އަދާލަތު ޕާޓީ އަކީ ހަގީގީ އެޖެންޑާ އޮޅުވާލައިގެން ހަރަކާތްތެރިވަމުންދާ ޕާޓީއެއްކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އަދާލަތުގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ފޮޓޯއެއް ސޯޝަލްމީޑިއާގައި ޝެއަރކުރައްވާ ޖަމީލު ވިދާލުވީ، އަދާލަތު މިހާރު ހަރަކާތްތެރިވަމުންދަނީ އިސްލާމް ދީނުގެ ބަލަދުވެރިން ކަމަށް ހެދިގެން ކަމަށެވެ. އެހެންނަމަވެސް އޭނާ އަަދި އަދާލަތު ޕާޓީއިން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދިފާއުކުރައްވަމުންދާތީ، އެކަމުން އެކަނިވެސް އަދާލަތު ޕާޓީގެ މާއްދިޔަތުގެ އެޖެންޑާ ހާމަވެގެންދާކަމަށް އޭނާ ވިދާޅުވިއެވެ.
ދީނުގެ ބަލަދުވެރިން ކަމަށް @AdhaalathOffice ހެދެން އުޅުނަސް މި ސަރުކާރު ދިފާޢުކުރުމުން އެކަނިވެސް އެ ޕާޓީގެ މާއްދިއްޔަތުގެ އެޖެންޑާ ހާމަވޭ. އެތައް މިސްކިތުން އާންމުން ފައިބައި އެޕާޓީގެ އިސްވެރިން އިމާމްކަން ކުރަން ފެށުމުން! އެއީ ލައްކަ ވާހަކަ. pic.twitter.com/044JBt8eEs
— Mohamed Jameel Ahmed (@MJameelAhmed) March 2, 2023
އަދާލަތު ޕާޓީއަކީ އެ ޕާޓީ ވުޖޫދުވެގެން އައި މަގުސަދު އޮޅުވާލައިގެން މަސައްކަތްކުރާ ޕާޓީއެއްކަމަށް ފާހަގަކުރައްވާ ޖަމީލު ވިދާޅުވީ، އެ ޕާޓީގެ އިސްވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުން އިމާމުކަން ކުރައްވާނަމަ، ގިނަ އަދަދެއްގެ އާންމުން އެ މިސްކިތަކުން ނުކުމެގެންދާކަމަށެވެ.
އަދާލަތު ޕާޓީއިންވަނީ ރައީސް ސާލިހު އާއިއެކު ރިޔާސީ އިންތިހާބުގައި މަސައްކަތްކުރުމަށް ނިންމާފައެވެ. އެހެންނަމަވެސް އަދާލަތުގެ ބެލުމުގެ ދަށުން ހޯމް މިނިސްޓްރީ ހިނގަމުންދާއިރު، މި ދައުރުގައި ދިވެހި މުޖުތަމައުގެ ތެރޭގައި ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާތީ އެ ޕާޓީއަށްވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

