ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަސޭހަތުގެ އެއްބަސްވުމާއި، އިޢުތިރާފުގެ އެއްބަސްވުން. މަގުސަދަކީ ކޮބާ؟

ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ނެއްޓި ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް އަރާ މިއަދު ތަރައްގީވެފައިވާ ގައުމަކަށް ވުމަށް ކުރަމުންދާ މަސައްކަތުގައި އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި ކުރިމަތިލާން ޖެހިފައިވަނީ ރާއްޖޭގެ ކުށްކުރުން އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިއުމެވެ. މިއަދު ރާއްޖޭގައި ކުށުގެ ވެށި އޮތް ހާލަތަށް ބަލާއިރު ކުށް ކުރާ މީހުން ކޮށްފަ ނުކުރާނެ ކުށެއް ހިތަށް ތަސްވަރުކޮށްލަން ވެސް ނޭނގެއެވެ. އެހާމެ ބިރުވެރިއެވެ.

ކޮންމެއަކަސް ރާއްޖޭގައި ކުށްކުރުން އަތުފަތު ނުޖެހޭ ހިސާބަށް ގޮސްފައިވާއިރު މިއަދު ދައުލަތުން ގެންގުޅޭ އެއްވިސްނުމަކީ ކުށް ކުރުން މަދު ކުރުމަށްޓަކައި ކުށުގެ ތުހުމަތު ކުރެވޭ ފަރާތަށް ނަސޭހަތް ދިނުމެވެ. ނުވަތަ ކުށުގެ އިޢުތިރާފުގެ އެއްބަސްވުން ހެދުމެވެ. މިއަދު ރާއްޖޭގެ ކުށުގެ ވެށި އޮތްގޮތަށް ބަލާއިރު މިއީ ފަހަރުގައި ރަނގަޅު ކަމެއް ކަމަށް ވެސް ވެދާނެއެވެ. ރަނގަޅު ގޮތުގައި ތަންފީޒް ކުރެވިއްޖެނަމަ ކުށުގެ ވެށިން އަންނަން އޮތް ޖީލު ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދަކަށް ވެސް ވެދާނެއެވެ. އެހެން ކަމުން ނަސޭހަތް ދިނުމާއި އިޢުތިރާފުގެ އެއްބަސްވުން ހަދާ ގޮތާއި އޭގެ މަގުސަދު އެނގިތިބުމަކީ މުހިންމު ކަމެއްކަން ޔަގީނެވެ.

ނަޞޭޙަތުގެ އެއްބަސްވުމަކީ، ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވާ މީހުންގެ ތެރެއިން އަލަށް ކުށްކުރާ މީހުންނާއި ނިސްބަތުން ކުދިކުދި ކުށް ކުރާ މީހުން އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުން، އަދި އެމީހުންނަށް އިތުރު ފުރުޞަތުދީ، މުޖުތަމަޢަށް ރުޖޫޢަވެ، މުޖުތަމަޢުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްއާއި ނަޞޭޙަތްދީ ދޫކޮށްލެވޭ މީހާއާ (ކުށުގައި ތުހުމަތުކުރެވޭ މީހާ) އާ ދެމެދު ވެވޭ އެއްބަސްވުމެކެވެ. މިވާހަކަ އޮތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 97 ވަނަ މާއްދާގައެވެ. މި އެއްބަސްވުމުގެ މުއްދަތަކީ 3 އަހަރު ދުވަހެވެ.

މި އެއްބަސްވުން ކުށުގެ ތުހުމަތު ކުރެވޭ މީހާއާ ހަދާ މުއްދަތުގެ ތެރޭގައި ނަޞޭޙަތުގެ އެއްބަސްވުން ވެވުނު މީހާ، އެއްބަސްވުމުގައިވާ މާއްދާތަކާ އެއްގޮތަށް ޢަމަލުކޮށްފިނަމަ، އޭނާގެ މައްސަލަ ފައިލްކުރުމަށްޓަކައި ތަޙްޤީޤީ އިދާރާއަށް އަނބުރާ ފޮނުވާލެވެއެވެ. އެހިސާބުން، އެމީހެއްގެ ކުށުގެ ރެކޯޑެއްވެސް ނޯންނާއެވެ.

ނަޞޭޙަތުގެ އެއްބަސްވުމެއް ވުމަށްޓަކައި، އެމައްސަލައިގައި، ތުހުމަތުކުރެވޭ މީހާ، ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވެ، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ޤަބޫލުވާންޖެހެއެވެ. ނަޞޭޙަތުގެ އެއްބަސްވުމެއް ހަދަން ޤާނޫނުން ހުއްދަ ކުރަނީ، އެމީހާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ، 1 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބު ހިމެނޭ ކުށަކަށްނުވާ ނަމައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން، ދަޢުވާ ކުރުމުގެ ބަދަލުގައި ނަޞޭޙަތްދީ، މައްސަލަ ނިންމުމާމެދު ޕްރޮސިކިއުޓަރ ޖެނެރަލަށް ލަފާދިނުމަށްޓަކައި “ދަޢުވާ ކުރުމުގެ ބަދަލުގައި ނަޞޭޙަތްދީ ދޫކޮށްލުމުގައި ގޮތެއް ކަނޑައެޅުމުގައި ލަފާދޭ ކޮމިޓީ” ގެ ނަމުގައި ކޮމިޓީއެއް އޮވެއެވެ. ނަޞޭޙަތުގެ އެއްބަސްވުމެއް ވެވިދާނެތޯ ނުވަތަ ނޫންތޯ ބަލައި، ފަންނީ ގޮތުން ލަފާދޭނީ މިކޮމިޓީންނެވެ. މިކޮމިޓީން ދޭ ލަފައަށް ބަލައި، ނަޞޭޙަތުގެ އެއްބަސްވުމެއް ވާނެކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ޕްރޮސިކިއުޓަރ ޖެނެރަލެވެ.

ނަޞޭޙަތުގެ އެއްބަސްވުމެއް ވެވިދާނެތޯ ބެލުމަށް، ލަފާދޭ ކޮމިޓީއަށް ދެގޮތަކަށް މައްސަލަ ހުށަހެޅިދާނެއެވެ. ފުރަތަމަ ގޮތަކީ، ކުށުގެ ތުހުމަތުގައި ހުރި މީހާގެ އަމިއްލަ އިސްނެގުމަކުން، “އިޢުތިރާފުގެ އެއްބަސްވުމެއް ނުވަތަ ނަޞޭޙަތުގެ އެއްބަސްވުމެއް ވުމަށް އެދި ކުށުގެ ތުހުމަތުގައިވާ މީހާ ހުށަހަޅާ ފޯމު” އިން އެކަމަށް އެދި ހުށަހެޅުމެވެ. އެފޯމު،  ދެވަނަ ގޮތަކީ، ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ޕީޖީ އޮފީހުން އެމައްސަލަ ދިރާސާ ކުރައްވާ ޕްރޮސިކިއުޓަރަށް ފެނިގެން ލަފާދޭ ކޮމިޓީއަށް މައްސަލަ ހުށަހެޅުމެވެ.

ނަޞޭޙަތުގެ އެއްބަސްވުމެއް ހެދުމަށް ޤާނޫނު ހުއްދަކުރަނީ، އެކަމަށް ޝަރުޠުހަމަވާ މައްސަލަތަކުގައެވެ.  ދަޢުވާ ކުރުމުގެ ބަދަލުގައި ނަޞޭޙަތުގެ އެއްބަސްވުމެއް ހެދުމުގެ ބޭނުމަކީ، އެމީހާ އަލުން އަނބުރާ ކުށްކުރުމުގެ ތެރެއަށް ނައުމަށް ބާރު އެޅުމެވެ. ނަމަވެސް، އެމަޤްޞަދު ޙާޞިލުނުވާ ގޮތަށް، ނަޞޭޙަތުގެ އެއްބަސްވުމެއް ވުމަށްފަހު އަލުން ކުށްކުރާކަމަށް ތުހުމަތުވެއްޖެނަމަ، ނަޞޭޙަތުގެ އެއްބަސްވުމުގެ ބޭނުމެއް ނެތެވެ. ނަޞޭޙަތުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 3 އަހަރުގެ ތެރޭގައި ތިރީގައިވާ އެއްވެސް ކަމެއް ކޮށްފިނަމަ، ނަޞޭޙަތުގެ އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

މީގެ އިތުރުން، ނަޞޭޙަތުގެ އެއްބަސްވުމެއް ބާޠިލްކުރެވުނީ އިތުރު ކުށެއް ކުރި ޙާލަތުގައިނަމަ، އެކުށުގެ ދަޢުވާއާއެކު އެކުށާ ގުޅިގެން ނަޞޭޙަތުގެ އެއްބަސްވުން ވެވުނު ކުށުގެ ދަޢުވާވެސް ކުރެވޭނެއެވެ.

ދެން އޮތީ އިޢުތިރާފުގެ އެއްބަސްވުމެވެ. މިއީ، ނަޞޭޙަތުގެ އެއްބަސްވުމެއްވާން ޝަރުތު ހަމަނުވާ މައްސަލަތަކުގައި، ނުވަތަ އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެންނަ ޙާލަތުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގެ ގޮތުން، ކުށުގެ ތުހުމަތުގައި ހުރި މީހާއާއި ޕްރޮސިކިއުޓަރ ޖެނެރަލާ ނުވަތަ ދައުލަތާއި ދެމެދު ވެވޭ އެއްބަސްވުމެކެވެ.

އިޢުތިރާފުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހަޅާނީ އެކަމަށް ޚާއްސަ ކޮށްފައި އޮންނަ “އިޢުތިރާފުގެ އެއްބަސްވުމެއް ނުވަތަ ނަޞޭޙަތުގެ އެއްބަސްވުމެއް ވުމަށް އެދި ކުށުގެ ތުހުމަތުގައިވާ މީހާ ހުށަހަޅާ ފޯމު” މެދުވެރިކޮށެވެ.  ނަޞޭޙަތުގެ އެއްބަސްވުމާ ޚިލާފަށް، އިޢުތިރާފުގެ އެއްބަސްވުމެއް ވުމުގައި ވަކި ކަހަލަ ކުށެއްކަމަށް ވާކަށް ނުޖެހެއެވެ. ކޮންމެ ކަހަލަ ކުށެއްގައިވެސް އިޢުތިރާފުގެ އެއްބަސްވުމެއް ހެދިދާނެއެވެ. އެކަމަށްޓަކައި ބޭނުންވަނީ، ކުށަށް އިޢުތިރާފު ވުމެވެ. ކުށަށް އިޢުތިރާފުވުމުގެ މުޤާބިލުގައި ދައުލަތުން ހުށަހަޅަނީ، އަދަބު ލުއި ކޮށްދިނުމަށެވެ.

އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން އަދަބު ލުއިކޮށްދެވޭނީ، ޤާނޫނުގައި އެކުށަކަށް ކަނޑައެޅިފައިވާ އެންމެ ކުޑައަދަބަށްވުރެ ދަށްނުވާނެ އަދަބަކަށެވެ. ނުވަތަ؛ ކުށުގެ ތުހުމަތުގައިވާ މީހާ ކުރި ކުށުގެ ޒާތަށާއި، ޠަބީޢަތަށާއި، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް، ކުށަށް ކަނޑައެޅޭނެ އަދަބު، ވަކި ޙާލަތެއްގައި މަތިވާނެކަމަށް ޤާނޫނުގައި ކަނޑައެޅިފައިވާނަމަ، ކަނޑައެޅިފައިވާ އެންމެ ކުޑައަދަބަށްވުރެ ދަށް ނުވާނެ އަދަބަކަށެވެ.

ހަމައެހެންމެ ޤާނޫނުގައި ކުޑަ އަދަބު ކަނޑައެޅިފައިނުވާނަމަ، އެކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަނުވާނެ އަދަބަކަށް ވެސް އެދެވޭނެއެވެ.

ދައުލަތާއި ކުށުގެ ތުހުމަތުކުރެވޭ މީހާއާ ދެމެދު އިޢުތިރާފުގެ އެއްބަސްވުމެއް ހެދުމަށްފަހު، ޝަރީޢަތުގައި އޮންނަ އަޑުއެހުމުގައި އެއެއްބަސްވުން ދައުލަތުން ކޯޓަށް ހުށަހަޅާނެއެވެ. އެހުށަހެޅުމާއެކު، އެއްބަސްވުން ވެފައިވަނީ ދެފަރާތުގެ ރުހުން އޮވެގެންކަން ނުވަތަ ނޫންކަމުގެ މައްޗަށް ވާހަކަ ދައްކައި، އިޢުތިރާފު އެއްބަސްވުން ބަލައިގަތުމާމެދު ކޯޓުން ގޮތެއް ނިންމާނެއެވެ. އެއްބަސްވުން ބަލައިގަންނަކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، އެއްބަސްވުމާ އެއްގޮތަށް އަދަބު ކަނޑައަޅުއްވާނީ ކޯޓުންނެވެ. އެއްވެސް ސަބަބަކާހުރެ އެއްބަސްވުން ބަލައިނުގަތުމަށް ކޯޓުން ނިންމައިފިނަމަ، ދަޢުވާ ލިބޭ މީހާއަށް، އޭނާ އިޢުތިރާފުގެ އެއްބަސްވުން ވުމަށްޓަކައި ވެފައިވާ އިޢުތިރާފުން ރުޖޫޢަވުމަށް ކޯޓުން ފުރުޞަތު ދޭނެއެވެ.

ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުން ރުޖޫޢަވެއްޖެނަމަ، އެމައްސަލައެއްގައި ދައުލަތުން ހުށަހަޅައިފައިވާ ހެކިތަކުގެ މައްޗަށް ޝަރީޢަތް ކުރިއަށް ގެންދާނީއެވެ. އެހިސާބުން، ކުރިން ދިނުމަށް އެއްބަސްވެފައިވާ ލުއިތައް ދިނުމުގެ ކަންތައް ނިމުނީއެވެ.

ކޮންމެއަކަސް ކުށުގެވެރިން މީހުން ސަލާމަތް ކުރުމަށްޓަކައި ކިތަންމެ ގާނޫނެއް ގަވާއިދެއް އެއްބަސްވުމެއް ހެދިދާނެއެވެ. ނަތީޖާއެއް ނިކުންނާނީ އެ އެއްޗެއް ތަންފީޒް ކުރެވިގެންނެވެ. އެކަން ކުރެވޭނީ މުޅި މުޖުތަމަޢުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންނެވެ. އެ ނޫން ގޮތަކަށް އެކަން ކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: