އެލައިޑް އިންޝުއަރެންސްއިން އިންތިޒާމު ކޮށްގެން ބާއްވާ ”އެލައިޑް ފެސްޓް“ މާދަމާ ބާއްވަން ނިންމައިފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވީރު 4:00 އިން 6:00 ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ފެސްޓިވަލްއަކީ ކުޑަކުދިންނަށް ހާއްސަކުރެވިގެން ބާއްވާ ފެސްޓިވަލްއެކެވެ.
މި ފެސްޓިވަލުގައި ކުޑަކުދިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ކުޅިވަރުތަކުގެ ތެރޭގައި ފިޝިން، ބީން ބޭގް ޓޮސް، ސްނޭކް އެންޑް ލެޑާ، ޓުވިސްޓާ ފަދަ މަޖާ ކުޅިވަރުތަށް ބޭއްވުމާއި އަދި ކުރެހުމާއި ކުލަޖެއްސުމަށް ޝައުގުވެރިވާ ކުދިންނަށް އާޓް ކޯނާއެއް ވެސް ފެސްޓިވަލްގައި ހުންނާނެއެވެ.
މީގެއިތުރުން ބެލެނިވެރިންނަށް އަމާޒު ކޮށްގެން ދިރިއުޅުމާއި އާއިލާއާބެހޭ މައުލޫމާތު ސެޝަންތަކެއް ވެސް ފެސްޓިވަލްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލުގެ ތެރެއިން ހާއްސަ ލަކީޑްރޯއެއް ނެގުމާއި އެ ލަކީޑްރޯއިން ގުރުއަތުން ނެގޭ ތިން ކުއްޖަކަށް ހާއްސަ ހަދިޔާއެއް ދޭގޮތަށް ވެސް އެލައިޑުން ވަނީ ހަމަޖައްސައިފަ އެވެ.
މިއީ މި ފެސްޓިވަލް ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު ކުރިއަށްގެންދިޔަ މި ހަރަކާތަށްވެސް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ.

