ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް މަރާލިކަން އަދުހަމްގެ މައްޗަށް ސާބިތުވެއްޖެ

ގާސިމް މަރާލި ކަމަށް އިއުތިރާފްވެފައިވާ އަދުހަމް ކުރިމިނަލް ކޯޓަށް ވައްދަނީ - ފޮޓޯ : މުއާވިޔަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހުމް ކުޑަކޮށް ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި ދައުވާ އުފުލި އަދުހަމް މުހައްމަދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އަނިޔާވެރިގޮތަކަށް، ގާސިމް މަރާލާފައި އޮއްވާ ފެނުނީ 2019، ޑިސެމްބަރު 4 ވަނަ ދުވަހުގެ ރޭ އެވެ. ޒަހަމްތަކާއި އެކު، މަގުމައްޗަށް ވެއްޓިފައި އޮއްވައި ގާސިމް ފެނިފައި ވަނީ ހުޅުމާލޭގެ، ވެހިކަލްތަކާއި މީހުން މަދު އަނދިރި ސަރަހައްދެއް ކަމަށްވާ ރީތިގަސް މަގުންނެވެ. ގާސިމްގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމްގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.

ހަތަރު އަހަރުވެފައިވާ މި މައްސަލައަށް ކްރިމިނަލް ކޯޓުގައި، ހުކުމް ކުރިއިރު އަދުހަމް ހައްޔަރު ކުރުމުން އެންމެ ފުރަތަމަ ކުށަށް އިއުތިރާފުވި އެވެ. އަދ އެރޭ ކަންތައް ހިނގައިދިޔަ ގޮތް ތަހުގީގަށް ކިޔައި ދީ، އޭނާގެ މައްސަލަ ކޯޓަށް ހުށަހެޅުމުން ކޯޓުގައި ވެސް ވަނީ ކުށަށް އިއުތިރާރުވެ ގާސިމްގެ އާއިލާގެ ކިބައިން މައާފަށް އެދިފަ އެވެ. އެކަމަކު، އަވަސް ނިޔާގެ ދަށުން ހުކުމް އިއްވުމުގެ އަޑުއެހުމުގައި އަދުހަމް ކުށަށް އިންކާރު ކުރީ އެވެ.

މައްސަލައިގައި މިއަދުގެ އަޑުއެހުމުގައި، ގާޒީ އަލީ ނަދީމް ވިދާޅުވީ ގާސިމަށް ހަމަލާ ދިން ސަބަބާއި ގުޅޭގޮތުން އަދުހަމް އެކި ފަހަރު ވާހަކަ ދައްކާފައި ވަނީ އެކި ގޮތަށް ކަމަށެވެ. އެކަމަކު، ގާސީމަށް އޭނާ ހަމަލާ ދިންކަމާއި ވަޅި ހެރިކަން އެއްބަސްވެފައިވާކަމަށް ވިދާޅުވި އެވެ.

އަދުހަމް ބުނެފައިވާ ގޮތުގައި، ގާސީމަށް އޭނާ ހަމަލާ ދިނީ މަސްތުގެ ހާލަތުގައި ހުރެ އެވެ. އަދި އެއީ އެއްވެސް ހޭވެރިކަމެއް ނެތި ހިންގުނު އަމަލަކަށް ވާތީކަމަށް ބުނެ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއަށް އިންކާރު ކުރި އެވެ. އަދުހަމް ބުނީ، ގާސިމަށް ހަމަލާ ދިނީ އެއްވެސް ގޮތަކަށް އޭނާ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އެވަގުތު ގާސިމް ހަޅޭއްލަވަން ފެށުމުން އެކަން ހުއްޓުވުމަށް ހަމަލާ ދެވުނީކަމަށް އަދުހަމް ވަނީ ޝަރީއަތުގައި ބުނެފަ އެވެ.

އެކަމާއި ގުޅޭގޮތުން ގާޒީ ވިދާޅުވީ، މެރުމުގެ ނިޔަތް އޮތްކަން ދެނެގަންނަނީ ބޭނުން ކުރި ހަތިޔާރާއި ހަމަލާ އަމާޒު ކުރެވުނު ގުނަވަނަށް ބަލައިގެން ކަމަށެވެ. އަދި މީހެއްގެ ކަރަށް ވަޅިއެއް އަމާޒު ކުރުން އެއީ މެރުމުގެ ނިޔަތް އޮތްކަން ދެނެގަނެވޭނެ ސަބަބެއްކަމަށް ފާހަގަ ކުރި އެވެ.

ގާޒީ ވިދާޅުވެފައި ވަނީ، ހަމަލާ ދިނުމަށް ފަހު އަދުހަމް މަސައްކަތް ކުރީ ކުށުގެ ވެށި ދޫކޮށް ދިއުމަށް ކަމަށެވެ. އެހެންކަމުން، އޭގެއިން ވެސް މީހަކު މަރާލުމުގެ ގަސްތު އޮތް ސަބަބެއްކަމަށް ދަލީލުކޮށްދޭކަމަށް ވިދާޅުވި އެވެ. އެ ހަމަލާއަށް ފަހު އެހީތެރިކަމެއް ފޯރުކޮށްދޭން މަސައްކަތް ކުރި ނަމަ، މެރުމުގެ ގަސްތު ނެތްކަމަށް ބެލެވުނީސްކަމަށާއި ހަމަލާ ދީފައި ވަނީ ވެސް މީހުން މަދު، ނެތް ތަނެއްގައިކަމަށް ގާޒީ ވިދާޅުވި އެވެ.

މަސްތުގެ ހާލަތުގައި ހުރުމުގެ ސަބަބުން، ހޭވެރިކަމެއް ނެތްކަމަށް އަދުހަމް ޝަރީއަތުގައި ބުނި ނަމަވެސް މީހެއްގެ އަތުން ފޭރެން ވިސްނައި، އެކަން ކާމިޔާބު ކުރުމަށް އުޅުނު މީހަކު ހުންނާނީ އެމީހަކު ކުރާ އަމަލެއްގެ ނަތީޖާ ނުވިސްނޭ ހިސާބެއްގައި ނޫންކަން ގާޒީ ފާހަގަ ކުރި އެވެ. އަދުހަމްގެ އަމަލުތަކާއި، އޭނާގެ އެ ދުވަހުގެ ވިސްނުން ހުރި ގޮތަށް ބަލާއިރު އެނާ ހުރީ ކަންކަން ވިސްނޭ ހާލަތެއްގައިކަން އެނގޭކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ ގާސިމް މަރުވީ، ކަރަށް ދިން ހަމަލާގެ ސަބަބުންކަން މެޑިކޯ ލީގަލް ރިޕޯޓުން އެނގެން އޮތްއިރު އެކަމާއި މެދު އަދުހަމް ސުވާލެއް އުފައްދާފައި ނެތް ކަމަށެވެ.

އަދުހަމް ގާސިމްއަށް ހަމަލާ ދީފައިވަނީ ފޭރުމުގެ ނިޔަތުގައި ކަމަށް އޭނާ ވަނީ ތަހުގީގަށް ކިޔާދީފައެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމަށާއި، ދިރިއުޅުމުގެ އެހެން ޒަރޫރީ ބޭނުންތަކަށް ވައްކަންކޮށްގެން ނުވަތަ މަގުމަތިން ދާ ބައެއްގެ އަތުން ފޭރިގެން އުޅުނު މީހެއްކަމަށް ވަނީ ބުނެފަ އެވެ.

އަދުހަމް ބުނެފައި ވަނީ  ގާސިމަށް ހަމަލާ ދެވުނީ ފޭރެން މަސައްކަތް ކުރުމުން އޭނާ އެހީއަށް އެދި ހަޅޭއްލަވައި ހިފެހެއްޓުމުން ސަލާމާތް ވާން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށެވެ.

ބުނީ އެރޭ ގާސިމަށް ހަމަލާ ދެވުމުން، އެ ސަރަހައްދު ދޫކޮށް ދާން މަސައްކަތް ކުރި ކަމަށާއި އަދި އޭނާ ދުވެފައި ދަނިކޮށް ޖީބުގައި އޮތް ވަޅި ވެއްޓުނު ކަމަށެވެ. ބޯކޮށް ވާރޭ ވެހި މަގުމަތީ ހެދިފައި އޮތް ފެންގަނޑަކުން އަތާއި މޫނު ދޮވެ ރައްޓެއްސެއްގެ ގެއަށް ގަމީހެއް ހޯދައި ދެން މާލެ އައިސް ދިޔައީ ގެއަށްކަމަށް އަދުހަމް ކިޔައިދިނެވެ. އަދި އެ ހާދިސާއަށް ފަހު ފިލަން މަސައްކަތް ނުކުރާ ކަމަށާއި، އެއީ ފުލުހުންނަށް އޭނާ އަތުވާނެކަން އެނގޭތީ ކަމަށް އަދުހަމް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 90%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: