ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަކީ މިހާރު މިންގަނޑުތަކާއި އެއްގޮތަށް އިން ވަކި ކުރެވިފައިވާ ގައުމެއް؛ މިއީ ކާމިޔާބެއް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަކީ ބައިނަލް އަޤުވާމީހަމަތަކާއި މިންތަކާއި އެއްގޮތަށް އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމަކަށް ބަދަލުވެގެން ދިޔުން އެއީ ދިވެހިރާއްޖެއަށާއި ދިވެހިރައްޔިތުންނަށާއި މިސަރުކާރަށް ލިބިގެން ދިޔަ ކާމިޔާބީއެއްކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މޮރިޝަސް އަދި ރާއްޖޭގެ އިމުގެ މައްސަލަ ރާއްޖެއާއި އެއްކޮޅަށް ނިމިފައިވާކަމަށް ބުނެ ސަރުކާރުގެ އިސްވެރިން ދަނީ އުފާ ފާޅު ކުރަމުންނެވެ. ކަނޑުގެ ސަރަހައްދުން ބައެއް ރާއްޖެއަށް ގެއްލިފައިނުވާކަމަށާއި، މައްސަލަ ނިމިގެން ދިޔައީ ރާއްޖެ ބޭނުންވި ގޮތަށްކަމަށް މީޑިއާތަކުން ރިޕޯޓު ކުރަމުން ދާތީ އެކަމަށް ވެސް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

ރާއްޖެއާއި ދެކޮޅަށް މޮރިޝަސްއިން މައްސަލަ ހުށަހަޅާފައި ވަނީ އިގްތިސާދީ ހާއްސަ ސަރަހައްދާއި، ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑްރީ ކަނޑައަޅައިދިނުމަށެވެ.

މައްސަލައިގައި ގޮތެއް ނިންމުމަށް ކުރިޔަށް ދިޔަ ހުކުމް މަޖިލީހުގައި އިޓްލޮސްއިން ނިންމާފައިވާ ފުށު އަރާބައި އިކުއިޑިސްޓެންސްގެ އުސޫލުން ބަހާލުމަށެވެ. ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައި ނެތެވެ. ސަރަހައްދީ އިން ވަކި ކުރުމުގައި އެއްބަސް ނުވެވޭ ހާލަތެއްގައި، ދެން އަމަލު ކުރަން ޖެހެނީ އިކުއިޑެސްޓެންސަށް ބަލައިގެންނެވެ.

މައްސަލަ ހުށަހަޅައި މޮރިޝަސް ބުނީ، ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބެލެންހެމް ރީފްއިން ފެށިގެން ކަމަށެވެ. އެކަމަކު އެއަށް ދެކޮޅު ހަދައި ރާއްޖެއިން ބުނީ ބައިނަލްއަޣުވާމީ ހަމަތަކުފެ ދަށުން ތިލަ ދިޔަވަރުގައި ފެންނަން އޮތް ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށެވެ. ރާއްޖޭގެ އެ ނުކުތާއަށް ހުކުމުގައި ތާއީދުކޮށްފައި ވެއެވެ.

މި ނިންމުމާއި ގުޅިގެން މީޑިއާތަކާއި ބައްދަލު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ސަރަހައްދު ގާނޫނު އަސާސީގައި ވަރަށް ސާފު އިބާރާތުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކޯސްޓަލް އެޖުން ފެށިގެން 12 ނޯޓިކަލް މައިލް ރާއްޖޭގެ ސަރަހައްދުގެ ގޮތުގައި ކަނޑައެޅިފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު ނިމިގެން ދިޔައީ ބައިނަލްއަގުވާމީ މުއާހަދާތަކާއި، ގާނޫނުތަކާއި އެއްގޮތަށް ކަނޑައަޅަން ޖެހޭ ބައެއް ކަމަށެވެ. އެއީ ދެކުނުގައި 200 ނޯޓިކަލް މޭލް ރާއްޖެއިން މިން އަޅާއިރު މޮރިޝަސްގެ ސަރަހައްދާއި ފުށުއަރާ ސަރަހައްދުކަންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެހެންވީމާ، މިއަދު އެ ނިމިގެންދިޔަ ދިޔުމަކީ، އަޅުގަނޑު ދަންނަވާނީ، ޤާނޫނީ ހަމަތަކާއި މިންތަކުގެ ތެރެއިން ރާއްޖޭގެ އިން ވަކިކުރެވި، ފުރިހަމަވެގެންދިޔަ ދިޔުމެއް ކަމަށް. ރާއްޖެއަކީ މި ދެންނެވި ގޮތަށް، ބައިނަލްއަޤްވާމީ ހަމަތަކާއި މިންތަކާ އެއްގޮތަށް، އިން ވަކިކުރެވިފައި އޮތް، ފުރިހަމަ ބައުންޑަރީ އޮތް ގައުމަކަށް މިއަދު ބަދަލުވެގެން އެދިޔައީ.

ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްޣުވާމީ މުއާހަދާތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އޭގެ ދަށުން އެއްވެސް ސަރަހައްދެއްގައި އީއީޒެޑްގައި ފުށުއެރުމެއްވާނަމަ އެ ފުށުއަރާ ސަރަހައްދު ބަހަނީ މެދުން ހަމަވާ ގޮތަށް ކަމަށެވެ. އަދި ރާއްޖެއިން 2000 ވަނަ އަހަރު ބައިވެރިވެފައިވާ މުއާހަދާ އާއި އެއްގޮތަށް އެއްވެސް ސަރަހައްދެއްގައި ހާއްސަ އިގްތިސާދީ ސަރަހައްދު ފުށުއަރާނަމަ އެސަރަހައްދެއް ބަހަންޖެހެނީ މެދުން ހަމަޔަށް ވާގޮތަށް ކަމަށް ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ބައިނަލް އަޤުވާމީހަމަތަކާއި މިންތަކާއި އެއްގޮތަށް އިންވަކިކުރެވިފައިވާ ފުރިހަމަ ގައުމަކަށް ބަދަލުވެގެން ދިއުމަކީ ކާމިޔާބީއެއްކަމަށް ސިފަ ކުރައްވައި ރައީސް ވިދާޅުވީ މިއީ ރައްޔިތުންނާއި ދިވެހި ގައުމަށް ވެސް ލިބުނު ތާރީހީ މޮޅެއް ކަމަށެވެ.

އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މިއީ ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި، މި ސަރުކާރަށާއި، އަޅުގަނޑުމެން އެންމެންނަށް ލިބުނު ރަނގަޅު ކާމިޔާބެއް ކަމަށް.

ނޫސްވެރިންގެ ސުވާލުތަކަށް ރައީސް ވިދާޅުވީ މައްސަލައިގައި ރާއްޖޭން އެއްވެސް އިރެއްގައި ފޯޅަވަހީގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް މަސައްކަތްކޮށްފައި ނުވާކަމަށެވެ. އަދި ޗާގޯސްގެ އުތުރުން އޮތް ސަރަހައްދަކީ ހިމާޔަތް ކުރެވިފައިވާ ކަނޑުގެ ސަރަހައްދަކަށް ހެދުމަށް މޮރިޝަސްއިން ނިންމާނެކަން ހާމަކުރައްވާފައިވާ ކަމަށާއި، އެހެންވުމުން ދެކުނުގެ މަސްވެރިކަމަށް އެކަމުން ފައިދާ ކުރާނެކަމަށް ވިދާޅުވި އެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް ފަހު ކުރިޔަށް ގެންދިޔަ މި ޕްރެސްގައި އެބޭފުޅުން ވެސް ބައިވެރިވި އެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މީޑިއާތަކުގެ ސުވާލަށް ޖަވާބު ދެއްވި އެވެް

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙައްދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލާގައި އިޓްލޮސްއިން، ގޮތް ނިންމަވާފައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށް ރާއްޖެއަށް ފައިދާވާ ގޮތަށެވެ. އަދި މި ނިންމުމާ ގުޅިގެން، ފުށުއަރާ ސަރަހަދުން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ލިބިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: