އެސްޓީއޯ ގެ ފަރާތުން ބަންކަރިންގ ގެ ހިދުމަތްތައް ފެށުމަށްޓަކައި ބައިނަލްއަގްވާމީ ތެޔޮ ކުންފުނިތަކާއި މަޝްވަރާކޮށް އެކަމަށް ބޭނުންވާ އިންވެސްޓްމެންޓްތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އިހަވަންދިއްޕޮޅުގައި ޓްރާންސިޕްމަންޓް ބަނދަރެއް ތަރައްގީ ކުރެވެންދެން އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓްފަހަރަަށް ހިދުމަތްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ލިޔުމުން ޖަވާބު ހޯދުމަށް މެމްބަރަކު ކުރި ސުވާލުގެ ޖަވާބުގައި ފައްޔާޒް ވިދާޅުވީ އިހަވަންދިއްޕޮޅުގައި ޓްރާންސިޕްމަންޓް ބަނދަރުތަރައްގީ ކުރުމާއިބެހޭ ގޮތުން ކުރަންޖެހޭ ކަންކަމާއި ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކަމާއިބެހޭ އިދާރާތަކާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސް، އެ ސަރަހައްދުގައި އެންމެ ފުރަތަމަ ހިދުމަތްތައް ފަށައިގަންނަ އިރު ކްރޫ ޗޭންޖް، ޝިޕް ސަޕްލައިސް އަދި ބަންކަރިންގ އަށް ފޯކަސްކުރުމަށް ވަނީ މަޝްވަރާ ކުރެވިފައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އެ ހިދުމަތްތައް ފަށައިގަތުމަށް މިހާރު އަމަލުކުރަމުންދާ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކުރެވި އެގަވާއިދުތައް އިސްލާހު ކުރުމުގެ މަސައްކަތްތަކުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
ކްރޫޗޭންޖް އާއި ޝިޕް ސަޕްލައިސް އަދި ބަންކަރިންގ ގެ ހިދުމަތް އުތުރުގައި ފެށުމަށް އިމިގްރޭޝަން އާއި ކަސްޓަމްސްގެ އިތުރުން އެހެނިހެން ރެގިއުލޭޓަރީ މުއައްސަސާތަކުގެ ރެގިއުލޭޓަރީ ހިދުމަތް ގާއިމްވެފައިވާ އައިއެސް ޕީއެސް މިންގަޑުތަކަށް ފެތޭ ފެސިލިޓީއެއް އިހަވަންދިއްޕޮޅު އަތޮޅުގައި ގާއިމް ކުރަންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އެ ފެސިލިޓީ ގާއިމް ކުރާ ލޮކޭޝަނަކީ ބަނދަރުގެ ޖާގައާއި ބަނދަރަށް ވަދެ ނިކުުތުމަށް ފަސޭހަކަމުގެ އިތުރުން ހުޅަނގު މޫސުމާއި އިރުވައި މޫސުމަށް ބަނދަރުން ނިވައި ލިބޭ ފަދަ ކަންކަމަށް ރިއާޔަތްކޮށް އެކަމަށް އެކަށީގެންވާ ލޮކޭޝަނަކަށް ވާންޖެހެއެވެ. އަދި އެފަދަ ފެސިލިޓީއެއް ތަރައްގީ ކުރުމާއި ގުޅޭ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެކުގައި ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅުގައި ޕޯޓް ސިޓީގެ މަޝްރޫއެއް ސަރުކާރުން ރާވާފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އެ ސިޓީގެ ކަންކަން އިންތިޒާމްވެ ތަރުތީބު ވެގެންދާއިރު އާގުބޯޓްފަަހަރަށް ދިނުމަށް ނިންމާފައިވާ ހުރިހާ ހިދުމަތްތަކަކީ ޕޯޓް ސިޓީގެ މަޝްރޫއުގެ ތެރެއިން ފޯރުކޮށްދެވޭނެ ހިދުމަތްތައް ކަމުގައި ވެގެންދާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. ޕޯޓް ސިޓީ މަޝްރޫއުގެ ފުރަތަމަ ފޭސް އަށް ބޭނުންވާނެ ބިން، އަވަސް މުއްދަތެއްގެ ތެރޭގައި ހިއްކައި ނިންމުމަށްފަހު އެތަނުން އެންމެ އަވަހަށް ފޯރުކޮށްދޭނެ ހިދުމަތްތަކުގެ ތެރޭގައި ކްރޫޗޭންޖް، ޝިޕް ސަޕްލައިސް ފަދަ ހިދުމްތްތައް ހިމެނޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންކަމުން އިހަވަންދިއްޕޮޅުގެ އެހެން ރަށެއްގައި ޓްރާންޝިޝަން އެރޭންޖްމަންޓެއްގެ ގޮތުގައި އިންވެސްޓްމަންޓް ތަކެއް ކުރުމުގެ ބަދަލުގައި ސަރުކާރުގެ މިހާރުގެ އަމާޒަކީ އިހަވަންދިއްޕޮޅު ޕޯޓް ސިޓީގެ މަޝްރޫއު ފަށައިގަތުމަށް ބޭނުންވާނެ ބިން އަވަހަށް ހިއްކައި އިހަވަންދިއްޕޮޅުގެ ސްޓްރެޖެޓީކް ލޮކޭޝަން އެޑްވާންޓޭޖްގެ ތެރެއިން ދެވެން ފެށޭނެ ހިދުމަތްތައް ޕޯޓް ސިޓީގެ މަޝްރޫއުގެ ތެރެއިން ދެމެހެއްޓެނިވި އަދި ކޯސްޓް އިފެކްޓިވް ގޮތެއްގައި ދިނުމަށް ވީހާވެސް އަވަހަށް ފެށުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅުގައި ތަރައްގީކުރެވޭ ޕޯޓް ސިޓީގެ ހިދުމަތްދިނުމަށް ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި ހިދުމަތްތަކުގެ ޕްރޮސެސް އަވަސް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާއިބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދަމުންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

