ރިޔާސީ އިންތިހާބާއި އެހެނިހެން އިންތިހާބުތައް ކަވަރުކުރުމަށް ނޫސްވެރިންނަށް ލިބިފައިވާ ފުރުސަތު ސަރުކާރުން ހަނިކުރަމުންދާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންނަށް ކުރިމަތިލުމުގެ މުއްދަތު 14 ދުވަހަށް އިތުރު ކުރުމަށް ހުށަހެޅުނު އިސްލާހަށް ބަހުސް ކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ އިންތިހާބުތަކުގައި ނޫސްވެރިންގެ ދައުރު ހަނިކުރުމަށް މަސައްކަތް ކުރުމަކީ އިލެކްޝަންސް ކޮމިޝަނުންވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
ސަރުކާރަކުން، ސަރުކާރު ހިންގަން ހުންނެވި ރައީސުލްޖުމްހޫރިއްޔާވެސް ވާދަކުރާ އިންތިހާބެއްގައި ދެން ކަންކަން ކުރަންވީގޮތް، ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވައިގެން ސަރުކާރުގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރު ބޭނުންވާ ގޮތަށް އިންތިހާބުގެ ކަންކަން ގެންދަން އުޅުމަކީ އެއީ ކޮށްގެންވާނެ ކަމެއް ނޫން.
ހަސަން ލަތީފް ވިދާޅުވީ ގާނޫނު އަސާސީ އޮތީ ނޫސްވެރިންގެ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް ނޫން ކަމަށެވެ.
ނޫސްވެރިއެއްގެ ފާސް އަޅައިގެން ގޭންގެއްގެ މީހަކު ގޮސް އިންތިހާބުގައި ވޯޓްލާ ވޯޓްފޮށި ބަންޑުންކޮށް ގަޑުބަޑު ކޮށްފާނެ ކަމަށް ހީކޮށް އެފަދަ ކަމެއް ކޮށްފާނެތީ ނޫސްވެރިންގެ މިނިވަންކަމާއި އެ މުހިއްމު ބޭނުން، ނޫސްވެރިކަން އެހާ ދަށުދަރަޖައަކަށް ދުއްވާލުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރެވިގެންވާނެ ކަމެއް ނޫން.
ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް ބޭނުން މީހަކު ކުރިމަތިލުމަށް 10 ދުވަސް ނުވަތަ 14 ދުވަސް ނުވަތަ 24 ދުވަސް ވިޔަސް 48 ދުވަސް އިތުރުކުރިއަސް މައްސަލައެއް ނެތް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަންލަތީފް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ނަގާލާފައި އިންތިހާބެއް ބާއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ހިތަށް އަރުވައިގެން ނުވާނެ ކަމަށެވެ.

