އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރުކަން އަދާކުރެއްވި މުހައްމަދު ޝިފާޒް ވަޒީރުކަމުން ވަކި ކުރުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، އެމްޑީޕީގެ ތެރޭގައި އޮންނަ ރައީސް ނަޝީދު ފެކްޝަނާއި ރައީސް ސާލިހު ފެކްޝަނުންދަނީ ކޯޅެމުންނެވެ. ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތައް މިހާރު މަސައްކަތްކުރައްވަމުންދަނީ ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ ޖުމްހޫރީ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންނެވެ. ރައީސް ސާލިހަށް ތާއީދުކުރާ ފަރާތްތަކުންވަނީ އެކަމާއި ނުރުހުން ފާޅުކޮށް ސަރުކާރުގައި ތިބެގެން ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް އަޅަމުންދާ ފަރާތްތައް އަދި އެއްބާރުލުން ނުދޭ ފަރާތްތައް މަގާމުތަކުން ދުރުކުރުމަށް ގޮވާލާފައެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބޮޑު މައްސަލައަަށް އަލިއަޅުއްވައި ރައީސް ސާޅިހަށް ފާޑުވިދާޅުވަމުން ޖަމީލުވަނީ ރައީސް ސާލިހު އަދި ތާއީދުކުރައްވާ ފަރާތްތައްވެސް އެއްވެސް އެހެން ފަރާތަކަށް ވަޒީފާގެ ބިރުދައްކާފައިނުވާކަމަށް ބުނަމުންދާކަމަށް ފާހަގަކުރައްވާފައެވެ. އަދި ޝިފާޒް ވަޒީފާއިން ވަކި ކުރުމަކީ ރައީސް ސާލިހު އެފަދަ އަމަލުތައް ހިންގަވާކަމުގެ ހެއްކެއްކަމަށް ޖަމީލު އިޝާރާތްކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމުގެ އަނިޔާވެރިކަމާއި ”މުނާފިގު“ ވާހަކަތައް އޭނާ އަބަދުވެސް ދައްކަވާފައިވާނެކަމަށެވެ. އަދި މިހާރު އެމްޑީޕީއަށްޓަކައި ގުރުބާންވި ފަރާތްތަކަށްވެސް އެ އަނިޔާވެރިކަން ތަހައްމަލު ކުރަންޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީއިން އެ މެމްބަރުން ވަކި ކުރިޔަސް އަދި ވަކިވިޔަސް އެއީ ވެގެންދާނެ ހެޔޮކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.
ކޮބާ ރ. އިބްރާހިމް ދެއްކި ވަޒީފާގެ ބިރު ނޯންނާނެވާހަކަ؟ އަބަދުވެސް ބުނަމުން މިއައީ މިވެރިމީހާގެ މުނާފިގް ކަމާއި އަނިޔާވެރިކަމުގެ ވާހަކަ.އަމިއްލަ ޕާޓީގެ ފިދާއީންނަށްވެސް އަނިޔާ.ފެތެމުންދާ އޮޑިން ފުންމާ ލިޔަސް އަދި ވަކިކުރިޔަސް ވާނީ ހެވަކަށް. ނިމިއެްޖެ IA. pic.twitter.com/QLCAib37o9
— Mohamed Jameel Ahmed (@MJameelAhmed) March 29, 2023
ޝިފާޒް ވަކިކޮށްފައިވާކަމާއިމެދު އެމްޑީޕީގެ އިސް މެމްބަރުންވެސްވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ފިކުރެއްގެ ދިރުންގައި އިސްކޮށް ހަރަކާތްތެރިވަމުންދާ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، ޝިފާޒްއަށް ލިބިވަޑައިގެންފައިވާ ތާއީދާއި އިތުބާރާކީ ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމާއި ގާތް ގުޅުންތަކެއް އާލާކުރެއްވުމުގެ ނަތީޖާކަމަށެވެ. އަދި އެކަމާއި ރައީސް ސާލިހު ދެއްވާފައި އަތުލެއްވި ވަޒީރުކަމުގެ މަގާމާއި އެއްވެސް ގުޅުމެއް ނެތްކަމަށާއި އެނާއަށް އުޖާލާ ސިޔާސީ ކުރިމަގެއް އޮތްކަމަށް ވިދާޅުވިއެވެ.

