ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅިގެން އެކުގައި މަސައްކަތް ކުރުމަށްވުރެ ރަނގަޅު ގޮތެއް ނެތް!

ރައީސް ސާލިހް އާއި ކުރީގެ ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ދުވަސްވަރަކީ އިންތިހާބަށް ތައްޔާރުވަމުންދާ ދުވަސްވަރެވެ.

ސިޔާސީ ޕާޓީތަކުން ދުރާލާ އިންތިހާބަށް ތައްޔާރުވަމުންދާއިރު ވެރިކަމުގައި އޮތް އެމްޑީޕީގެ ތެރޭގައި އޮތީ ހަމަނުޖެހުންތަކެއް އުފެދިފައެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހް ގެންދަވަނީ ކޯލިޝަން ހެދުމުގެ މަސައްކަތުގައި އަވަދިނެތިކޮށް އުޅުއްވަމުންނެވެ. އެގޮތުން އެކި ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާތައް ކުރައްވާ މަންޒަރު ފެނިގެންދެއެވެ.

އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އަދިވެސް ހުންނެވީ ގޮތް ދޫކުރާކަށް ނޫނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބަށްފަހު ބަލި ގަބޫލު ކުރުމަށް ދެކޮޅު ހައްދަވައި ރައީސް ނަޝީދު މަސައްކަތް ކުރަނީ އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ގެއްލުވާލުމަށް ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ބުނަން ފަށައިފިއެވެ.

އެމްޑީޕީގެ ތެރޭގައި ހިމެނޭ ދެ ފެކްޝަން ކަމަށް ވާ ރައީސް ސާލިހް ފެކްޝަނާއި ރައީސް ނަޝީދުގެ ފެކްޝަނުން ބަހުގެ ހަމަލާތަކެއް ބަދަލުކުރަމުން ގެންދާތާ ދުވަސްތަކެއް ފާއިތުވެގެން ގޮސްފިއެވެ. ރައީސް ސާލިހްއަށް ތާއީދު ކުރާ މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުން ބުނަމުންދަނީ ރައީސް ނަޝީދު ރައީސް ސާލިހްގެ ފަހަތަށް އަރަންޖެހޭ ކަމަށެވެ.

އެމްޑީޕީ އަށް ރަނގަޅު ގޮތަކީ އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ގުޅިގެން އެކުގައި މަސައްކަތް ކުރުން ކަމަށް ރައީސް ސާލިހްގެ ފަރާތުން ބަސް ބުނަމުންގެންދާ މެމްބަރުން ބުނެއެވެ. އެކަމުގައި އެކުލެވޭ ހަގީގަތް މާޒީން ފެނިގެން ގޮސްފައިވާތީ ހުރިހާ މެމްބަރުން އެދެނީ އަދި ބޭނުންވާނީ ރައީސް ނަޝީދު ރައީސް ސާލިހް އާއި އެކު މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށެވެ.

ރައީސް ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި ރިޔާސީ ޕްރައިމަރީގައި އޮޅުވާލުން ތަކެއް އެކުލެވެއެވެ. އެމަނިކުފާނަށް ލިބެން ހުރި ގިނަ ވޯޓްތައް ގެއްލިގެން ދިއުމުގެ ފަހަތުގައި ރައީސް ސާލިހަށް ތާއީދު ކުރާ މެމްބަރުންގެ ބައިވެރިވުމެއް އޮތް ކަމަށް ރައީސް ނަޝީދު ގަބޫލުކުރައްވައެވެ. ނަމަވެސް ރައީސް ސާލިހްގެ ސަޕޯޓަރުންނާއި ތާއީދު ކުރާ މެމްބަރުން ބުނާ ގޮތުގައި އިންތިހާބު ބޭއްވިގެން ދިޔައީ އިންސާފުވެރިކަމާއެކީގައެވެ.

މި ފަހަކަށް އައިސް ރައީސް ނަޝީދު ފެންނަމުންދަނީ ވާދަވެރި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އެކީގައެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް އަށް ވަރަށް ބޮޑަށް ތާއީދުކުރައްވައި އެމަނިކުފާނުގެ ވާހަކަ ނަޝީދު ދެއްކެވުމަށްފަހު ފެނިގެން ދިޔައީ ގާސިމް ނަޝީދަށް ތައުރީފް ކުރެއްވި މަންޒަރެވެ. އެވަރުން އަދި ނިމުނީކީ ނޫނެވެ. ގާސިމްގެ ޕާޓީގެ ކޮންފަރެންސް ގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ރައީސް ނަޝީދަށް ދައުވަތު އަރުވައި އެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެގެންދިޔަ މަންޒަރު ފެނުމުން ހަމަ ގައިމުވެސް އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަ ނުޖެހޭނެއެވެ.

ގާސިމް އަކީ މާޒީގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރުމަށް އިސް ދައުރެއް އަދާކުރި ބޭފުޅެއްކަން އެމްޑީޕީގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެގޮތުން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވެއްޓުނު ކަމަށް އެމްޑީޕީ އިން ކަނޑައެޅިއެވެ. އެދުވަހު އެންމެ ގަދައަށް އަތްޖަހައި އުފާފާޅުކުރި އެކަކުގެ ތެރޭގައި ގާސިމް އިބްރާހިމް ހިމެނިގެން ދިޔަކަން ވީޑިއޯތަކުން ހުރީ ފެންނާށެވެ. އެދުވަހު ލޭ އޮހޮރުވުމަކަށް ނުގޮސް ވެރިކަން ބަދަލުވެގެން ދިޔަ ދިއުން ގާސިމް ސިފަ ކުރެއްވީ ކާމިޔާބީ އެއްގެ ގޮތުގައެވެ. ގާސިމް އެދުވަހު އުފާ ފާޅުކުރީ އެމްޑީޕީ މެމްބަރުންގެ ރޮއްވާފައެވެ.

ގާސިމް އަށް ރައީސް ނަޝީދު މާފު ކުރިއަސް އާއްމު މެމްބަރުން މާފު ނުކުރާނެ ކަމަށް ގަބޫލު ކުރެވެއެވެ. އެހެންކަމުން ބަގާވާތުގެ ބައިވެރިއެއްގެ ފަހަތުގައި ނަޝީދު ހުރުމަށްވުރެ ރައީސް ސާލިހްގެ ފަހަތުގައި ހުރުމަކީ ރަނގަޅު ކަމެއް ކަމަށް އާއްމު މެމްބަރުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ރައީސް ނަޝީދު ރައީސް ސާލިހް އަށް ނިސްބަތް ކޮށް މިއަދު ކޯލިޝަންގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތިބުމުން، އެމީހުންނަކީ އެމަނިކުފާނަށް އަނިޔާ ދިން ބައެއްގެ ގޮތުގައި ސިފަ ކުރިއެވެ. މިއަދު ގާސިމް އެލިސްޓްގައި ހިމެނިފައިނެތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

މިއަދު ރައީސް ނަޝީދު އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނަވައި އެހެން ޕާޓީ ތަކުގެ މެމްބަރުންނަށް ތާއީދު ކުރުމަކީ ކުރުން އެންމެ ރަނގަޅު ކަމެއް ތޯ ނުވަތަ ނޫންތޯ ބުނެ އާއްމު މެމްބަރުންގެ ތެރެއިން  ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މިއަދު އެމްޑީޕީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅައި އިންތިހާބުގެ ތައްޔާރީ ތައް ވަމުންދާ މި ދަނޑިވަޅުގައި ޕާޓީގެ ރައީސްގެ އެއްބާރުލުން އެކަމަށް ނުލިބުމަކީ ބޮޑު ހިތްދަތިކަމަކާއި ކަންބޮޑުވުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ކޮންމެ ހާލަތެއްގައިވެސް ވަކި ނުވާނެ ކަމަށް ބުނި ދެ އެކުވެރިން މިއަދު ހަތުރުން ނަށް ވެ އެކުގައި ދެން ކުރާނެ އިތުރު މަސައްކަތެއްް ނެތް ކަމަށް ބުނުމަކީ ހައިރާންކަން ގެނުވި ވާހަކައެކެވެ.

ރައީސް ސާލިހާއި ރައީސް ނަޝީދު އެކުގައި މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ނިކުމެއްޖެނަމަ އެމްޑީޕީ އަށް އެއްބުރުން ކާމިޔާބު ކުރެވިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެހެން ކަމުން ރައީސް ނަޝީދަށް އެންމެ ރަނގަޅު އަދި ޕާޓީއަށް އެންމެ ފައިދާ ކުރާނެ ގޮތަކީ އެކުވެރިކަން ދަމަހައްޓައި ސިޔާސީ މަސައްކަތަށް އެކުގައި ނިކުތުމެވެ.

ދުވަސްވީ އެކުވެރިޔާ އަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް އެކުގައި ނިކުމެ މަސައްކަތް ކޮށް އިންތިހާބު ކާމިޔާބު ކުރުމަށްފަހުގައި ރައީސް ނަޝީދުވެސް ބޭނުންވާ ކަމެއް ކޮށްދިނުމަށް ރައީސް ސާލިހް އަށް ދެންނެވުމަކީ އެމްޑީޕީ އާއްމު  މެމްބަރުންނާއި އެމްޑީޕީ އަށް ތާއީދު ކުރާ އަދި ރައީސް ސާލިހް އަށް ތާއީދު ކުރާ ރައްޔިތުން މިވަގުތު އެންމެ ބޮޑަށް އެދޭ ކަންތައް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮންމެ ވެރިކަމެއްގައި ވެރިމީހާ އަކީ އެންމެ ފުރިހަމަ އަށް ވެރިކަން ކުރާ މީހަކަށް ނުވި ނަމަވެސް މި ވެރިކަމުގައި ހަމަޖެހުން ގާއިމް ކުރެވުނު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މި ސަރުކާރުގައި ސިޔާސީ ލީޑަރުން ޖަލަށް ނުލައި ތަފާތު ފިކުރުތަކުގެ ލީޑަރުންނާއި އެކީގައި ކޯލިޝަނެއް ދަމަހައްޓައިފިކަން އެއީ އެންމެން  ދަންނަ ހަގީގަތެކެވެ. މާޒީގައި ކޯލިޝަން ސަރުކާރެއް އުފެދި އެ ކޯލިޝަން ރޫޅިގެން ދިޔައީ ފަހަރުގައި އެދުވަަސްވަރަކީ ޑިމޮކްރަސީގެ ޅަފަތުގެ ދައުރު ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ. އެހެން ނަމަވެސް މިއަދު ޒަމާން ބަދަލުވެ، ދިވެހި ރާއްޖެ މިވަނީ ޑިމޮކްރަސީގައި ކުރިއަރައި ގޮސްފައެވެ.

ޑިމޮކްރަސީގައި ކުރިއަރައި ދިޔަމަންޒަރު ފެނިގެންދަނީ އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ އަދަދުތައް އިތުރުވެފައިވާތީއެވެ. އެންމެ ފުރަތަމަ އޮތީ 2 ސިޔާސީ ޕާޓީއެވެ. ނަމަވެސް މިއަދު 11 ވަރަކަށް ސިޔާސީ ޕާޓީ ވަނީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައެވެ. ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ސިޔާސީ މަސައްކަތް ކުރާނެ ކަމާއި މެދު ޝައްކެތް ނެތެވެ.

ސިޔާސީ ޕާޓީތަކުގެ ވެރިން އެންމެ ބޭނުންވާނީ ވެރިކަން ކުރާށެވެ. ނުވަތަ ވެރިކަމާއި ގުޅުން ހުރި ކޮންމެވެސް މަގާމެއް ފުރާށެވެ. އެއީ ރައްޔިތުންގެ ތާއީދު ހޯދައިގެން ދެން އަންނަ އިންތިހާބެއްގައި ވާދަ ކުރުމަށެވެ.

ވަރަށް ގަދަ
27%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 64%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: