ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސިފަ ގެއްލިފައިވާ ޕާޓީއެއް ވެރިކަންކުރުން: ސައީދު

މެމްބަރުސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވާދަވެރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އުފެދުނު އިރު ހުރި ސިފަތައް ގެއްލިފައިވާ ޕާޓީއެއް ރާއްޖޭގައި ވެރިކަން ކުރަމުންދިއުންކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، އެމްޑީޕީ އުފެދިގެން އައި އިރު، މުއައްސަސާތައް މިނިވަންކުރުމާއި ޑިމޮކްރެޓިކް ސިފަތައް ޖެއްސުމުގެ ވާހަކަތައް ވަރަށް ގިނައިން ދެއްކިކަމަށެވެ. އަދި އޭރު އެ ވާހަކަތައް ދެއްކީ އޮތް 30 އަހަރުގެ ވެރިކަމާއި ދެކޮޅަށް ކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ބައިބައިވުންތައް އުފެދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވަގެން ސަރުކާރަށް ފާޑުވިދާޅުވަމުންދާތީ އެނާ ހައިރާންވެވަޑައިނުގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުން ތިއްބެވީ ސިޔާސީ ޕާޓީތަކުން ދައްކާ ވާހަކަތައް ތަންފީޒުވާނެކަމާއިމެދު ގިނަ އުންމީދުތަކެއް ކޮށްގެންކަމަށެވެ.

ސައީދު ވިދާޅުވީ، ރާއްޖޭގެ އެންމެ މަގުބޫލު އަދި ތާއީދުބޮޑު ސިޔާސީ ލީޑަރު ހުންނެވީ އަނިޔާގެ މައްޗަށް އަނިޔާ ތަހައްމަލުކުރެއްވުމަށް ޖަލުގައިކަމަށެވެ. އޭނާ ވިދާޅުވީ ކޮމާޝަލް ބަނދަރަކާއިވެސް އެކު ފަރުމާކުރެވެން އޮތް ހާލަތު މި ސަރުކާރުން މަސައްކަތްކުރަމުންދަނީ 700 މިލިއަން ޑޮލަރަށް ހަމަ އެކަނި ބުރިޖެއް އެޅުމަށްކަމަށެވެ.

އޭނާ ވިދާޅުވީ، އެ ފައިސާއިން ރާއްޖޭގެ ހުރިހާ ރަށެއްގެ ނަރުދަމާވެސް އެޅޭނެކަމަށެވެ. އެނާ ވިދާޅުވީ، އެއްތަނަކަށް އަޅަމުންދަނީ ކޮމާޝަލް ޕޯޓު އަދި ރަށްތަކުގެ ނަރުދަމާ އާއިއެކު ބުރިޖެއްވެސް އެޅޭނެ އަދަދުގެ ފައިސާކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލައިގައި އިސްތިއުނާފުކުރަން މަސައްކަތްކޮށް ރެޖިސްޓްރީ ފުރުހަމަ ނުވުމުގެ ސަބަބުން މިހާރު އެ ޕާޓީއިންވަނީ ހައިކޯޓަށް ހިންގަންޖެހިފައިކަމަށެވެ. އަދި ދަށު ކޯޓުން “ހަރާން ހުކުމެއް” ޖެހި ގާޒީ މިއަދު ވަނީ “އޮޓޯ ޕައިލެޓު” ގައި ގޮސް ހައިކޯޓަށް ބަދަލުވެފައިކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރިން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރެއްވި ފަނޑިޔާރު މިހާރު ހުންނެވި ސުޕްރީމް ކޯޓުގައިކަމަށެވެ. އެހެންކަމުން ޑިމޮކްރެސީގެ ޗެމްޕިއަނުންނަށް ވުމުގެ މަގުސަދުގައި އުފެދުނު އެމްޑީޕީގެ މަގުސަދާއިމެދު ރައްޔިތުން ސުވާލު އުފައްދަމުންދާކަމަށާއި، އެ ޕާޓީއިން ގެނެސްދީފައިވާ އުންމިދަކީ ކޮބައިތޯ ސުވާލު ކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީއިން ރަނގަޅުކޮށްފައިވާ ކަންކަމާއިމެދުވެސް ރައްޔިތުން ސުވާލު އުފައްދަމުންދާކަމަށެވެ. ސައީދު ވިދާޅުވީ، މުގާބޭވެސް ކަންކަން ކުރީ މިހާރު ހިނގަމުންދާ ގޮތަށް ކަމަށެވެ. އޭނާ ވިދާޅުވީ ފަގީރުކަމަށް ރުޖޫއަވި ގައުމުތަކަށް އެގޮތަށް ވެގެންދިޔަ ގޮތްތަކުގެ ދިރާސާތައް ބެލުމުން، އެކަން ހިނގީ މިއަދު ރާއްޖޭގައިވެސް އެމްޑީޕީގެ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތަށް ކުރުމުގެ ސަބަބުންކަން އެނގިގެންދާކަމަށެވެ.

އޭނާ ވިދާޅުވީ، ފައިސާ ޗާޕުކޮށްގެން މުސާރަ ބޮޑުކުރާކަމަށެވެ. އޭނާ ވިދާޅުވީ، މުސާރަ ބޮޑުކުރުމަކީ ރަނގަޅުކަމެއް ނަމަވެސް ފައިސާގައި އަގުވެސް ހުންނަންޖެހޭކަމަށެވެ. ސައީދު ވިދާޅުވީ، ޑޮލަރު ރޭޓު 18 ރުފިޔާއަށް އަރައިގެންގޮސްފައިވާކަމަށެވެ. އަދި އެ ޕާޓީއަށް ސިޔާސީ މަސައްކަތެއް ކުރަން މި ސަރުކާރުން ޖާގައެއް ނުދޭކަމަށްވެސް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، މިނިވަންކަމާއިއެކު އަޑު އުފުލާނެ ޖާގައެއް ނެތްކަމަށެވެ. އަދި އެ ޕާޓީގެ އޮފީސް ސަރަހައްދުގައި އެއްވުމުން ފުލުހުންގެ އަތުން އަނިޔާތައް ތަހައްމަލުކުރަންޖެހޭކަމަށާއި ބައެއް ހާލަތްތަކުގައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅުމުގައި ސިފައިންވެސް ބައިވެރިވާކަމަށް އޭނާ ފާހަަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: