ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ކޮންމެ މީހަކު ކާމިޔާބު ކުރިއަސް ނަޝީދު ވާނީ ހަމަ ބާކީ!

ރައީސް ސާލިހް އާއި ރައީސް ނަޝީދު އަދި ގާސިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަޝްރަހުގައި ކުރެވެމުންދާ ބޮޑު ބަހުސަކީ މިއަދު އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިމަގެވެ. އެއްބަޔަކު ބުނާ ގޮތުން މިހާރު ރައީސް ނަޝީދު އުޅުއްވަމުންދާ ގޮތް ފަހުމެއް ނުވެއެވެ. އަނެއް ބަޔަކު ބުނަމުންދާ ގޮތުން ރައީސް ނަޝީދުގެ މަގުބޫލުކަން ގެއްލިގެންދަނީ އެމަނިކުފާނު އަމިއްލަ އަށް ހައްދަވާ ގޯސްތަކުންނެވެ.

މިއަދު ރައީސް ނަޝީދު ގަދައަޅާ މަސައްކަތް ކުރަމުން ގެންދަނީ ސިޔާސީ ގޮތުން އެކުގައި ވާނެ ޕާޓީއެއް ނުވަތަ ބައިވެރިއެއް ހޯދުމުގެ މަސައްކަތެވެ. އެ މަސައްކަތުގައި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާތައް ކުރައްވަމުން ގެންދަވައެވެ.

ދާދި ފަހުން ހަބަރުތަކުގެ ސުރުހީތަކުގައި ފަލަ އަކުރުން އޮތީ ޖުމްހޫރީ ޕާޓީ އާއި ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރުމަށް ނިންމައި ބައްދަލުވުންތައް ބޭއްވިގެން ދިޔަ ވާހަކައެވެ.

ދެކެވެމުން ދަނީ ރައީސް ނަޝީދު އިސްވެ ހުންނަވައި ފަށައިގެން ކުރިއަށްގެންދާ ފިކުރެއްގެ ދިރުމުން ޕާޓީތަކާއެކު މަޝްވަރާ ކޮށް މިއަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރު ވަމުންދާ ވާހަކައެވެ.

އެމްޑީޕީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓެއް އިންތިހާބުގައި ވާދަކުރުމަށް ނިކުމެ ހުރިއިރު، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު އެއްބާރުލުން ނުދީ މަސައްކަތް ކުރާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

މިއަދު ސިޔާސީ މައިދާނުން ފެނިގެންދަނީ ރައީސް ނަޝީދަށް އޮތް ތާއީދު މަޑުމަޑުން ފަނޑުވަމުންދާ މަންޒަރުތަކެވެ. ރައީސް ނަޝީދުގެ ފަހަތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކުރިހޯއްދަވަމުން ދާ މަންޒަރު ފެނިގެން ދަނީ މަދު ފަހަރަކު ނޫނެވެ.

އެމްޑީޕީގެ ފަރާތުން ރިޔާސީ ޕްރައިމަރީއެއް ބާއްވައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ޕްރައިމަރީއަށް ކުރިމަތިލީ ރައީސް ސާލިހް އާއި ރައީސް ނަޝީދެވެ. ފޯރިގަދަ އަދި ވާދަވެރި ކެމްޕޭނަކަށް ފަހު އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ސާލިހް އެވެ.

ރައީސް ސާލިހް އިންތިހާބު ކާމިޔާބު ކުރުމުން އިންތިހާބުގައި މަކަރު ހެދުމާއި އޮޅުވާލުންތަކެއް އެކުލެވިގެންވާ ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރިއެވެ. އިންތިހާބު ބާތިލް ކުރުމަށް ކޯޓަށް ހުށަހެޅިއެވެ. އެހެންނަމަވެސް އެމްޑީޕީން ނިންމީ އިންތިހާބު ސައްހަ ކަމަށެވެ.

ރައީސް ނަޝީދު ރައީސް ސާލިހް އިންތިހާބު ކާމިޔާބު ކުރެއްވުމުން އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން ވިދާޅުވީ އެކުގައި ކުރާނެ ސިޔާސީ މަސައްކަތެއް ނެތް ކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭންގައި ރައީސް ނަޝީދު ވަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވެސް ރައީސް ސާލިހަށް ވުރެ ރަނގަޅުކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ޕީޕީއެމްގެ ލީޑަރޝިޕުން ބުނެފައިވަނީ ރައީސް ނަޝީދު ރައީސް ޔާމީނަށް ތާއީދު ކޮށް ވާހަކަ ދައްކަނީ ޕީޕީއެމް މެމްބަރުންގެ ވޯޓް ހޯދުމަށް ކަމަށެވެ.

މިވަގުތު ރައީސް ނަޝީދު ކުރަމުންގެންދާ މަސައްކަތަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް އާއި ގުޅިގެން އެ ޕާޓީއަށް ވެރިކަން ހޯދައި ދިނުމުގެ މަސައްކަތެވެ. ގާސިމްގެ ފަރާތުން  ރައީސް ނަޝީދު ބޭނުންވާ ކަމަކީ އެމަނިކުފާނަށް ރަނިންގ މޭޓް ކަން ދިނުން ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިހާބު ގާސިމް އަށް ކާމިޔާބު ވުމުގައި ފުރުސަތު ބޮޑެވެ. ރައީސް ނަޝީދުގެ އެބަހަށް ގާސިމް ތާއީދުކޮށް ގާސިމްވެސް ހުންނެވީ އިންތިހާބުން ކާމިޔާބީ ލިބޭނެ ކަމުގެ ފޮނި އުއްމީދާއެކުގައެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ސާލިހާއި އެކު ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީއަށް ދައުވަތު އެރުވި ނަމަވެސް އެ ދައުވަތު ގަބޫލުނުކޮށް ގާސިމް އަދި ޖުމްހޫރީ ޕާޓީއިން ނިންމީ ވަކިން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށެވެ.

މިވަގުތު ރައީސް ސާލިހް އާއި އެކުގައި ކޯލިޝަން ހެދުމަށް ތައްޔާރުގައި ތިބީ އަދާލަތު ޕާޓީ އާއި އެމްޑީއޭ އެެވެ. އެދެޕާޓީ އަކީ ނިސްބަތުން ކުޑަ ދެ ޕާޓީކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހް އަށް ތިންވަނަ ލިބޭނެ ކަމަށްވެސް ބައެއް ފަރާތްތަކުން އަޑު ހަރުކޮށް ދަނީ ބުނަމުންނެވެ. ނަމަވެސް ރައީސް ސާލިހްގެ ސަޕޯޓަރުން ބުނަމުން ދަނީ އިންތިހާބުން މޮޅުވާނެ ކަމަށާއި އެމްޑީޕީ އިން ދެވަނަ ދައުރެއް ހޯދާނީ ރައީސް ނަޝީދުގެ ތާއީދާވެސް އެކުގައި ކަމަށެވެ.

ދާދި ފަހުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވަނީ ރައީސް ނަޝީދަށް އެކުގައި މަސައްކަތް ކުރުމަށް ވަޑައިގަތުމަށް ދައުވަތު ދީފައެވެ. އަދި ވިދާޅުވެފައިވަނީ ސިޔާސީ ގޮތުން ބާކީވާން ނޭދޭނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި އެކުގައި މަސައްކަތް ކޮށް ރައީސް ސާލިހް ހޮވުމަށް އެކުގައި ތިބުމަށެވެ. ފައްޔާޒްގެ އެވާހަކަ ތަކަށް ރައީސް ނަޝީދު ރައްދު ދީފައެއް ނުވެއެވެ.

ރައީސް ސާލިހާއި ރައީސް ނަޝީދު، މިއަހަރުގެ ރިޔާސީ އިންތިހާބު އަންނަންވާއިރަށް އެކުގައި ނުތިބެވިއްޖެނަމަ އެކަމުގެ ނުރަނގަޅު އަސަރު ކުރާނީ ހަމަ އެމްޑީޕީ އަށެވެ. ޕާޓީގެ އާއްމު މެމްބަރުންގެ ތެރެއިން ގިނަ ބައެއްގެ ހިތުގައި ނުތަނަވަސްކަން އޮތީ ދެރައީސުންގެ ދެމެދުގައި ހިނގާ ފިނި ހަނގުރާމައާ ހެދިއެވެ.

އެމްޑީޕީގެ ދެ ފެކްޝަނުން ވެސް ދޫދޭން ބޭނުމެއް ނުވެއެވެ. ރައީސް ސާލިހްގެ ފެކްޝަންގެ ބޭފުޅުން ރައީސް ނަޝީދު ފެކްޝަންގެ ބޭފުޅުންނަށް ވަގަށް ގޮވައި ކޮރަޕްޝަންގެ ތުހުމަތު ކުރާ ހިސާބަށް ދާއިރު ޕާޓީގައި އެކަން ހައްލު ކުރުމަށް މިހާތަނަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައިނެތް ކަމަށް އާއްމު މެމްބަރުން ގަބޫލު ކުރެއެވެ. ނަމަވެސް އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ނުކުތުމުގެ މުހިއްމު ކަމާއި ބެހޭ ގޮތުން ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އާއި ރައީސް ސާލިހްގެ ފަރާތްޕުޅުން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

އިންތިހާބު އަންނަންވާއިރަށް ރައީސް ނަޝީދު އަލުން ރައީސް ސާލިހްއާއި ގުޅި އެކުގައި މަސައްކަތް ކުރުމަށް އާއްމު މެމްބަރުން ތިބީ އެދިއެދިއެވެ.

ވަރަށް ގަދަ
27%ވަރަށް ގަދަ 27%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 36%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: