ރޯގާ ފެތުރެމުންދާތީ ސަރުކާރުން ޒިންމާދާރުވުމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.
އިދިކޮޅުން ނެރުން ބަޔާނުގައި އާދަޔާ ޚިލާފު ބާރުމިނެއްގައި ކުޑަކުދިންގެ މެދުގައި ފެތުރެމުންދާ ހޮޑުގެ ރޯގާއަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި އެކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ގޮވާލާފައިވެއެވެ.
ބަޔާނުގައި ވަނީ މި ދުވަސްވަރު ކުޑަކުދިންގެ މެދުގައި އާދަޔާ ޚިލާފު ބާރުމިނެއްގައި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރެމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
އާދަޔާ ޚިލާފު ބާރުމިނެއްގައި ހޮޑުލުމުގެ ރޯގާއެއް ކުޑަކުދިންގެ މެދުގައި ފެތުރެމުންދާއިރު، ކުޑަކުދިން ޢާންމުކޮށް އެއްވާ ޒާތުގައި ކަންކަން ކުރަމުން ގެންދިއުމަކީ ވަރަށްވެސް ޒިންމާދާރުކަން ކުޑަކޮށް ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކެއްކަމުގައި ޤަބޫލު ކުރާކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އެގޮތުން މިނިވަން ދުވަހުގެ ކުޅިވަރުތަކާއި، ފްލޯޓަށް ތައްޔާރުވެފައިވީ ނަމަވެސް، ފެތުރެމުންދާ ރޯގާއަށް ލުޔެއް ލިބެންދެން ދުވަސްކޮޅަކު މަޑުކޮށްލުމަކީ ދިވެހި ރައްޔިތުންނާއި ކުޑަ ކުދީންގެ ރައްކާތެރިކަމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއްކަމަށް އިދިކޮޅުން ބުނެފައިވަނިކޮށް، މި ހަރަކާތްތައްވަނީ ފަސްކޮށްފައެވެ.
ފެތުރެމުންދާ ހޮޑުގެ ރޯގާއަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ސިއްޙީ ޚިދުމަތް ދޭ ތަންތަނުގައި ޚާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުމަށާއި އަދި ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށްވެސް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

