ސްވިޑެންގައި ގުރުއާން ހަތިމެއް އެންދުމާއި ގުޅިގެން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން (އޯއައިސީ) އިން އދގެ އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހަށް ހުށައެޅި ދީނާއި މެދު ނަފްރަތު އުފެދޭ އަދި ތަފާތުކުރުންތަކާއި ހަމަނުޖެހުމަށް ހިތްވަރުދޭ އަމަލުތައް ހުއްޓުވުމުގެ ގަރާރު ރާއްޖޭގެ ތާއީދާއިއެކު ފާސްވެއްޖެއެވެ.
ދިވެހި ފޮރިން މިނިސްޓްރީއިން ހާމަކޮށްފައިވާގޮތުން، ސްވިޑްންގައި މުސްހަފެއް އެންދުމާއި ގުޅިގެން އދގެ އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުމުގައި ކުރިއަށް ގެންދިޔަ އާޖަންޓު ޑިބޭޓުގައި ރާއްޖެއިންވަނީ ބައިވެރިވެފައެވެ. އެ ބައްދަލުވުމަކީ ސްވިޑެންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަކުރާރުވަމުންދާ ކީރިތި ގުރުއާން ހަތިމު އެންދުމުގެ ހާތިސާތަކާއި ގުޅިގެން އެކަން ހުއްޓުމަކަށް ގެނައުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އޯއައިސީއިން ބޭއްވި ބައްދަލުވުމެއްގައި މެމްބަރުންވަނީ އެ މައްސަލަ ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށްޓަކައި އދގެ އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހަށް ހުށައަޅައި ގަރާރެއްވެސް ހުށައަޅާފައެވެ.
އދގެ މި ޑިބޭޓުގައި ރާއްޖެއިން ބައިވެރިވެފައިވާއިރު، ރާއްޖެ ތަމްސީލުކުރެއްވީ ދިވެހިރާއްޖޭގެ ފަރާތުން ޖެނިވާގައި ހުންނަ އދގެ އޮފީސްތަކަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ އާސިމް އަހުމަދެވެ. އެމަނިކުފާނުވަނީ ގުރުއާން ހަތިމު އެންދުމުގެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އޭނާ ވަނީ އެކަމުގެ ސަބަބުން ލިބިގެންދާ އިޖްތިމާއީ ގެއްލުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާފައިކަމަށްވާއިރު، އެފަދަ އަމަލުތަކަކީ ހިޔާލު ފާޅުކުރުމުގެ ހައްގުގެ ދަށުންވެސް ބަލައިނުގަނެވޭނެ އަމަލުތަކެއްކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އޭނާ ވަނީ އެފަދަ އަމަލުތަކުގެ ސަބަބުން އިސްލާމް ދީނާއިމެދު ބިރުވެރިކަމާއި ނަފްރަތު އުފެދިގެންދާކަންވެސް ފާހަގަކުރައްވާފައެވެ. އަދި މުޖުތަމައުގެ ހަމަޖެހުމާއި މަސަލަސްކަން ގާއިމުކުރުމަށް އެފަދަ އަމަލުތައް ހުއްޓުމަކަށް ގެނައުމަށްވެސް އޭނާ ގޮވާލެއްވިއެވެ.
އެފަދަ އަމަލުތައް ހުއްޓުވުމުގެ ނިޔަތުގައި އޯއައިސީއިންވަނީ ގަރާރެއްވެސް ހުށައަޅާފައެވެ. އަދި އދގެ އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހުގެ 28 ގައުމަކުންވަނީ އެ ގަރާރަށް ތާއީދުކުރައްވާފައިކަމަށްވުމުން ގަރާރު ފާސްވެގެންދިޔައެވެ. ރާއްޖެއިންވެސް ވޯޓު ދިނީ ގަރާރު ފާސްކުރުމަށެވެ.

