އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އިޖްތިމާއީ އަދި އިގްތިސާދީ މައްސަލަތަކާއި ގުޅުވައި އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދާކަމަށާއި ހަމަ އެކަނި ކުރަމުންދާ މަސައްކަތަކީ ”އިންޑިއާ އައުޓް“ ގޮވުންކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ބޭރުގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ޝާހިދު ވިދާޅުވީ، ”އިންޑިއާ އައުޓް“ ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތަކީ އެއްވެސް އުސޫލެއް އަދި އަސާސެއް ނެތް އަދި ރައްޔިތުންނަށް ވިއްކޭނެ ސިޔާސަތެއް ނެތް ޕާޓީއަކުން ނަފްރަތު އުފެއްދުމަށް ކުރިއަށް ގެންދާ ހަރަކާތެއްކަމަަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން އިންޑިއާ އައުޓުގެ ހަރަކާތުގެ އިތުރުން އެއްވެސް ހަރަކާތެއް ނުހިންގައެވެ. އެގޮތުން، ”އިންޑިއާ އައުޓް“ ގޮވުމުގެ އިތުރަށް ގައުމުގެ އެހެން އެއްވެސްކަމަކާއި ގުޅިގެން އިދިކޮޅު ކޯލިޝަނަށް މަސައްކަތްތަކެއް ކުރެވިފައިނުވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެއީ ނެތެމުންދާ ހުދުމުތާރު ވެރިއެއްގެ ފަހު ފެނިލުންކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޔާމީންނަށް ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރުމުގެ ޖާގަ ލިބުމާއިމެދު އެނާ ދެކިވަޑައިގަންނަވާ ގޮތާއިމެދު ސުވާލުކުރުމުން ޝާހިދު ވިދާޅުވީ، އެނާ އެކަމާއި މެދު ވިދާޅުވާނެ އެއްޗެއް ނެތްކަމަށެވެ. އަދި ކުރިމަތިލެވޭނެ ފަރާތްތައް ނިންމާނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރައީސް ސާލިހުގެ ސަރުކާރާއިމެދު ހިތްހަމަޖެހެންވީ މައި އެއް ސަބަބަކީ، ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާތީކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ މައްސަލައަށް ބެލުމުން އެކަން ސާފުވެގެންދާކަމަށާއި، ދަށު ކޯޓުތަކުން އެމަނިކުފާނުގެ ކުށް ސާބިތުވާކަމަށް ނިންމި ނަމަވެސް ސުޕްރީމް ކޯޓުން ސާބިތުނުވާކަމަށް ނިންމިކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރަށް އެއީ ޝަރުއީ ކަންކަން އޮންނަ ގޮތްކަމަށެވެ. އަދި އެކަންކަމަށް ހުރަސް އެޅިގެންދާ ގޮތަށް ނުވަތަ އެކަމުގެ ތެރެއަށް ވަދެވެސް ނުހަދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުމާއިމެދު އެއްބަސްނުވެވުނު ނަމަވެސް އެކަމުގެ ތެރެއަށް ރައީސް ވަދެވަޑައިނުގަންނަވާނެ ކަމަށެވެ.
މީގެ އިތުރުން ޝާހިދުވަނީ އެމްޑީޕީގެ އެތެރޭގެ މައްސަލައަށްވެސް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ޕާޓީގެ ފަރާތުން ކަނޑައެޅިފައިވާ ކެނޑިޑޭޓުގެ ފަހަތަށް އެންމެން އަރާފައިނުވާ ކަމަކީ ދެރަ ކަމެއްކަމަށެވެ. އެހެންނަމަވެސް އެ ހާލަތު ބަދަލުވުމަށް އެނާ އުންމީދުކުރައްވާކަމަށް ޝާހިދު ވިދާޅުވިއެވެ.

