހިތްދަތި އިހުސާސެއް ކުރުވާނެ ކަމެކެވެ.

ބައެއް ފަހަރު ބީއެމްއެލް ޑޮލަރު އެކައުންޓުން ރުފިޔާ އެކައުންޓަށް އަމިއްލަ އަށް ފައިސާ ޓްރާންސްފާ ވެއެވެ. އަނެއްބައިފަހަރު ފައިސާ ގެއްލޭ ވާހަކަ ދައްކާ ކަސްޓަރުންގެ އެކައުންޓް ތަކުން އުސޫލުތަކާއި ހިލާފަށް ހިތްރުހޭ މިންވަރަކަށް ފައިސާ ކަނޑާލައެވެ.

ބީއެމްއެލްގެ ލުއި ނަމަވެސް ބުރަ ބޮޑު ލޯނަކީ ދެއްކިޔަސް ދެއްކި އަދަދު މަދު ނުވެ ބަރާބަރަށް އިންޓްރެސްޓް އަރާ ގޮތަށް ކަރަށް މަހާލެވޭ ދަންތުރައެކެވެ.

ގިނަ މީހުންނަކީ ލިބޭ އާމްދަނީ އިން ކިރިޔާ ޒަރޫރީ ބޭނުންތައް ފުއްދާލައިގެން ދިރިއުޅުމުގެ ހަރަދުތައް ބަލަހައްޓަމުންދާ ބައެކެވެ. އެހެންކަމުން ކޮންމެހެން ކުރަންޖެހޭ ހަރަދެއް ކުރުމަށް ކޮންމެވެސް ކަހަލަ ލޯނެއް ނަގަންޖެހެއެވެ. ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ފެށިގެން އެންމެ އާދައިގެ ނިކަމެތި ރައްޔިތު މީހާ އަކީ ބީއެމްއެލްގެ ލުއި ލޯނުގެ އަޅެކެވެ. އެ ނަގަންޖެހެނީ ގިނަ ފަހަރު މަޖުބޫރު ވެގެންނެވެ. އެ ނެގުމަށްފަހު ބަރާބަރަށް ދައްކަމުން ދިޔަ ނަމަވެސް އަދި ނުދެއްކި ނަމަވެސް ބޭންކުން އެ ފައިސާ ހޯދާނެއެވެ.

ލޯނަކީ އަނބުރާ ދައްކަންޖެހޭ އެއްޗެއް ކަމާއި މެދު ދެބަސްވުމެއް ނެތެވެ. ނަމަވެސް އެ ލޯނު އަދާ ކުރުމުގައި ލުއިފަސޭހަ އިންތިޒާމެއް ހަމަޖެހިފައި އޮތުމަކީ މުހިއްމު ކަމެކެވެ. ލުއި ލޯނުގެ އިތުރުން ކްރެޑިޓް ކާޑު ތަކާއި އިންޓަރނެޓް ބޭންކިންގ އާއި ޕޭމެންޓް ގޭޓްވޭ އާއި މިފަދަ ހިދުމަތްތައް ތައާރަފް ކުރި ނަމަވެސް ހިދުމަތުގެ ރައްކާތެރިކަން ކަށަވަރުވެފައިވަނީ ކިހާ މިންވަރަކަށް ތޯ ޔަގީން ކުރުމަކީ ހިދުމަތް ދޭ ފަރާތުގެ ޒިންމާ އެކެވެ.

ރައްޔިތުން ބޭންކުގައި ފައިސާ ރައްކާ ކުރަނީ ނުހަނު އިތުބާރުކޮށްގެންނެވެ. އެއިތުބާރު ގެއްލުވާލުމުން  ރައްޔިތުން މާޔޫސްކަންމަތީ ދެއަތް އުރާލައިގެން ތިބެން ޖެހުމަކީ ހިތާމަވެރި ކަމެކެވެ. ބީއެމްއެލް އިން ރައްޔިތުން އަވާ މެންދުރެއްގައި ޖައްސައި ރައްޔިތުން ނިކަމެތި ކުރަނީ ހިތުހުރިގޮތަކަށެވެ.

ބީއެމްއެލް ޖަވާބުދާރީ ކުރުމަށް ދައުލަތުގެ މުއައްސަސާ ތަކުން މަސައްކަތްތައް ކުރި ނަމަވެސް މިހާތަނަށް އެދެވޭ ހައްލެއް މިކަމުގައި ލިބިފައިނުވާކަން ހިތާމައާއި އެކު ފާހަގަކޮށްލަމެވެ.

ބީއެމްއެލް އިން ފައިސާގެ ވަގު މުއާމަލާތްތައް ކުރި ކާޑުތައް ބްލޮކް ކުރިނަމަވެސް ގެއްލިގެން ދިޔަ ފައިސާ އަނބުރާ ކަސްޓަމަރަށް ދެވޭނެ ތޯ މިއީ އުފެދޭ ސުވާލެވެ.

ބީއެމްއެލް މެދުވެރިކޮށް ކާޑްގެ މައުލޫމާތު ލީކު ނުވާ ކަމަށް އެބޭންކުން ބުނި ނަމަވެސް ގިނަފަހަރު ބޭންކްގެ ނަމުގައި އަންނަ ފޭކް ކޯލްތަކުގެ ޒަރިއްޔާއިން އެ މައުލޫމާތުތައް ލީކްވެގެންދާ ދިއުމުގެ ޒިންމާ ނަގާނީ ކަސްޓަމަރުތޯ ނުވަތަ ބޭންކުން ތޯ މިއީ ބޮޑު ބަހުސެކެވެ.

ބީއެމްއެލްގެ އަކައުންޓަކުން ބީއެމްއެލް އަށް ނޭނގި ފައިސާ ގެއްލުމަކީ މި ފަހުގެ ތާރީހެއްގައި ހިނގާނެ އެންމެ ބޮޑު ހައިރާން ކުރުވަނިވި އެއް ކަންތަކެވެ. އެކަން އެގޮތަށް ދިމާވާ ނަމަ ވޭތުވެދިޔަ މާޒީގައި ހިދުމަތަށް 40 އަހަރު ފުރިގެން ދިޔައިރު ލިބުނު އެއްވެސް ކުރިއެރުމެއް ނެތް ކަމަށް ދަންނަވަން ޖެހެނީ ހައިރާން ކަމާ އެކުގައެވެ.

 

 

 

 

 

 

ފައިސާ ގެއްލޭ މައްސަލައިގައި ބީއެމްްއެލް އިން ބުނަމުންދަނީ އިންޓަރނެޓް ބޭންކިންގ ގެ ޕާސްވޯޑް ދެއިރު ކާ ބޭހެއް ހެން ބަދަލުކުރުމަށެވެ. ނަމަވެސް ޕާސްވޯޑް އަވަސް އަވަހަށް ބަދަލުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ބީއެލްއެލް އެކައުންޓްތައް ހެކްކުރުމަށް ހެކަރުން ބޭނުންކުރާ އުކުޅުތައް ވަނީ ފުލުހުންނަށް ދެނެގަނެވިފައެވެ. ނޫސްތަކުގައާއި ހޭލުންތެރި ކުރުމަށް ބީއެމްއެލް އިން މީސްމީޑިއާގައި އާއްމު ކުރާ ވީޑިއޯ ތަކުގައިވެސް ބުނެފައިވަނީ ލިންކްތަކަށް ނުފިތުމަށެވެ. ގިނަ ފަހަރު ފޯނަށް ބޭންކްގެ ނަމުގައި ފޮނުވާލާ ލިންކް މެދުވެރިކޮށް އެކައުންޓްްގެ ވެރިފަރާތުގެ އީމެއިލް އެޑްރެސް އާއި ޕާސްވޯޑް ހެކަރުން ހޯދައެވެ. އެއަށްފަހު އެ މައުލޫމާތުގެ އެހީގައި އީމެއިލް އެޑްރެސް ހެކްކުރާ ފަރާތުގެ ބެލުމުގެ ދަށަށް ގެންގޮސް ބީއެމްއެލް އެކައުންޓް ގެ ކޮންޓްރޯލް ނަގައެވެ.

އިންޓަރނެޓް ބޭންކިންގ ގެ އޯޓީޕީ ގިނަފަހަރު އީމެއިލް މެދުވެރިކޮށް ލިބެއެވެ. އަދި ޔޫޒަރ ނޭމް ނުވަތަ ޕާސްވޯޑް ފޮނުވަނީ ވެރިފަރާތުގެ އީމެއިލް އެޑްރެސް އަށް ކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ގެ ހިދުމަތުގެ ޕާސްވޯޑް ރީސެޓް ކުރާ ލިންކް ފޮނުވަނީ ހިދުމަތަށް ރަޖިސްޓަރ ކޮށްފައިވާ އީމެއިލްއަށެވެ. އެހެންކަމުން އީމެއިލް މެދުވެރިކޮށް އެކައުންޓް ހޯދުމަކީ ފަސޭހަ ކަމެކެވެ.

މިކަންކަމުން ރައްކާތެރިވުމަށް ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް މި މެސެޖްތައް ފޮނުވާ ފަރާތްތައް ހޯދައި އެމެސެޖްތައް ނުފޮނުވޭނެ ފަދަ ގޮތެއް އޮންނާނެ ކަމަށް ގަބޫލުކުރެވެއެވެ.

މިއީ 21 ވަނަ ގަރުނު ކަމަށްވެފައި ޓެކްނޮލޮޖީގެ ގޮތުން ދިވެހިރާއްޖެ ވެސް ކުރިއަރަމުންދާއިރު ބީއެމްއެލް އެކައުންޓްތައް ހެކްކޮށް އަދި އެކަން ކުރުމަށް މަގުފަހިވާ ގޮތަށް ކުރެވޭ މަސައްކަތްތައް ނުހުއްޓުވުމަކީ ގަރުނުގެ ބޮޑު ޖޯކެވެ.

ލިންކް ތައް ފޮނުވާ މީހުންނާއި ބީއެމްއެލް ވެބްސައިޓްގެ އަސްލާއި އެއްގޮތަށް ސައިޓްތައް ހަދައިގެން އެމަސައްކަތް ކުރާ މީހުން ހޯދައި އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ބީއެމްއެލްގެ މައްޗަށް ލާޒިމް ކަމެކެވެ.

ވިޔަފާރިތަކުގައި ފުޅާ ދާއިރާއެއްގައި ބީއެމްއެލްގެ ކާޑު ބޭނުން ކުރެވެމުންދާއިރު، ކާޑުގެ ޕިން ނަމްބަރު ޖަހާއިރު ކަސްޓަމަރުގެ ބޮލާއިދިމާ މަތީގައި ހަރުކުރެވިފައި ހުންނަ ކެމެރާ އަށް ޕާސްވޯޑް ޖަހާ މަންޒަރު ފެނެއެވެ. ފަހަރުގައި އެގޮތުން އެ މައުލޫމާތު ހޯދައިގެން އެކާޑުން ފައިސާ ނެގުމުގެ ފުރުސަތު އޮތުމަކީ ވެސް ވެދާނެ ކަމެކެވެ.

މީގެ އިތުރުން މިހާރު ބީއެމްއެލް އާއި އެހެނިހެން ބޭންކް ތަކުން ދޫކުރާ ކާޑުތަކަކީ ވައިފައި ކާޑުތަކަށް ވުމުން އެ ކާޑުތަކުގައި ޕާސްވޯޑް ޖަހަން ނުޖެހުމަކީ ވެސް ކާޑު ވަގަށް ނަގާ ފަރާތަށް ފަސޭހަ ކަމެކެވެ. މީގެ ދުވަސްކޮޅެއް ކުރިން ކާޑު ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ވެރިފަރާތުގެ އެނގުމަކާއި ނުލާ ކުރަމުންދިޔަ މައްސަލައެއްވެސް ވަނީ ފުލުހުންގެ ސަމާލު ކަމަށް އައިސްފައެވެ.

އަކަށް ތައާރަފްކޮށްގެން ކުރިއަށްގެންދާ ކިޔުއާރު ކޯޑް ސްކޭންކޮށްގެން ފައިސާ ދެއްކުމުގެ ހިދުމަތުގައިވެސް މައްސަލަތަކެއް އުޅޭ ކަމަށް ބައެއް ކަސްޓަމަރުން ވަނީ ސޯސަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މައްސަލަތައް ސަމާލުކަމަށް އައި ނަމަވެސް އެކަމަށް އެދެވޭ ހައްލެއް ލިބިފައިނެތުމަކީ އެކަން ކުރާ މީހުންނަށް ލިބޭ ހިތްވަރެކެވެ. މި މައްސަލަ ފެށުނު ގޮތާއި މައްސަލަ ހިނގާ ގޮތް ހޯދުމަށް ބޮޑު ތަހުގީގެއް ކުރަން ޖެހެއެވެ. ތަހުގީގު ހިންގައި އަދަބު ދޭންޖެހޭ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބު ދެވިގެން މެނުވީ މިފަދަ ކުށްތައް ނުހުއްޓުވޭނެއެވެ.

ބީއެމްއެލްގެ ވެބްސަައިޓްގައި ކޮރަޕްޝަން ހުއްޓުވާނެ ކަމަށް ބުނެ އެކަމާއި ގުޅޭ މައުލޫމާތާއި އެމައްސަލަ ހުށަހަޅާނެ ގޮތް ބަޔާންކޮށްފައި އޮތުމަކުން ނުފުދެއެވެ. ފުރަތަމަ ކަމަކަށް ބޭންކް ތެރޭގައި އެފަދަ ކަމެއް ހިނގާތޯ ބަލައި ހިނގާނަމަ އެކަމަށް ފިޔަވަޅު އަޅަން ޖެހެއެވެ. އެއަށްފަހު އެވާހަކަ ދެއްކުން މާ އައުލާކަން ބޮޑު ކަމަށް ގަބޫލުކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: