ފުރަތަމަ ބުރުގައި ދިން ތާއީދާށްވުރެ އިތުރަށް ރައްޔިތުން ތާއީދު ދެއްވާނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސެޕްތެމްބަރ 30 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން ޑރ މުއިއްޒު މިއަދު ދަތުރު ކުރައްވަމުން ގެންދަވަނީ ނ އަތޮޅަށެވެ. މިއަދުގެ 3 ވަނަ މަންޒިލް މާޅެންދޫއަށް ޑރ މުއިއްޒު ވަޑައިގެންނެވުމުން އެ ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.
ޑރ މުއިއްޒުގެ މި ދަތުރުގައި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އާއި މާވަށު ދާއިރާގެ މެންބަރު އަހުމަދު ސައީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމްވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް ދެއްކެވި ވާހަކައިގައި ޑރ މުއިއްޒު ވިދާޅުވީ މާޅެންދޫއިން ފުރަތަމަ ބުރުގައި ދިން ތާއީދަށްވުރެ އިތުރަށް ދެވަނަ ބުރުގައި ތާއީދު ލިބޭނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށެވެ.

ޑރ މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި މާޅެންދޫއަށް ކޮށްދެއްވާނެ ކަންކަންވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ރަށުގެ ބިން ހިއްކައި، ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށްދެއްވުމަށް ޑރ މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި ރަށުގެ އާބާދީއަށް އެކަށީގެންވާ ވަރަށް ތަރައްގީކޮށް ޒުވާނުންގެ މަރުކަޒެއް ގާއިމްކޮށްދެއްވާނެކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ގައުމުގައި ހުރި އިތުރު މައްސަލަތައް ހައްލުކޮށްދެއްވުމަށްވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. ގައުމުގެ މިނިވަންކަން ދަމަހައްޓާނެކަމަށް ވިދާޅުވިއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް އިންސާފު ހޯދައިދިނުމަށް ކުރައްވާ މަސައްކަތުގައި ދެމި ހުންނަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

