ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކު އުޅުމަށް ފަހު ދެކޮޅުވެރިވެ ގަބޫލު ކުރަން ބޭނުން ނުވާ ހަގީގަތް!

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުއަސާސީގައި ބުނާ ގޮތުން ރާއްޖޭގެ ވެރިކަން ކުރުމުގެ ބާރުތައް ފެށިގެން އަންނީ ރައްޔިތުންގެ ކިބައިންނެވެ. އަދި އެ ބާރުތައް ދެމިއޮންނާނީ ވެސް ރައްޔިތުންގެ އަތުގައި ކަމަށް ގާނޫނުއަސާސީގައި ވަނީ ބުނެފައެވެ.

ގާނޫނުއަސާސީން ލިބިދޭ މި ބާރުގެ ބޭނުން ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބެނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރެވެ. މިއަހަރަކީ ރާއްޖޭގެ ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމުގައި ހުންނާނެ ފަރާތަކާއި މެދު ގޮތް ނިންމުމަށް ރައްޔިތުންނަށް ބޭރު ލިބޭ ނުވަތަ ފުރުސަތު ލިބޭ އަހަރެވެ. އާދެ ރިޔާސީ އިންތިހާބުގެ އަހަރެވެ.

މިއަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ރައްޔިތުން ގޮތް ނިންމުމަށް ތައްޔާރުވަމުންދާއިރު ގިނަ ބައެއްގެ ލޯތައް އެންމެ ބޮޑަށް އަމާޒުވެފައި ވަނީ މިހާރު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށެވެ. ސަބުބުތަކެއް ނެތިއެއް ނޫނެވެ. ޕާޓީ ދެފަޅިވެ ދެ ފެކްޝަން އުފެދި ކޯލެމުންދާ ކޯލުންތަކުގެ ސަބަބުންނެވެ. އެމްޑީޕީގައި މިއަދު އޮތީ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަުދު ސާލިޙްގެ ފެކްޝަނަކާއި ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެކެވެ.

އެމްޑީޕީގައި އޮތް ދެ ފެކްޝަންގެ ކޯޅުމަށް ބަލާއިރު ވެރިކަމަށް ގެންނަން ރައީސް ސާލިޙްހާ ސާލީޙް ބޭފުޅެއް ނެތް ކަމަށް ވިދާޅުވި ބޭފުޅުންނަށް މިއަދު ރައީސް ސާލިޙްއާ ހުދުމުހުތާރު ކޮރޮޕްޓް ބޭފުޅެއް ނެތެވެ. އަދި ރައީސް ނަޝީދުހާ ޑިމޮކްރެޓިކް ބޭފުޅެއް ނެތް ކަމަށް ވިދާޅުވި ބޭފުޅުންނަށް މިއަދު ރައީސް ނަޝީދުހާ ހުދުމުހުތާރު ޑިމޮކްރެސީގެ ހަމަތައް ގަބޫލު ނުކުރާ ބޭފުޅެއް ވެސް ނެތެވެ. މި ހުރިހައި އަރައިރުމެއްގެ އަސްލަކީ ވެރިކަމުގެ ބާރުތަކެވެ. މިއީ ބަޔަކު ގަބޫލު ކުރަން ބޭނުން ނުވިނަމަވެސް ހަމަ ހަގީގަތެވެ.

އެމްޑީޕީގައި އޮތް ދެފެކްޝަންގެ ކޯޅުމުގެ ތެރެއިން ދެން ދެކެވެމުންދާ އަނެއް ވާހަކައަކީ ރައީސް ސާލިޙްގެ ވެރިކަމުގައި ރާއްޖެއަށް އެއްވެސް ތަރައްގީއެއް ނައަންނަ ވާހަކައެވެ. އެމްޑީޕީގެ ސިޔާސަތުތައް ނުވަތަ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒް ނުވާ ނުވަތަ ނުކުރާ ވާހަކައެވެ. މިބަހުސް މިއަދު މަޖިލީޙުގެ ތަޅުމުގައި ފޯރިއާއެކު ކުރިއަށްދާއިރު ކަން ވަމުންދާ ގޮތަށް ނަޒަރު ހިންގާލުން މުހިންމެވެ. އެ ވިދާޅުވާ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒް ކުރެވޭތޯ ނުވަތަ ކުރަމުންދާ ބަލާލުން ބުއްދިވެރިއެވެ. ދައްކާ ވާހަކަތަކުގައި، ކުރާ ތުހުމަތުތަކުގައި ހަގީގަތް އެކުލިވިގެންވާ މިވްރަކީ ކޮބައިތޯ ބަލާލުން މުހިންމެވެ.

އެމްޑީޕީގެ މެނިފެސްޓޯގައިވާ އަދި އަބަދުވެސް އެމްޑީޕީން ވަކާލާތު ކުރާ އެއް ކަމަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ ޒުވާނުންނަށް މެދު އުޑުގައި ފިޔަ ޖެހުމުގެ ފުރުސަތު ދޭން ޖެހޭނެ ވާހަކައެވެ. ގޮތްތަކެއް ހޯދައިދޭން ޖެހޭ ވާހަކައެވެ. ގައުމުގެ މުސްތަގުބަލް އުޖާލާ ކުރަން ބޭނުންވާނަމަ ނުވަތަ ގައުމު ކުރިއަރުވަން ބޭނުންވާނަ އެމްޑީޕީން ގަބޫލު ކުރާ ގޮތުގައި އެކަން ކުރެވޭނީ ޒުވާން ޖީލަށް ފަހި ގޮތްތަކެއް ހޯދައިދެވިގެންނެވެ.

މީގެ 4 އަހަރު ކުރިން ރާއްޖޭގެ ޒުވާނުން މެދުއުޑުގާ ފިޔަޖެހުމަށް ކުރި އުންމީދު އޮތީ، ހަމައެކަނި އިވުނު އަޑެއްގެ ގޮތުގައެވެ. ދިވެހި ރާއްޖެއަށް މިގެނެވުނު ބަދަލު ގެނައުމުގާ، ޒުވާނުންގެ ޙިއްޞާ ނުހަނު ބޮޑެވެ. އެޒުވާނުން އޭރު ތިބި މާޔޫސްކަމުގެ ތެރެއިން، އެމީހުންގެ މުސްތަޤްބަލު ގެއްލިދާނެ ކަމުގެ ބިރު ޚުދު އެޒުވާނުންނަށް އޭރު އޮތެވެ. ތަޢުލީމާ ތަމްރީނާއެކު ހެދިބޮޑުވާ އުފެއްދުންތެރި ޖީލެއްގެ ބޭނުން ދިވެހި ރާއްޖެއަށް ނުހަނު މުހިންމެވެ. ހަރުދަނާ ރަނގަޅު ޒުވާނަކަށް ވުމަށް އޮތް ތަކުލީފް އޭރު އިންތިހާއަށް ބޮޑެވެ. މީގެ 4 އަހަރު ކުރިން އޮތް ރާއްޖޭގެ ޙާލަތު ބަދަލުކުރަން ދިވެހި ޒުވާނުންވެސް ނުކުތީ އެމީހުންގެ ޙާލަތުވެސް ބަދަލު ކުރުމަށެވެ.

އެކުއުޅުމަށް ފަހު މިއަދު ދެކުޅުވެރިވެ ތިބި އޭރުގެ އެކުވެރިން މިއަދު ގަބޫލު ނުކުރި ނަމަވެސް ހަގީގަތަކީ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމަށް ފާއިތުވި 4 އަހަރު ސަރުކާރުން ކުރި މަސައްކަތްތަކާއެކު ޒުވާނުންގެ އުންމީދުތަކުގައި ކުލަ ޖެހެމުންދާ ކަމެވެ. ވަކިން ޚާއްޞަކޮށް ޒުވާނުންނަށް ހިންގޭ ހުނަރު ޕްރޮގްރާމާ، ހިލޭ ޑިގްރީ ޕްރޮގްރާމަކީ، ރާއްޖޭގެ ކުރިމަގަށް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމެންޓެވެ.

މި ފާއިތުވި 4 އަހަރު މުޅިން އަލަށް 15547 އަށް ވުރެ ގިނަ ޒުވާނުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށް ދެވިއްޖެއެވެ. ވަޒީފާގެ މާހައުލަށް ޒުވާނުން ތައްޔާރުކުރުމަށް ސަރުކާރުން ހިންގާ ހުނަރާ ތަމްރީނު ޕްރޮގްރާމްތަކުން އެކަނިވެސް 5000 އަށްވުރެ ގިނަ ފުރުސަތު ހޯދާ ދެވިއްޖެއެވެ. މިހާރު މިއޮތް ފުރުޞަތުތައް މީގެކުރިން ޒުވާނުންނަށް ފަހިވިނަމަ މިއަދުގެ ނަތީޖާ މާރަނގަޅުވީސްކަން އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. ގޮތްހުސްވެ މާޔޫސްވެ މަގުގެއްލި މަގުތަކަށް ގިނަވާ ޒުވާނުން މިހާރާ އެއްވަރަށް އޭރުވެސް މަދު ކުރެވުނީސްކަން ޔަގީނެވެ.

ދެން އޮތީ ރައީސް ސާލިޙްގެ އިގްތިސާދީ ސިޔާސަތުތަކަށް އަމާޒުވާ ފާޑުކިއުންތަކުގެ ވާހަކައެވެ. އެންމެން ވެސް ގަބޫލު ކުރާ އެއް ހަގީގަތަކީ ޤައުމެއްގެ ސިޔާސީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ގެއްލިދާ އެންމެ ބޮޑު ސަބަބަކީ އިޤްތިޞޯދީ ނުތަނަވަސްކަން ކުރިމަތިވުމެވެ. ޤައުމެއް ފުދުންތެރިވެ އިޤްތިޞޯދީ ހަކަތަ ދައުރު ކޮށްދޭ މައިނާރަކީ އެޤައުމެއްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކެވެ. ރާއްޖޭގެ ވިޔަފާރިތަކުގެ 95 އިންސައްތަ ހިއްސާކުރަނީ  މިދެންނެވި ވިޔަފާރިތަކެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފެދި ތަރައްޤީ ވުމަށް ފަހި މާހައުލެއް މިފާއިތުވި 4 އަހަރުން  ޤާއިމްކޮށްދެވިއްޖެއެވެ. ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި ހިންގުމުގާ ހުރި އިދާރީ ހުރަސްތައް، ވަރަށް ބޮޑަށް މިހާރު ކުޑަކުރެވިއްޖެއެވެ. މި ނިޒާމް ޑިޖިޓައިޒް ކުރެވިއްޖެއެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގާ މީގެކުރިން އޮތް ކޮޅުންނުލާ ކިއު މިހާރު ހަމައަކަށް އަޅުވާ ތަރުތީބު ކުރެވިއްޖެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެސް.އެމް.އީ ބޭންކުގެ ޒަރިއްޔާއިން ،މި 4 އަހަރު އުފެދުނު ވިޔަފާރިތައް، އިގްތިސޯދު ހިންގުމުގައާ ވަޒީފާ އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރާކަން އެއީ ބަޔަކަސް ގަބޫކު ކުރަން ދަތިވިޔަސް ހަމަ ހަގީގަތެވެ.

ވަޒީފާ އަދާކުރާ މީހާއަށް އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ އެއީ ޤާނޫނަކުން ކަށަވަރުކޮށްދޭ ޙައްޤެއްގެ ގޮތުގާ ކަނޑައެޅީ ވެސް މި ވެރިކަމުގައެވެ. އެ ޤާނޫނުގެ ލާބަ މަސައްކަތްތެރިންނަށް މިހާރު އެދަނީ ލިބެމުންނެވެ. އަދި ތަޢުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ހެޔޮ ބަދަލުގެ އަސަރު ފެންނަމުންދާއިރު މިއަހަރު ޞިއްޙީ ދާއިރާއަށް ހަމަ މި ބަދަލު ގެނެވޭނެއެވެ.

ބޮޑެތި އެތައް ބަދަލުތަކެއް ރާއްޖެއަށް މިއަދު އަންނަމުންދާއިރު ގަބޫލު ކުރަން ޖެހޭ އަނެއް ހަގީގަތަކީ މި ވެރިކަމުގެ ފާއިތުވި އަހަރުތަކުގެ ތެރެއިން  2 އަހަރަކީ ޒަމާން ތަކުންވެސް ފެންނާން ނެތް ޢާލަމީ ވަބާއަކުން  ދުނިޔެ ބަނަކުރި ދެއަހަރެވެ. އެދަނޑިވަޅު ސަރުކާރުން އެންމެ އިސްކަމެއް ދިނީ، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށެވެ. ބަލިވެ، އެނދުމަތިވާ މީހުންގެ ފަރުވާ ފުރިހަމަ ކުރުމަށެވެ. ވެކްސިންގެ ރައްކާތެރިކަން މުޅިރާއްޖެއަށް ލިބިދިނުމަށެވެ. މިދެންނެވި ބަނަކަމުގެ ތެރޭގާ ސަރުކާރުގެ ޢަޒުމަކަށްވީ ،ދައުލަތުގެ އެންމެ މުވައްޒަފެއްގެ ވަޒީފާއަށް އަދި ލިބޭ އާމްދަނީ އަށް  އުނިކަމެއް އަޔަނުދިނުމަށެވެ. އެކަން އެގޮތަށް ކުރިކަން ވާދަވެރިންވެސް ގަބޫލުކުރާނެކަން ޔަގީނެވެ.

ކޮންމެއަކަސް މިއަދު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ މިއީ މުޅި ދުނިޔެއަށްވެސް ދަތި ދުވަސްވަރެއް ކަމެވެ. ރާއްޖެއަށްވެސް އޭގެ އަސަރު ކުރާނެކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ނަމަވެސް ކުރާ ނޭދެވޭ އަސަރަށްވުރެ ބޮޑީ ސިޔާސީ ބޭނުމަށް ދައްކާ ނޭދެވޭ ހަގީގަތެއް ނެތް ވާހަކަތަކެވެ. ރާއްޖެ ބަނގުރޫޓްވެ އިޤްތިޞޯދު އިނދަޖެހި ރައްޔިތުން ބިކަވެއްޖެ ކަމުގެ ބިރު ،އަބަދާ އަބަދު ރައްޔިތުންނަށް ދައްކާދެއްކުމެވެ.

ނަމަވެސް ސަރުކާރު އޮތީ ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ހޭލާކަން އަޅަމުންދާ ފިޔަވަޅުތަކުން ވަަރށް ވެސް ސާފެވެ. އެފަދަ ކޮންމެ ހާލަތަކުން އަރައިގަތުމަށް އެހިނދަކަށް ބޭނުންވި ފިޔަވަޅެއް ދަނީ އަޅަމުންނެވެ. މިހާތަނަށް ކުރިމަތިވި މިފަދަ ކޮންމެ ކަމަކުން ދިވެހިރާއްޖެ އަރައިގަތް ކަމީ ފެންނާން އޮތް ހަގީގަތެވެ. އުފާފާގަތި މާދަމާއެއް ހޯދޭނެ ކަމުގެ ފެހި ސިގްނަލް ރާއްޖޭގެ އިޤްތިޞޯދީ މީޓަރުން ދައްކާކަން ފެންނަން ހުރި ތަފާސްހިސާބުތަކުން ސާބިތުކޮށްދެއެވެ.

ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް މިއަހަރުގެ ބަޖެޓުގައި ވާނީ އިސްކަން ދީފައެވެ. މިކަންކަން ކުރާނީ ރައްޔިތުންނަށާއި އިޤްޠިޞޯދަށް އޭގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު އެންމެ ކުޑަވާނެގޮތަކަށްކަން ސަރުކާރުން ވަނީ ބުނެފައެވެ. ދުނިޔޭގެ މާލީ އިދާރާތަކުގެ ލަފަޔާ އެއްގޮތަށް އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓެކްސް ރޭޓްތަކަށް ވަނީ ބަދަލުގެނެސްފައެވެ. ދައުލަތަށް ބޭރު ފައިސާ އެންމެ ގިނައިން ލިބެނީ ޓީޖީއެސްޓީގެ ގޮތުގައެވެ. ޓެކްސްގެ ނިޒާމަށް ގެނެވުނު ހެޔޮ ބަދަލާއެކު ދައުލަތުގެ ރަސްމީ ރިޒަރވްއަށްވެސް އޭގެ ހެޔޮ އަސަރުކުރު ދަނީ ކުރަމުންނެވެ.

ވާޞިލުވެވިފައިވާ ހުރިހާ ކާމިޔާބީއެއްގެ އެންމެ ވަރުގަދަ ސިއްރަކީ މިހާރު މިއޮތް ހަމަޖެހުމެވެ. އެންމެން އެކުގާ އެއް އަމާޒަށް ވާޞިލުވުމަށް މަސައްކަތް ކޮށްފިނަމަ ހުރަސްތައް ގިރާކުރެވި ކުރިއެރުންތައް ޙާޞިލުކުރެވި މާ އުފާވެރި ފާގަތި މާދަމާއެއް ހޯދޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ސިޔާސީ ޚިޔާލު ތަފާތުވުން އެއް ފަރާތްކޮށް، އެންމެ ބޮޑު މަޞްލަޙަތަކީ ޤައުމީ މަޞްލަޙަތުކަން ފާއިތުވި 4 އަހަރުން ސާބިތު ކޮށްދެވިއްޖެއެވެ. މިއީ އެކު އުޅެ ދެކުޅުވެރިވި މީހުންނަށް ގަބޫލު ނުކުރެވުނު ހަގީގަތެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: