އެބޭފުޅެއްގެ މުޅި ހަޔާތުގައި ނުކުރެވި އޮތީ ހަމައެކަނި ގައުމުގެ ވެރިކަން ކަމަށް ދެކޭ ބޭފުޅަކު އެކަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އެބަ ގެންދެއެވެ. އެކަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ފެށިއެވެ. އަމިއްލަ ސިޔާސީ ޕާޓީއެއް ހަދައި ދަންނަ އެންމެން ޕާޓީގައި ހިމަނައި ޕާޓީ ހިންގަންފެށިއެވެ. ހަމަ އެންމެ ކަމެއް ފުރިހަމަ ނުވެގެންނެވެ. ވެރިކަން ނުކުރެވިގެންނެވެ.
ދުނިޔެއިން ލިބޭނެ ހުރިހާ އަރާމާއި އުފާލިބި ހުރިހާ ނިއުމަތެއް އޭނާއަށް ލިބިފައިވާ ކަމަށް އަމިއްލަ އަށް އިއުތިރާފް ވެސް ވެއެވެ. ނަމަވެސް ހިތުގައި އެކަން އޮންނަލެއް ބޮޑުކަމުން އެކަން ކުރުމަށް ބޭނުންވަނީ އެވެ. ފަޅިސިކުންތެއްގެ މިންވަރަށެވެ. ނޫނީ ކުޑަ ވަގުތުކޮޅަކަށެވެ. ނޫނީ އެއަށް ވުރެވެސް ދިގު މުއްދަކަށެވެ.
މިދެންނެވި މަހުޖަނު ސާހިބު ދެކޭ ގޮތުގައި އޭނާ ތަހުތުގައި ވެޑުވުމަށް ބޭނުންވަނީ ހިދުމަތްކުރާށެވެ. މިހާރު އޭނާ ކޮށްދޭ ހިދުމަތާއި ކުރަމުންދާ ހިދުމަތް ދިވެހި ގައުމުގެ ރައްޔިތުން ބަލައިގަނެއެެވެ.
ޝަރަފްވެރިކަމާއި އަބުރުވެރިކަމާއި އިހްތިރާމް ލިބިގެން އޭނާ ހުންނެވީ ފުރާ ފުރިހަމަވެގެންނެވެ. ފުރިފައި ހުރި އެއްޗެއް ގުޑުގުޑު ނާޅާނެ ކަމަށް ވިދާޅުވި ނަމަވެސް ގުޑުގުޑުއަޅަނީ އަޒުމެވެ. ހިތުގެ އަޒުމް ގުޑައިގެންދާ ކޮންމެ ފަހަރަކު ހެދުނު ގޯހުގައި ކައިރި ތިބި މީހުންނާއި ގާތް ކުރެވުނު މީހުން ގޯސް ކުރިއެވެ.
ގޯސްވި އެންމެން ރަނގަޅުވާ ފަހަރުވެސް އާދެއެވެ. މީހުން ދެނެގަނެ އިތުބާރު ކުރުމުގައި އުނދަގޫވާ ވާހަކަ އެންމެންވެސް ހަރުއަޑުން ދައްކައެވެ. ވަކިން ހާއްސަކޮށް ސިޔާސީ މައިދާނުގައި ނަގާކިޔޭ މީހުން ބަލި ގަބޫލު ކުރުމާއި ދެކޮޅަށް ބަހަނާ ދެއްކުމަށް އިތުބާރު ހިފޭ ނުހިފޭ އަދި ދަސްކުރުމާއި ނުކުރުމުގެ ވާހަކަ ދައްކައިގެން ކަމުން ރެކެން މަސައްކަތް ކުރެއެވެ.
ވޭތުވެދިޔަ މާޒީގައި ފެނިފައިވަނީ ވާދަވެރިކަމާއެކު ވާދަކޮށް ބަލިވިތަނެވެ. މިފަހަރު ބަލިވެއްޖެނަމަ އެކަން ގަބޫލުކުރުމަކީ އުނދަގޫ ކަމެކެވެ. ތިން ބަލިން ބަލިވާން އެކަކުވެސް ނޭދޭނެތީއެވެ.
ގައުމުގެ ކަންކަން ރަނގަޅަށް ދިއުމުން އޭނާ އަށް ނިމުނީ ކަމަށް ބުނެ ނިންމާނުލެވެއެވެ. ލަސްވެގެން އެވާހަކަ ދައްކަންޖެހެއެވެ. ހަމަނޭވާ ލެވުނީ މި ސަރުކާރު އައިފަހުން ކަމަށް ބުނެ މިސަރުކާރު ރަނގަޅުކުރިއެވެ، ނަމަވެސް އެވާހަކަ އަދި ހަނދާނުން ނުނެތި އުޅެނިކޮށް އެއްވެސް ގޮތަކަށް ކަމަކުނުދޭ ބުނެ އެހިސާބުން މަންޒަރު ބަދަލުވެގެންދެއެވެ.
ހުސްމި ވަހު ބޭއްވުނު ޕާޓީގެ ކޮންގްރެސްގައި އޭނާ ހުރީ އުފަލުންގޮސް ހައްދުފަހަނަ އަޅާފައެވެ. ގާސިމްގެ އަހު އަދި ވެރިކަަމަށް ނިކުތުމަށް އެންމެ ބޮޑަށް އެހީތެރިކަންދޭ އެއް ބޭފުޅެއްގެ ގޮތުގައި މިފަހުން ފެނިގެން ދަނީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
ރައީސް ނަޝީދު ތަކުރާރުކޮށް ގާސިމް އަކީ ވެރިކަމަށް ގާބިލް ބޭފުޅެއް ކަމަށް ވަނީ ދަންނަވާފައެވެ. އަދި ގާސިމް އާއި ޖޭޕީ އަށް ތައުރީފްކޮށް ރައީސް ނަޝީދު ވަނީ ވާހަކަ ދައްކަވައި އެހިޔާލު ފާޅުކުރައްވާފައެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރާއްޖޭގެ ވެރިކަން ހޯދަން ގާސިމް ގެންދަނީ ސިޔާސީ އެކި މަޝްވަރާތައް ކުރަމުންނެވެ. އެކި ސިޔާސީ ޕާޓީތަކާއި އެކުގައި ބައްދަލުވުންތައް ބާއްވަމުން ގެންދަވައެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާނަމަ ވާދަކުރައްވާނީ ވެރިކަން ހޯއްދެވުމަށެވެ. ކޮންމެ ގޮތަކުން ވެސް މިފަހަރު މުހިއްމު ވެގެންދަނީ ވެރިކަމަށް ކުރިމަތިލެވޭނެ އެންމެ ފަހު ފަހަރު ކަމަށްވާތީ ކަމަށް ވެދާނެއެވެ.
ވެރިކަން ބޭނުން ނުވާނަމަ ކޮން މަގްސަދެއްގައި އުފެއްދި ސިޔާސީ ޕާޓީއެއް ބާއޭ ހިތަށް އަރައެވެ. ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ އަދި ކުރީ ދައުރުގެ މެމްބަރެއްގެ އިތުރުން ހާއްސަ މަޖިލީހުގެ ރައީސް ކަމާއި ދައުލަތުގެ އެކި މަގާމްތައް ހިމެނޭހެން ގަވަރުނަރު ކަންވެސް ކުރައްވާފައިވާ ގާސިމް އަކީ ވިޒަނަރީ ލީޑަރެކެވެ.
ލީޑަރު ގާސިމް ގެ ވިޔަފާރި އާއި ތައުލީމް ދިނުމަށް ގާއިމް ކުރެވިފައިވާ ކޮލެޖާއި ޔުނިވަރަސިޓީ އަށް ބަލައިލި ނަމަވެސް ސިޔާސީ ގޮތުން ކުރިމަގެއް އަދި މުސްތަގުބަލެއް ހާސިލްކުރުމަށް މަަސައްކަތް ކުރާކަން ހާމަވެގެންދެއެވެ.
ކީއްވެގެންތޯ ވެރިކަން ބޭނުންވަނީ އޭ ވިދާޅުވެ ޕާޓީގެ ލީޑަރުކަމުގައި ޕާޓީ އުފެދުނީއްސުރެ މިއަދާ ހަމައަށް ދެމިހުރީ ހަމަ ވެރިކަން ބޭނުންނުވާތީ ކަމަށްވެދާނެއެވެ.
އިންސާނިއްޔަތަށްޓަކައި ވެދެއްވި އެހީތެރިކަމާއި ފަރުދީ ގޮތުން ދެއްވާ އެހީއާއި އެކި ދާއިރާއިން މީހުން ކުރިއެރުވުމާއި މިހެންގޮސް އެތަކެއް ހިދުމަތެއް ކޮށްދީ އެތައް ބައެއްގެ މުހުތާދު ފިލުވައިދީފައިވާ މީހަކު ވޯޓް ހޯދުމަށް އެހީތެރިވި މީހުންގެ ކައިރިން އެދުމުން ވޯޓް ދޭނެއެވެ. ވޯޓް ނުދޭނެ އެކަކުވެސް ނުހުންނާނެއެވެ. ނަމަވެސް ވެރިކަމަށް އަންނަ ބޭފުޅެއްގެ ކިބައިގައި ކޮންމެވެސް ކަހަލަ ޝަރުތުތަކެއް ވެސް ހުންނަން ޖެހެއެވެ.
ކޮންމެ ފާޓީ އަކުން ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެެއްކިނަމަ އެ ވާހަކައެއް ނުވަތަ ވާހަކަތަކެއް އަޑުއަހައި އެކަމަށް އެވަގުތަކަށް އެކަށީގެންވާ ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެކެވެ. ކޮންމެއަކަސް މިފަހަރަކީ ގާސިމްގެ ފަހަރު ކަމުގައި ވަރަށް ގިނަ ސިޔާސީ މުފައްސިރުން ވިސްނައިދެމުން ގެންދާތީ މިފުރުސަތު ދޫކޮށްލަން އެމަނިކުފާނު ބޭނުމެއް ނުވާނެއެވެ.
ވެރިކަމުގެ ފޮނިމީރުކަން ލިބިގަތުމަށް އިންތިޒާރުގައި ހުންނެވި ގާސިމް މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިކުންނާނެ ކަމަށް އެބޭފުޅާ ނިސްބަތްވާ ޖޭޕީގެ ގިނަ މެމްބަރުން ދަނީ ބުނަމުންނެވެ. ސީދާ ގޮތުން ނާއި ނުސީދާ ގޮތުން ބައެއް މެމްބަރުން ބުނަމުންގެންދަނީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ލީޑަރު ވާދަކުރައްވައިފިނަމަ ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ގާސިމްއަށް ކުރިމަތިވެދާނެ އެއް ގޮންޖެހުމަކީ ވިޔަފާރިވެރިއަކަށް ވެ ހުރެ ރިޔާސީ އިންތިހާބުގައި ވާދަކުރުމެވެ. އެކަމުގައި ހިލާފްތަކެއް އަދި ހިޔާލުތަފާތުވުންތަކެއް އުފެދިދާނެ ކަމަށް ވިސްނައި ގާސިމް ވިދާޅުވީ ވިޔަފާރިވެރިންނަށް ގާސިމްގެ ވެރިކަމެއްގައި ދެރަގޮތެއް ވެގެން ނުދާނެ ކަމަށެވެ.
މިއަދު ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އުނދަގޫވާނީ ޖޭޕީގެ ލީޑަރު ގާސިމް އަމިއްލަ ގޮތުން ނުކުތުމުން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ގާސިމް އާއި އެކު އިއްތިހާދެއްގައި ބައިވެރިވުމަށް ވާދަވެރި ސިޔާސީ ގިނަ ޕާޓީތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި ޕީޕީއެމް ހިމެނެއެވެ. ޕީޕީއެމް އިން ގާސިމް އަށް ފަހަރުގައި ރިޔާސީ އިންތިހާބުގައި ތާއީދު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ދިވެހިރާއްޖޭގެ ސިޔާސީ ވެށި ހަލަބޮލިވާ ކޮންމެފަހަރަކު ގާސިމް ފާހަގަވެެގެން ގޮސްފައިވަނީ އަދި ފާހަގަ ކުރެވެނީ މުހިއްމު ނިންމުންތަކެއް ނިންމާ ފަރާތެއްގެ ގޮތުގައެވެ.
ވެރިކަން ގެނައުމަށް މަސައްކަތް ކުރާ ފަދައިން ވެރިކަން ބަދަލުކުރުމަށް ގާސިމް މަސައްކަތްކުރާ ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ބުނެއުޅެއެވެ. ފަހަރުގައި އެއީ މާޒީގައި އެފަދަ ކަންކަން ހިނގާފައިވުމުން ކަމަށްވެސް ވެދާނެއެވެ.
ގާސިމް ވިދާޅުވީ އޭނާއަށް ދަތި އަނިޔާދިން އެންމެނަށް މާފުކޮށް ހިތް ހަލާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް ލިބުނު އަނިޔާ ހަނދާނުން ފިލުވާލަން އުނދަގޫ ކަމަށެވެ. އެގޮތުން ޖަލުގައި ހައްޔަރުވުމާއި އަމިއްލަ ގައުމު ދޫކޮށް ގޮސް އެހެން ގައުމެއްގައި އަރުވާލެވިގެން ހުރި ހުރުމުގެ ވާހަކަ ދެއްކެވީ އަސަރާ އެކީގައެވެ. އެއީ އެދުވަހެވެ. މިއީ މިއަދެވެ. މިއަދުގެ ހަގީގަތަކީ ގާސިމްގެ ބޭނުން ސިޔާސީ މައިދާނުގައި މިވަނީ އިންތިހާއަށް ބޮޑުވެފައެވެ.

