ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭއި ހައެއްގެ ހަމަލާ: ބެންޗު އުވާލި ނަމަވެސް، މައްސަލަ އަލުން ނުފަށާނެ

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ޕޮލިހުން ހިންގި އޮޕަރޭޝަންގައި މީހަކު ހައްުޔަރު ކުރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއީޑީއެއް ގޮއްވާލައި ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް ކުރިން ކޯޓުގައި ބައްލަވަމުން ގެންދެވި ބެންޗު އުވާލި ނަމަވެސް މައްސަލަ އަލުން ފަށައިގެން ކުރިޔަށް ނުގެންދިއުމަށް ކްރިމިނަލް ކޯޓުގައި މިހާރު މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ ނިންމަވައިފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރައީސް ނަޝީދަށް ފާރަލަމުން ގޮސް 2021، މޭއި 06 ގައި އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގެ ތުހުމަތު ގިނަ ބައެއްގެ މައްޗަށް ކުރެވެ އެވެ. ހަމަލާ ދިނުމުގައި އެކި ގޮތްގޮތުން ބައިވެރިވީކަމުގެ ތުހުމަތައް ހައްޔަރުކޮށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ގއ. ކޮނޑޭ، ފޮޅޭމާ/ ތަހުމީން އަހުމަދާއި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި، ގއ. ވިލިނގިލި ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގު އަލީ އާއި، އއ. މާޅޮސް، އައްސޭރިގޭ/ މުހައްމަދު ނާޒިމްގެ އިތުރުން ނ. މަނަދޫ/ ނޫރީގޭ އަލީ ހައިޝަމެވެ.

މައްސަލައިގައި ތަހުމީނާއި ހައިޝަމް އަދި މުޖާޒްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވީކަމުގެ ކުށުގެ ދައުވާ އެވެ. އަދި ތަހުމީނާއި ހައިޝަމްގެ މައްޗަށް ކުރަނީ ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ. ތަހުމީނުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ އަދި ކުށެއް ކުރި މީހަކު ފިލުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ވެސް އުފުލާފަ އެވެ.

މީގެއިތުރުން ފަހުމީގެ މައްޗަށް، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ، ނާޒިމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އިސްހާގުގެ މައްޗަށް މި ދެ ދައުވާ އާއި އެކު ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ އުފުލާފައި ވެއެވެ.

އައިއީޑީއެއް ގޮއްވާލައި ދިން ބޮމުގެ ހަމަލާގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވާފައި ވަނީ ގިނަ ދުވަސްތަކެއް ފަހުންނެވެ. ރައީސް ނަޝީދަށް އަމާޒުކޮށް، ދިން ހަމަލާގެ މައްސަލައިގެ ޝަރީއަތްތައް ދިގުލައިގެން ދާތީ އާއި، އަޑުއެހުންތައް ތާވަލު ނުކުރާތީ އެކަމާއި މެދު އެމަނިކުފާނާއި އަރިސް މެމްބަރުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިއަދު ކުރިޔަށް ގެންދިޔައީ އޮންލައިންކޮށެވެ. މައްސަލަ ބައްލަވާ، ގާޒީ ސޮފްއަތު ހަބީބު ވިދާޅުވީ ބޮމުގެ ހަމަލާގެ ތުހުމަތަށް ދައުވާތައް އުފުލާފައިވާ މީހުންގެ ޝަރީއަތްތައް އަވަސް އަވަހަށް ބާއްވައި ހުކުމަކާއި ހަމައަށް ދިއުމަށް ގަސްތު ކުރައްވާ ކަމަށެވެ.

ގާޒީ ވިދާޅުވީ މައްސަލައިގެ އަޑުއެހުމެއް ހޮނިހިރު ދުވަހު ބާއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެކަމަކު، އެ ނިންމެވުމަށް އިއުތިރާޒުކޮށް ދިފާއީ ބައެއް ވަކީލުން ވަނީ މައްސަލަ އަވަސް އަވަށް ތާވަލު ކުރުމާއި މެދު ކަންބޮޑުވާކަމަށް ބުނެފަ އެވެ. ސަބަބެއްކަމަށް ވަކީލުން ބުނީ، މިއީ ބޮޑު މައްސަލައަކަށް ވެސްވުމާއި އެކު އެހާ އަވަސް އަރުވާލުމުގެ ސަބަބުން ފާޑުކިއުންތަކާއި ޝައްކުތައް އުފެދިދާނެތީ އެވެ. އެކަމަށް ގާޒީ ވިދާޅުވީ، މައްސަލަ ކުރިޔަށް ގެންދާނީ ވަކި މަގާމެއް،  ނުވަތަ ވަކި ހައިސިއްޔަތަކަށް ބެލުމެއް ނެތި ކަމަށެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ އެކުލަވާލީ ތިން ފަނޑިޔާރުންގެ ބެންޗެއް ނަމަވެސް، ބަދަލުތަކެއް ގެނެސް ބެންޗު ވަނީ އުވާލާފަ އެވެ. ގާޒީ އާދަމް މުހައްމަދާއި، ގާޒީ މުހައްމަދު މިސްބާހު، އަދި ގާޒީ ސޮފްއަތު ހިމެނޭހެން އެކުލަވާލާފައި އޮތް ބެންޗުން އެންމެ ފުރަތަމަ ތަނާޒުލްވެވަޑައިގަތީ ގާޒީ އަލީ އާދަމެވެ.

އޭގެ ސަބަބުން ރައީސް ނަޝީދުގެ ވަކީލުން ހުށަހެޅުއްވީ ކުރީގެ ބައެއް މަރުހަލާތައް އަލުން ފެށުމަށެވެ. އޭގެއިތުރުން، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް އަލުން ފުރުސަތު ދިނުމަށް ވެސް ހުށަހެޅުއްވި އެވެ. ދައުލަތުން އެކަމަށް އިއުތިރާޒު ކުރާއިރު، ގާޒީ ސޮފްއަތު ނިންމެވީ ބެންޗުގެ ނިންމުންތަކަކީ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައި ހުރި ނިންމެވުންތަކަށް ވާތީ އެ ހުށަހެޅުން ބަލައިނުގަތުމަށެވެ. އެއީ މައްސަލަ އަލުން ފަށައިފި ނަމަ އެންމެންގެ ހަމަހަމަކަން ގެއްލިދާނެތީ އެވެ. އެހެންވެ، ގާޒީ ސޮފްއަތު ވިދާޅުވީ މައްސަލަ ކުރިޔަށް ގެންދާނީ، މިހާރު ވެސް އޮތް ހިސާބުން ކަމަށެވެ.

އެގޮތަށް ހުށަހެޅުމުގެ ފުރުސަތު ދޭން ދިފާއީ ވަކީލުން ވެސް އެދުނެވެ. އެގޮތުން ބައެއް ދައުވާ އުފުލާފައިވާ މީހުންގެ ވަކީލުން ވަނީ ކުރިން ޝަރީއަތް ގޮސްފައި ހުރި ގޮތުގެ ސަބަބުން ބައެއް ފުރުސަތުތައް ނުލިބުނުކަމަށް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު އަވަހާރަށްކޮށްލަން ދިން ޓެރަރިޒަމްގެ ހަމަލާގެ ޝަރީއަތްތައް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ހުކުމާއި ހަމައަށް ދެވޭނެކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ނަމަވެސް ހުކުމެއް އައި ހަމައެކަނި މީހަކީ އަވަސް ނިޔާގެ ދަށުން އަދުހަމް އަހުމަދު ރަޝީދެވެ. ދައުލަތާއި އެކު އެކުލަވާލި އިއުތިރާފު އެއްބަސްވުމެއްގެ ސަބަބުން އޭނާގެ މައްޗަށް އައީ 23 އަހަރުގެ ހުކުމެކެވެ.

މި އެއްބަސްވުން އެކުލަވާ ނުލި ނަމަ އޭނާގެ މައްޗަށް އަންނާނެ ހުކުމް 32 އަހަރަށްވުރެ މަތިވާނެ އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓު ހަމަލާއަކީ ދުރާލައި ރާވައިގެން ދިން ހަމަލާއެއްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: