ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އާ ބައްދަލުކުރިކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ޖުމްހޫރީ ޕާޓީން ދޮގުކޮށްފިއެވެ.
ނަހުލާއާއި ފާތިމަތު އިބްރާހިމް އާ ބައްދަލުކުރި ކަމަށް ބުނެ އެމްވީ ކްރައިސިސް ނަމަކަށް ކިޔާ އޮންލައިން މީޑިއާއެއްގައި ވާ ހަބަރަކީ ދޮގު ހަބަރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސާލިހް ވަނީ ވިދާޅުވެފައެވެ.
އަލީ ސާލިހް ވިދާޅުވީ ނަހުލާ ވަނީ ހުޅުމާލޭގައި ހުންނަ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފީހުން މާލެ ވަޑައިގެންނެވި މަގުމަތީގައި އާއިލާ ބޭފުޅުން ކޮޅެއް ޗީބޯ ގައި ތިއްބެވުމާއެކު އެތަނަށް ވަޑައިގަންނަވާފައި ކަމަށެވެ. އަދި އެވަގުތު އެ މަންޒަރު ތަސްވީރު ކޮށްގެން ދޮގު ހަބަރު ފެތުރުމަކީ ނާތަހުޒީބު އަމަލެއް ކަމަށް އަލީ ސާލިހް ވަނީ ވިދާޅުވެފައެވެ.
އަލީ ސާލިހް ވިދާލުވީ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގެ ސަބަބުންނާއި އެ ކޮންފަރެންސްގެ ތެރެއިން ފެނިގެންދިޔަ ކަންތައްތަކުގެ ސަބަބުން އިދިކޮޅޫ ފަރާތްތަކުގެ ޖަޒުބާތުތައް ބަންޑުންވަމުން ދާ ކަމަށެވެ. އެގޮތުން މިދުވަސްވަރު ގަހަކުން ފަތެއް ހެލިލިޔަސް ވައިރޯޅިއެއް ޖެހިލިޔަސް އެއީ ޖުމްހޫރީ ޕާޓީގެ ރަތް ފިޔަތަކާއި މާތައް އެތަން މިތަނުން ފޮޅެނީއޭ ހީވާނެ ކަމަށް އަލީ ސާލިހް ވަނީ ވިދާޅުވެފައެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޖޭޕީގެ ލީޑަރު ގާސިމް އިބްރާޙިމް ގެންދަވަނީ ސަތޭކަ މިލިއަން ޑޮލަރަށް ވުރެ ބޮޑު ލޯނަކަށް ސޮވެރިން ގެރެންޓީއެއް ހޯދުމަށް ސަރުކާރަށް ޕްރެޝަރ ކުރަމުން ކަމަށް ބުނެ ބައެއް އޮންލައިން މީޑިއާ ތަކުގައި ހަބަރު ފެތުރިފައިވެއެވެ. އެ ހަބަރު ހިއްސާކުރައްވައި އެ ހަބަރަކީ ދޮގު ހަބަރެއް ކަމަށް ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
ޖޭޕީގެ ލީޑަރު އެއްވެސް ހާލެއްަގައި އެފަދަ ކަމަކަށް އެދިލައްވާފައި ނުވާ ކަމަށާއި އެފަދަ ވާހަކަ ފަތުރަނީ ކީއްވެގެންކަން އިނގޭ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.

