ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް، މަސައްކަތް ކުރަންޖެހޭ: ރައީސް

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް ސާލިހު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ތެރެއިންނާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުންވެސް ކަންކަން ނިންމުމުގެ މަރުޙަލާއަށާއި، ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް، މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، މިރޭ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުދާނު ވަނީ މި ސަރުކާރުން 2022 ވަނަ އަހަރު ކަނޑައެޅުއްވި ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ މައްޗަށް ވަރަށް ތަފްޞީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން މި ޕްލޭންގެ ލަނޑުދަނޑިތަކުގެ ތެރޭގައި އެކި ދާއިރާތަކުގައި އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމާއި، ޖިންސަށް ބިނާކޮށް ދައުރު ކަނޑައެޅުމުގެ އާދަ ބަދަލުކުރުމަށް މަސައްކަތް ރޭވުމާއި، މުއައްސަސާތަކުގެ ފެންވަރުގައި ސިޔާސަތުތައް ކަނޑައަޅާއިރު، އަންހެނުންނާއި ފިރިހެނުންގެ މަޞްލަޙަތަށްވެސް ހަމަހަމަ ގޮތެއްގައި ރިޢާޔަތްކޮށްގެން ސިޔާސަތުތައް ކަނޑައެޅުން ހިމެނޭކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ޖަލްސާގައި ރައީސް ސާލިހު ވަނީ އަންހެނުން ބާރުވެރިކުރުމުގައި އެމް.ޓީ.ސީ.ސީގެ ފަރާތުން ކުރަމުން އަންނަނީ، ތަޢުރީފު ޙައްޤު މަސައްކަތްތަކެއްކަން ފާހަގަކުރައްވާ އެކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

ހަގީގަތުގައިވެސް އަންހެނުން ބާރުވެރިކުރުވުމުގައި އެމްޓީސީސީގެ ފަރާތުން ކުރަމުން އަންނަނީ ތައުރީފް ހައްގު މަސައްކަތެއް. ފިރިހެނުންނަށް ނޫނީ އަދާނުކުރެވޭނެކަމަށް ކުރިން ގަބޫލުކުރަމުން އައި ކިތައްމެ ދާއިރާއަކަށް އެތައް އަންހެނުނެއް ނެރެދީފި. ބަސް ޑުރައިވަރުންގެ ގޮތުގައި އަންހެނަކު ފެނިދާނެކަމަށް މީގެ ކުރިން ގިނަ ބަޔަކު ހިޔެއް ނުކުރެ.

ރައީސް ސާލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ކުރާ މަސައްކަތްތަކަކީ މިންތީ ހަމަހަމަކަމަށް ރިޢާޔަތްކުރެވިފައިވާ މަސައްކަތްތަކަކަށް ހެދުމަށްޓަކައި މިންގަނޑުތަކެއް ކަނޑައަޅުއްވާފައިވާ އިދާރާތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއަދުން ފެށިގެން ސަރުކާރުގެ ހުރިހާ އިދާރާތަކުންވެސް މި މޮޑެލްއާ އެއްގޮތަށް މަސައްކަތްތައް ރާވައި، ރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިޢާރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ސާލިހު ވިދާޅުވީ ”ޑިޖިޓަލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮރ ޖެންޑަރ އީކުއަލިޓީ“ މި ޝިއާރުގެ އެންމެ މުހިންމު އެއް ބޭނުމަކީ އިނޮވޭޓިވް ޓެކްނޮލޮޖީއާއި ޑިޖިޓަލް އެޑިއުކޭޝަން ކުރިއެރުވުމުގައި ކާމިޔާބީ ހޯދަމުން އަންނަ އަންހެނުންނާއި އަންހެންކުދިންގެ އަގުވަޒަންކޮށް ހިތްވަރު ދިނުންކަމުގައެވެ. އަދި މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވެސް، އިޤްތިޞާދު ސިންދަފާތުކުރުމަށާއި، އައި.ސީ.ޓީ، އަދި މިންތީ ހަމަހަމަކަން ފަދަ ސަބް-ސެކްޓަރތަކަށް ރިއާޔަތްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މުއައްސަސާތަކުގެ ފެންވަރުގައި ސިޔާސަތުތައް ކަނޑައަޅާއިރު، އަންހެނުންނާއި ފިރިހެނުންގެ މަސްލަހަތަށްވެސް ހަމަހަމަ ގޮތެއްގައި ވިޔާ އެއްކޮށްގެން ސިޔާސަތުތައް ކަނޑައެޅުން. މި ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި މޯލްޑިވިއަން ޖެންޑާ އީކުއަލިޓީ މޮޑެލްގެ ނަމުގައި ނިޒާމެއް އެކުލަވާލުމަށް ސްޓިއަރިން ކޮމިޓީއިން މިހާރު ވަނީ ފާސްކޮށްފަ. މި ނިޒާމުގެ މައިގަނޑު މަސައްކަތަކީ މަސްލަހަތުތައް ދެމެހެއްޓޭނެ ގޮތަށް ސިޔާސަތުތައް ކަނޑައެޅުމަށް އިދާރީ ގޮތުން ކުރާ ކަންކަން ހަރުދަނާކުރުން. މިންތީގެ ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި މިންތީގެ ހަމަހަމަކަން ވަކާލާތުކުރާނެ ވިއުގާއެއް ގާއިމްކުރުމަށްވެސް މި ނިޒާމުން އެހީތެރިވެދޭނެ.

ރައީސް ސާލިހު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ސާލިހު ވަނީ ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިޖްތިމާޢީ އަދި އިޤްތިޞާދީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މިހާރު ސަރުކާރުން ފަށާފައިވާ މީރީ ޕްރޮޖެކްޓް ފާހަގަކުރެއްވެވިއެވެ. އަދި ކުޅިވަރުގެ ދާއިރާގައިވެސް މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އަންހެން ފިރިހެން ތަފާތު ނުކޮށް ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދޭންފެށުމާއި، ޤައުމީ ޓީމުގެ ކުޅުންތެރިން ތަމްރީންތަކަށް ނުވަތަ މުބާރާތްތަކަށް ރާއްޖޭން ބޭރަށް ދާއިރު، 2 އަހަރު ނުވާ ދަރިފުޅާއި ބެލެނިވެރިއަކު ގެންދެވޭ ގޮތަށް ހަމަޖައްސާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުންވެސް އަންހެނުން ވަޒީފާގައި ދެމިތިބުމަށް ހުރި ހުރަސްތައް ނައްތާލުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކާއި އެކި ކުންފުނިތަކުގައި ކުޑަކުދިން ގޮވައިގެން އުޅެވޭނެ ޖާގަ ތަނަވަސްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އަދި މަޔަކަށް ވުމަށްފަހު، އަންހެނުންނަށް ފްލެކްސި ވަރކިން އަވަރ އެކި އިދާރާތަކުން ހަމަޖައްސައިދެމުންދާކަމަށް ރައީސް ސާލިހު ފާހަގަކުރެއްވެވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މުޅި މުޖްތަމަޢުގައިވެސް، އަންހެނުން ކުރީ ސަފަށް ނެރުމާއި އަންހެނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ރޫޙު އުފެދިގެން ދިއުމަށް އުންމީކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: