ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ތްރީ ލައިން ވިޕެއް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ނެރެފި އެވެ.
ރާއްޖެ – މޮރިޝަސް ކަނޑުގެ ފުށުއަރާ ސަރަހައްދުގެ އިން ކަނޑައެޅުމުގައި ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރިކަމަށް ބުނެ ގުޅިފައިވާ ޕާޓީތަކުން މަޖިލީހަށް ހުށަހަޅާފައި ވަނީ ދެ ވަޒީރެއްގެ މައްސަލަ އެވެ. ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުގައި އިސްކޮށް ހަރަކާތްތެރިވީ އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި، ޖުމްހޫރީ ޕާޓީގެ އިތުރުން، އަލަށް އުފަންވާ ދި ޑިމޮކްރެޓްސްގެ މެމްބަރުންނެވެ.
އޭގެއިތުރުން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ވަޑައިގެންނެވި އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ސަރުކާރު މެމްބަރުންގެ ސޮޔާއި އެކު ވަނީ ހުށަހަޅާފަ އެވެ. އެމްޑީޕީން ވަކިވެ އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރިޔަށް ގެންދާތީ، އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ހުށަހެޅީ ގިނަ ސަބަބުތަކެއް ވެސް ބަޔާން ކުރުމަށް ފަހު އެވެ.
މައްސަލަ އެޖެންޑާކޮށް މެމްބަރުންނަށް ނޯޓިސް ފޮނުވާފައިވާއިރު، ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި މި ހަފްތާގެ ބުދަ ދުވަހަށެވެ. އެއަށް ފަހު ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓު ޖޫން 07 އަށް އަދި އީވާގެ މައްސަލަ 11 އަށް ވަނީ ތާވަލުކޮށްފަ އެވެ.
އިތުބާރު ނެތްކަމުގެ މައްސަލަތަކާއި ގުޅޭގޮތުން ޕީޖީ ބައްދަލުވުމެއް ބޭއްވުމަށް ފަހު އީވާ ވަކި ކުރުމަށް ވޯޓު ދޭން ތްރީލައިން ވިޕެއް ވަނީ ނެރެފަ އެވެ. އަދި ޝާހިދާއި، ރިފްއަތުގެ ދިފާއުގައި އެބޭފުޅުން ވަކިކުރަން ނުފެންނަކަމަށް ވޯޓު ދޭން ޕާޓީން ވަނީ މެމްބަރުންނަށް އަންގާފަ އެވެ.
މެމްބަރުންގެ މެދުގައި ވޯޓު ނެގުމުގެ ކުރިން ވަޒީރުންނަށް ދިފާއުގައި ވާހަކަ ދެއްކުމަށް ޖުމްލަ 30 މިނެޓު ދިނުމަށް އާއްމު ކޮމިޓީން ވަނީ ނިންމާފަ އެވެ.
އެމްޑީޕީ ދޫކޮށް އިތުރު ބައެއް މެމްބަރުން މި ހަފްތާގައި ދި ޑިމޮކްރެޓްސް އާއި ގުޅޭނެކަމަށް ވާހަކަތައް ދެކެވެމުންދާއިރު، މި ވޯޓުތަކާއި އެކު މެމްބަރުންގެ ސްޓޭންޑު އަނެއްކާވެސް އިތުރަށް ސާފުވެގެން ދާނެ އެވެ. އެއީ އީވާގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީގެ 05 މެމްބަރެއްގެ ސޮއި ނެތުމުންނެވެ.

