ކޮންމެ ސިޔާސީ ޕާޓީއަކީވެސް ގައުމުގެ ގިނަ އަދަދެއްގެ މީހުންގެ އުންމީދުތަކާއި ގުޅިލާމެހިފައިވާ ޕާޓީއެކެވެ. އެހެންކަމުން އެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދީ އެދެމުންދާކަންކަން ކަށަވަރުކޮށްދިނުމާއި ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް މަސައްކަތްކުރުމަކީވެސް ޕާޓީ އަދި އިސް ސަފުގައި ތިއްބެވި އެންމެހާ ބޭފުޅުންގެ މައްޗަށްވެސް ލާޒިމު ކަމެކެވެ.
އެ ފިކުރެއްގެ ބަޔަކު އެދެމުންދާ ގޮތެއްގެ މަތިން ގައުމުގެ ކަންކަން ބައްޓަންކުރެވޭނީ އެ ވިސްނުމާއި އެއްގޮތަށް ކަންކަން ބަދަލުކުރުމުގެ ބާރުވެސް ހާސިލުކޮށްގެންނެވެ. އެހެންކަމުން ވެރިކަން ހޯދުމަށް މަސައްކަތްތަކެއް ކުރުންވެސް ޕާޓީތަކަށް މުހިންމުވާނެއެވެ. އަދި އެއީ ޕާޓީއެއް ވުޖޫދަށް ގެންނަ މައިގަނޑު ސަބަބެވެ..
ހާއްސަ ގޮތެއްގައި ގައުމެއްގެ ނަގާކިޔޭ ޕާޓީތަކުގެ އިސްވެރިންގެ މައްޗަށް ޕާޓީގެ މެމްބަރުންގެ ތެރޭގައި ނެގިގެންދާ ވޯޓަކުން ނިންމޭ ނިންމުމާއި އެއްގޮތަށް އަމަލުކުރުން ލާޒިމެވެ. ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުންވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލުމަށް ޕާޓީގެ އާންމު އެންމެހާ މެމްބަރުން އުންމީދު ކުރާނެއެވެ.
އިދިކޮޅު ކޯލިޝަނުންވަނީ އޭރުވެސް ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ބޭފުޅެއްކަމަށްވާ އެ ޕާޓީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ރިޔާސީ ކެނޑިޑަސީ ހަވާލުކޮށްފައެވެ. އެހެންނަމަވެސް މިހާރު ކުރެވުނު ތުހުމަތުތައް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމުމާއިއެކު އެ ޕާޓީގެ ސައްހަ ކެނޑިޑޭޓެއް ހުރިކަމަށް ގިނަ ސިޔާސީ ފަރާތްތައް ގަބޫލު ނުކުރެއެވެ.
އެ ޕާޓީގެ މެމްބަރުން އެކަމަށް އިންކާރު ކުރިނަމަވެސް މީގެ ކުރިން ރައީސް ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފެނިގެންދިޔަ އެމްޑީއޭގެ ލީޑަރު ރައްޔިތުންގެެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމްވެސް ވަނީ ރައީސް ސާލިހާއިއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ. އެމްޑީއޭ އަދި އިދިކޮޅުން ކުރިއަށް ގެންދިޔަ މަޝްވަރާތައް ނާކާމިޔާބުވި މައިގަނޑު ސަބަބަކީވެސް އިދިކޮޅުގެ ސައްހަ ކެނޑިޑޭޓެއް ހުރިކަމަށް އެމްޑީއޭއިން ނުދެކުމެވެ.
އިދިކޮޅު ކޯލިޝަނަށް ކުރިމަތިވަމުންދާ ދަތިތަކުގެ ސަބަބުން މިހާރު އޮތް މިސްރާބާއިމެދު ސުވާލު އުފެދެއެވެ. ފެނިގެންދަނީ މީގެ ކުރިންވެސް ރާއްޖޭގެ ސިޔާސީ މައިދާނުގައި ހިނގާފައިވާ ކަމެއް އަލުން ތަކުރާރުވަމުންދާ މަންޒަރެވެ.
މީގެ ކުރިން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއްވެސް ޖަލުގައި ހުއްޓެވެ. އެ ޕާޓީގެ މެމްބަރުންނަށް ޖެހުނީ އެހެން ކެނޑިޑޭޓެއް ނެރެ އެ މީހެއްގެ ފަހަތަށް އަރާށެވެ. މިއަދު އިދިކޮޅު ކޯލިޝަނުން ރައީސް ޔާމީންގެ ހުކުމް ބަލައިގަތުމަށް ނެތްނަމަވެސް މައްސަލައިގެ އިސްތިއުނާފީ މަސައްކަތްތައް އެކަށީގެންވާ ގޮތަކަށް ނުކުރެވޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި އެކަމުގެ ތެރޭގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެވެސް ސަބަބުން ރައީސް ޔާމީން އަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވޭނެކަމަށް ގަބޫލު ކުރަން ވަރަށް ވެސް ދައްޗެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން، އެމްޑީޕީއިން ރައީސް ސާލިހު ނެރުނު ފަދައިން ޕީޕީއެމްއިންވެސް ކެނޑިޑޭޓެއް ނެރޭނެއެވެ. ރިޔާސީ އިންތިހާބު ގެއްލި ރައީސް ސާލިހުގެ ވެރިކަމުގެ އިތުރު ދައުރެއް އަދި ކޯލިޝަނުގެ ތެރޭގައި ނުހިމެނޭ ނަމަ އެހެން ބޭފުޅެއްގެ ވެރިކަމެއް އައި ނަމަވެސް އެ ޕާޓީގެ ކުރިމަގު ފެންނަނީ ކިލަނބުކަންމަތީގައެވެ.
އެހެންކަމުން ފަހު ވަގުތު އެންޑޯސް ކުރާ ކެނޑިޑޭޓަކާއިއެކު އިދިކޮޅަށް ވެރިކަން ކާމިޔާބު ކުރެވުނަސް މިއަދު އެމްޑީޕީއަށް ޖެހިފައިވާ ދަތުރު ޖެހުމަކީވެސް ދުރުގައި އޮތް ކަމެއް ނޫނެވެ. އިދިކޮޅު ކޯލިޝަނަކީވެސް ބޮޑު ޕާޓީއެއް ކަމަށްވުމުން ހިޔާލު ތަފާތުތައްވެސް އުޅޭނެއެވެ. މިހާރުވެސް ސިޔާސީ އެކި ފަރާތްތަކުންދަނީ އިދިކޮޅު ކޯލިޝަންގެ ތެރޭގައިވެސް ފެކްޝަންތައް އުފެދިފައިވާކަމުގެ އިޝާރާތްތައް ކުރަމުންނެވެ.
ވެރިކަން ފެށުނު އިރު މުޅި އެމްޑީޕީއިންވެސް މިއަދުގެ ރައީސްގެ ރަނގަޅު ވާހަކަތައް ދައްކައި ޕްރޮމޯޓު ކުރަން ތިބި ގިނަ އަދަދެއްގެ އިސް މެމްބަރުންވެސް މިއަދު ތިބީ އެ ބޭފުޅުންގެ އަމިއްލަ ޕާޓީގެ ސަރުކާރާއި ދެކޮޅަށެވެ. މިހާރު ހަގީގަތުގައި އޮތް އިދިކޮޅު ޕާޓީއަށްވުރެ ފުރިހަމައަށް، އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދުކުރާ ފެކްޝަނުން އެ މަގާމު އަދާކުރާކަމަށްވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.
އެހެންކަމުން، ވެރިކަން ހާސިލުކުރުމަށްޓަކައި ޕާޓީގެ އިސް މެމްބަރުންގެ ތެރޭގައި ފަހު ވަގުތު ވެވުނު އެއްބަސްވުންތަކަކަކާއި އެއްގޮތް ވާގޮތަށް އަމަލު ނުކުރުމުގެ ސަބަބުން އުފެދިފައިވާ ބައިބައިވުންތައް ހަމަ މާދަމާ ޕީޕީއެމްގެ ތެރޭގައިވެސް ނުޖެހޭނެކަމަށް ނުބުނެވޭނެއެވެ. މިހާރު އިސް ސަފުގައި ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ގިނަ ފަރާތްތައް ”އިންޑިއާ އައުޓް“ ހަރަކާތުގައި ބައިވެރިވަމުންދާއިރު، އެ މަސައްކަތްތަކުގެ ތެރޭގައި ރައީސް ޔާމީންގެ ޝާމިލުވުން ކުޑަވުމުން ވިސްނުމުގެ ތަފާތުތަކެއް ހުރިކަން ވަރަށްވެސް ސާފެވެ.
ރައީސް ނަޝީދު މިއަދު ރައީސް ސާލިހު ސިފަކުރައްވަނީ ރައީސް ޔާމީންއަށްވުރެވެސް ހުދުމުހުތާރުކަމަށް ދެކުނު ފަރާތާއި އެއްގޮތަށްކަމަށްވުމުން، އެމަނިކުފާނުވެސް މަޖުބޫރީ ހާލަތުގައި ކެނޑިޑޭޓެއް އެނޑޯސްކުރެއްވުމަށްފަހު މިނިވަންވެވަޑައިގެން ކެނޑިޑޭޓަކާއި ދެކޮޅަށް މަސައްކަތްކުރެއްވުމަށް ހުންނަވާ މަންޒަރު ފެނިގެންދިއުމުގެ ފުރުސަތު އެބަ އޮތެވެ. އަދި ވެރިކަން ހާސިލުކުރެވިއްޖެ ހާލަތެއްގައި އެ ދެބަސްވުންތަކެއްގެ ސަބަބުން މަސައްކަތްތައް ކުރުމަށް ރައީސް ނަޝީދުގެ ފަރާތުން ސަރުކާރަށް ކުރިމަތިވާކަމަށް ބުނާ ފަދަ ދަތިތަކެއް ކުރިމަތިވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އެހެންކަމުން މެމްބަރުން އެއްބަސްވާ ކެނޑިޑޭޓެއް ކަނޑައަޅައި ވެރިކަން ހޯދުމަށް މަސައްކަތް ކުރަން ނުފެށިއްޖެ ހާލަތެއްގައި ނުވަތަ ކޯލިޝަނެއްގެ ތެރެއިން ނަމަވެސް އިދިކޮޅަށް ވެރިކަން ހާސިލު ނުކުރެވިއްޖެ ހާލަތެއްގައިވެސް ވަރަށް ބޮޑެތި ދަތިތައް އެބަ ހުއްޓެވެ. ދެވަނަ އެންމެ ބޮޑު ޕާޓީ ނަމަވެސް މިއަދު ޕާޓީ ފެންނަމުންދަނީ ވަރުބަލި ވެފައިވާ ހާލަތެއްގައެވެ.
ދާދި ފަހުންވެސް އެ ޕާޓީގެ މެމްބަރުންވަނީ ރައީސް ސާލިހުގެ ސަރުކާރުން އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމަށް ޖާގަ ނުދޭކަމަށް ފާހަގަކޮށްފައިކަމަށްވާއިރު، ދައުރު ފެށިގެންދިޔަ އިރު އެ ޕާޓީގެ މަގުމަތީ ހަރަކާތްތަކުގައި ބައިވެރިވަމުންދިޔަ މެމްބަރުންގެ އަދަދާއި ބަލާ މިއަދު ފެންނަމުންދަނީ މަދު އަދަދެއްގެ މީހުންނެވެ.
ޕީޕީއެމްއަކީ ވެރިކަމަށް ގަދަ ޕާޓީއެއް ނަމަވެސް މަގުމައްޗަށް ގަދަ ނޫންކަމަށް ބުނެ އުޅޭ އަޑު އިވިގެންގޮސްފައިވާއިރު، މިއަދު އެ ވާހަކަތައް ފެންނަނީ ހަގީގަތެއް ފަދައިންނެވެ. އަޑު އުފުލި ނަމަވެސް އެކަމުގެ ސަބަބުން ނަތީޖާތަކެއް ނުކުންނަ މަންޒަރެއް ނުފެނެއެވެ. މުޒާހަރާތައް ކުރަމުންދާއިރު، އެ ގޮވާލާ ގޮވުންތަކަށް ސަރުކާރުން އިޖާބަދޭންޖެހިފައިވާ މަންޒަރެއް ނުފެނެއެވެ.
އިންޑިއާ ސިފައިންނާއި ދެކޮޅަށް ހިންގި ހަރަކާތުގައިވެސް ކުރިން ގިނަ އަދަދެއްގެ ބޭފުޅުން ހަރަކާތްތެރިވިއިރު، މިއަދު އެ އަޑުތައްވެސް ފަނޑުވެގޮސްފިއެވެ. ހަމަ ރައީސް ޔާމީން މިނިވަންކުރަން ގޮވާލާ އަޑުތަކަށްވެސް އެފަދަ ގޮތެއް ވެގެންދިއުމަކީ ނެތް ކަމެއްކަމަށް އެއްވެސް ފަރާތަކަށް ބުނަން ނޭނގޭނެއެވެ.
އެހެންނަމަވެސް ފެންނަ މަންޒަރު ވަރަށްވެސް ސާފެވެ. އިދިކޮޅު ކޯލިޝަން އޮތީ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ މަންޒިލަކަށް މިސްރާބު ހިފާފައެވެ. މަގުމަތީގައި އިތުރު ދައުރެއް ހޭދަ ކުރުމަކީ ޕާޓީ ރޫޅި މެމްބަރުންވެސް ގެއްލި ދިއުމުގެ ފުރުސަތު ފަހިވެގެންދާ ކަމެކެވެ.
އެހެންކަމުން އެ ޕާޓީގެ މެމްބަރުންވެސް އެދެމުންދާނެ ގޮތުގެ މަތިން ޕާޓީގެ ކެނޑިޑޭޓެއް ނެރުން ނުވަތަ ކުޑަމިނުން ޕާޓީގެ ހިއްސާ އޮންނަ ސަރުކާރެއް ގާއިމު ކުރުމަށް މަސައްކަތްކުރުމަކީ ކޮންމެހެންވެސް އިދިކޮޅުން ކުރަންޖެހޭ މުހިންމު ކަމެއްކަމަށް ފެނެއެވެ.

