ދިވެހި ޒުވާނުން ތިބީ ދަރަނަވެރިކޮށްފައިކަމަށާއި ނުދަރާ އެންމެ ޒުވާނަކުވެސް ނެތްކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީއިން ފ އަތޮޅު ނިލަންދޫގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނާޒިމްވަނީ ދިވެހިރާއްޖޭގެ ރައްޔިތުން މާލީ ހާލަތު ދަށަށް ގޮސްފައިވާކަމަށް ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޒުވާނުންގެ ހާލަތު ހުރި ގޮތް ބަޔާންކުރައްވާ ނާޒިމް ވިދާޅުވީ ރާއްޖޭގެ ޒުވާނުންތިބީ ދަރަނީގެ ދަންތުރައެއްގައި ޖެހިފައިކަމަށެވެ.
ނާޒިމް ވިދާޅުވީ، ބޭނުން ކުރުމަށް ގެނެލާ ފޯނަކީވެސް އުރީދޫ ނޫނީ ދިރާގު ފަދަ ތަނަކަށް ދަރާފައިވާ އެއްޗެއްކަމަށެވެ. އޭނާ ވިދާޅުވީ، ދަތުރުކުރުމަށް ހޯދާ އުޅަނދަކީވެސް ކޮންމެވެސް ކުންފުންޏަކަށް ދަރަފާއިކަމަށާއި ގެއަށް ކާބޯތަކެތި ގަތުމުގެ ބޭނުންޖެހުމުން އެކަންވެސް ކުރެވެނީ ކަންމަތީ ފިހާރައަށް ދަރައިގެންކަމަށް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، ގެއެއް ނުވަތަ ބޯހިޔާވަހިކަމަށް ބޭނުންވާ މިހާ ޖެހެނީ ބެންކަށް ދަރަންކަމަށެވެ.
އޭނާ ވިދާޅުވީ، އިސްވެ ބަޔާންކުރެއްވީ ޒުވާނުންނާއި ޖުމުލަގޮތެއްގައި ދިވެހި ރައްޔިތުންގެ ހާލަތު ހުރި ގޮތްކަމަށެވެ. އެހެންކަމުން އެ ހާލަތުން ދިވެހިރާއްޖެ ސަލާމަތްވެގެންދާނީ ދިވެހި ރައްޔިތުންގެ އިސްނެގުމުގެ މަތިން ނިންމަވާ ނިންުމުގެ މައްޗަށް ބިނާކޮށްކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، 9 ސެޕްޓެމްބަރަށްފަހު ދިވެހިރާއްޖެ ދާނީ އުޖާލާ ޒަމާނެއްގެ ތެރެއަށްތޯ ނުވަތަ ފަހަތަށް ސޮއްސާލާނީތޯ ނިންމާނީ ވޯޓު ކަރުދާހުގައި ޖަހާލާ ފާހަނގައިންކަމަށެވެ. އެހެންކަމުން އެކަމާ ރަނގަޅަށް ވިސްނާވަޑައިގެންނެވުމަށް ނާޒިމް އިލްތިމާސް ކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ، ނިލަންދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ގޭގެއަށްވެސް ވަޑައިގެންނެވިކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންނަށް ހައްގުވާ މިންވަރަށް ގެދޮރު ބިނާކުރެވިފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުން ތިބީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ހާލަތުގައިކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެންޕީއިން ވެރިކަމަށް ވާސިލުވުމަށް މަސައްކަތްކުރަމުންދަނީ ރަނގަޅު އިގްތިސާދީ ސިޔާސަތުތަކެއްވެސް އެކުލަވާލައިގެން އެ ސިޔާސަތުތައް ހިފައިގެންކަމަށެވެ. އޭނާ ވިދާޅުވީ، މުޅި ވިސްނުންވެސް ހުރީ ދިވެހިރާއްޖޭގެ އިގްތިސާދު ހަރުދަނާކޮށް އެކަން މެދުވެރިކޮށް ރައްޔިތުންގެ ޖީބަށް ފައިސާ އިތުރުކޮށްދިނުމަށްކަމަށެވެ.
ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ސަރުކާރެއްގައި ވައުދުވެފައިވާ ގިނަ އަދަދެއްގެ ކަންކަމަކީ ހިލޭ ކޮށްދިނުމަށް ވައުދުވެވަޑައިގެންނެވި ކަންކަން ކަމަށެވެ. އޭނާ ވިދާޅުވީ، އެގޮތުގެ މަތިން ވައުދުވެވަޑައިގެންނެވީ މިހާތަނަށް ރައްޔިތުންނަށް ހައްގު މިންވަރު ލިބިފައިނުވާތީކަމަށެވެ. ނާޒިމް ވިދާޅުވީ، ކަންކަން ބައްޓަންވެފައިވާންޖެހެނީ ދައުލަތަށް ގިނަ އަދަދެއްގެ ފައިސާ ލިބުމުން ވެރިންގެ ގޮތުގައި ތިބޭ ބަޔަކު ޖީބަށް ލާ ގޮތަށް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ކަންކަން ބިނާވެފައިވާންޖެހޭނީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާ ލިބިގެންދާ ގޮތަށްކަމަށެވެ.
ނާޒިމް ވިދާޅުވީ، އޭނާ މަސައްކަތްކުރައްވަމުންދަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރޭގައި އޮތް މާލީ ތަފާތުތައް ކުޑަކުރުމުގެ ނިޔަތުގައިކަމަށެވެ. އޭނާ ވިދާޅުވީ، މަސައްކަތްކުރައްވަމުންދަނީ ދިވެހި ރައްޔިތުންގެ ތެރޭގައި ހަމަހަމަކަން ގާއިމުކޮށްދެއްވުމަށްކަމަށެވެ.

