ސަރުކާރުގައި ތިއްބަވައިގެން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސިޔާސަތަކާއި ދެކޮޅުވަނީނަމަ އެކުގައި މަސައްކަތްކުރެއްވުމަށް އުނދަގޫވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސަރުކާރު ކޯލިޝަނުގައި އޮތް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ނިންމާފައިވާކަން ފާހަގަކޮށްފައެވެ. އަދި މިކަމާއި ގުޅިގެން ސަރުކާރުގައި ދެ ރިޔާސީ ކެނޑިޑޭޓުން ތިބުމަށް އުނދަގޫވާނެކަމަށް މިއުވާން ވިދާޅުވެފައިވާތީ ނޫސްވެރިޔާ ވަނީ ރައީސް ސާލިހު ދެން އަމަލުކުރައްވާނެ ގޮތަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.
އެގޮތުން ދައުރުގެ ބާކީ އޮތްބައިގައި ކޯލިޝަނަން ކުރިއަށްދާނީ ޖުމްހޫރީ ޕާޓީއާއިއެކުގައިތޯ ނޫސްވެރިޔާ ސުވާލުކުރިއެވެ. އަދި އެމްޑީޕީގެ ބައެއް މެންބަރުން ޖުމްހޫރީ ޕާޓީ ކޯލިޝަން ބޭރުކުރުމަށް ގޮވާލަމުންދާކަން ނޫސްވެރިޔާ ވަނީ އޭނާގެ ސުވާލުގައި ފާހަގަކޮށްފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ސަރުކާރު މަގާމުތަކުގައި ތިބި މެންބަރުން ވަކިކުރުމަށްވެސް ގޮވާލަމުންދާތީ އެބޭފުޅުންނާއިމެދު އަމަލުކުރައްްވާނީ ކިހިނެއްތޯވެސް ނޫސްވެރިޔާ ވަނީ އަހާފައެވެ.
ޖަވާބުގައި މިއުވާން ވިދާޅުވީ ކޯލިޝަން އެކުލަވާލުމަށް ރައީސް ވަނީ މިހާރުވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ދައުވަތު އަރުވާފައިކަމަށެވެ. އެގޮތުން ދައުވަތު ގަބޫލުކުރައްވާފައިވާ ޕާޓީތަށް މިއުވާން ފާހަގަކުރެއްވިއެވެ. އެއީ އަދާލަތު ޕާޓީ އަދި އެމްޑީއޭއެވެ. ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީއަށް ފޮނުވި ދައުވަތަށް ޖަވާބެއް އަދި ލިބިފައިނުވާކަމަށް މިއުވާން ވިދާޅުވިއެވެ.
”އެބޭފުޅުން ކެނޑިޑޭޓަކު ނެރެ ކެމްޕެއިންކުރައްވާ ހިސާބުން އެކަމާއި ގުޅޭ ގޮތުން ރައީސް ޖުމްހޫރީ ޕާޓީއާއިއެކު މަޝްވަރާކުރައްވާނެ، ދެން ކުރިއަށްވަޑައިގަންނަވާނީ ކިހިނެއްތޯ“ މިއުވާން
ތަކުރާރުކޮށް މިއުވާން ވިދާޅުވީ މިހާރު ސަރުކާރުގައި މިއޮތް ކޯލިޝަންގެ ތެރޭގައި ދެ ރިޔާސީ ކެނޑިޑޭޓުން ތިބޭނަމަ ސަރުކާރުން ހިންގުމަށް ދަތިވާނެކަމަށެވެ. ޖުމްހޫރީ ޕާޓީއިން ރިޔާސީ ކެނޑިޑޭޓަކު ނެރެފިނަމަ ދެން ކުރިއަށްވަޑައިގަންނަވާނެ ގޮތާއިމެދު ޖުމްހޫރީ ޕާޓީއާއިއެކު ރައީސް މަޝްވަރާ ކުރައްވާނެކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ރައީސް އަށް މުހިންމީ ރައްޔިތުންނަށް ހިދުމަތްކުރުމާއި، ސަރުކާރު ހިންގުންކަމަށެވެ. ރައީސް ކުރިއަށްވަޑައިގަންނަވާނީ އެކަމާއި އެއްބާރުލުންދެއްވާ ބޭފުޅުންނާއެކުކަމަށާއި، އެހެން ނަމަވެސް ސަރުކާރުގައި ތިއްބަވައިގެން ރައީސްގެ ސިޔާސަތުތަކާއި ދެކޮޅު ހައްދަވާ، އަދި ރައީސްގެ ވާދަވެރި ކެނޑިޑޭޓަކަށް ތާއީދުކުރައްވަނީނަމަ އެކުގައި ކުރިއަށް ވަޑައިގެންނެވުމަށް އުނދަގޫވާނެކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ރައީސް އާއި ވާދަވެރި ކެނޑިޑޭޓަކަށް ތާއީދުކުރައްވާ ބޭފުޅުންނާއިއެކު ކުރިއަށްވަޑައިގެންނެވުމަށް ރައީސްއަށް ދަތިވާނެކަމަށެވެ.
މިއުވާން ވިދާޅުވީ މިހާރު ކޯލިޝަނުގައި ތިބި ޕާޓީތަކާއިއެކު ނިކުމެ އިންތިޙާބު ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން ރައީސްއަށް އެބަ އޮތްކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ ސަރުޚާރު ކޯލިޝަނާއި ވަކިވުމަކީ ރައީސްއަށް ޗެލެންޖެއް ނޫންކަމަށް މިއުވާން ވިދާޅުވިއެވެ.

