ރާއްޖެ އާއި މޮރިޝަސްގެ އިން ވަކި ކުރުމުގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަކަތަކަކީ ”ހަމަ ބުއްދި“ އަށް ގަބޫލުކުރެއްވޭ ވާހަކަތަކެއް ނޫންކަމަށް ފާހަގަކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، މިއުވާންވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، 241 ކޮމިޓީއިން އެދިއްޖެ ހާލަތެއްގައި އެ ސިޓީ ހިއްސާކުރައްވާނެކަމަށް މީގެ ކުރިން ވިދާޅުވެފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ، އެހެންނަމަވެސް ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ ދެމެދު ބަދަލުކުރެވޭ ސިޓީތަކަކީ އާންމު ހާލަތެއްގައި އާންމުކޮށް ހިއްސާކުރާ އެއްޗެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި އަމަލުކުރާ ގޮތެއް ނޫންކަމަށެވެ.
މިއުވާން ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައިވެސް އެފަދަ ސިޓީއެއް އާންމުކޮށްފައިނުވާނެކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ކުރާކަމެއްކަމަށް ބައެއް ފަރާތްތަކުން ސިފަކުރަމުންދަނީ ސިޔާސީ ބޭނުމެއްގައިކަމަށެވެ. އެހެންނަމަވެސް އެ ފަރާތްތަކުން ދައްކަވަމުންދާ ވާހަކަތަކަކީ ހަމަ ބުއްދިއަށް ގަބޫލުނުކުރެވޭނެ ވާހަކަތަކެއްކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ. މިއުވާން ވިދާޅުވީ، ދެ ގައުމެއްގެ އިސްވެރިންގެ ދެމެދު ބަދަލުކުރެވޭ ލިޔެކިއުންތަކަކީ އެ ތަކެތީގެ ސިއްރު ހިފެހެއްޓޭ އެއްޗެއްކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީއިން އެކަމަށް އެދިއްޖެ ހާލަތެއްގައި އެ ސިޓީ ހިއްސާކުރައްވާނެކަމަށް މިއުވާން ފާހަގަކުރެއްވިއެވެ.
މިއުވާންވަނީ ރާއްޖެއާއި މޮރިޝަސްގެ އިން ވަކި ކުރުމުގެ ތެރެއިން އުފެދިފައިވާ މައްސަލައަށްވެސް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އެކަމާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައިވާނެކަމަށެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުންވެސް މައްސަލައާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ސާފުކޮށްދިނުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކުރެވިފައިވާ މަސައްކަތްތައް ބަންޑާރަނައިބުގެ އޮފީހުގެ ވެބްސައިޓުގައި ފެންނަން ހުންނާނެކަމަށެވެ. މިއުވާން ވިދާޅުވީ، އިން ވަކި ކުރުމުގެ މައްސަލައިގައި ސަރުކާރުން އިޓްލޮސްއަށް ހުށައަޅާފައިވާ ލިޔެކިއުންތައް އެ ޖަމިއްޔާގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ. އޭނާ ވިދާޅުވީ، އިން ވަކި ކުރުމުގެ މަސައްކަތްތައް ކުރީ ސިއްރުން ނޫންކަމަށެވެ. އަދި އެއީ އެންމެހާ ފަރާތްތަކަށްވެސް ފެންނާނެހެން ކުރިއަށް ގެންދިޔަ މަސައްކަތްތަކެއްކަމަށާއި އެހެންނަމަވެސް ލިޔެކިއުންތަކަށް ރިއާޔަތްކުރުމެއް ނެތި ސިޔާސީ ވާހަކަތައް ދައްކަވަންވުމުން ބައެއް ފަރާތްތަކަށް ހަގީގަތް އޮޅިގެންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.


One Response
ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއްކަމަށް ދިވެހިރާއްޖެއިން ޤަބޫލުނުކޮށް އޮތް ނަމަ ދިވެހިރާއްޖޭގެ އިކޮނޮމިކް ޒޯން އާއި މޮރިޝަސް އާއި ފުށުއެރުމެއްނެތެވެ.