ގުދުރަތީ ކާރިސާތަކުގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް ބަދަލު ހޯދައިދިނުމަށްޓަކައި އެލައިޑް އިންޝުއަރެންސްގެ ފަރާތުން ”ކުރޮޕް ތަކަފުލް“ ނަމުގައި އައު ސްކީމެއް ތަޢާރަފްކޮށްފިއެވެ.
މި ސްކީމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ އާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ”ކުރޮޕް ތަކަފުލް“ ސްކީމުގެ ތަފްޞީލުތަކާއި، ދަނޑުވެރިން މި ސްކީމަށް އަހުލުވެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.
މިނިސްޓަރ ރަމީލާ ވިދާޅުވީ މި ސްކީމަކީ ދަނޑުވެރިންގެ ދިރިއުޅުމަށް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިކަން ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައެވެ.
”ކުރޮޕް ތަކަފުލް“ ސްކީމުގެ ދަށުން، ވިއްސާރަ، ފެންބޮޑުވުން، ވައިގަދަވުން ފަދަ ގުދުރަތީ ކާރިސާތަކުގެ ސަބަބުން ދަނޑުވެރިންގެ ބިންތަކަށާއި އޭގެ އުފެއްދުންތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެއެވެ. މީގެ އިތުރުން، މި ސްކީމުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިނިސްޓަރ ރަމީލާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިންނަށް މި ސްކީމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި ސްކީމުގެ ފައިދާ ވީހާވެސް ގިނަ ދަނޑުވެރިންނަށް ލިބޭނެ ގޮތް ހަދައިދިނުމަށް މަސައްކަތް ކޮއްދެއްވާނެ ކަމަށް ވެސް މިނިސްޓަރ ރަމީލާ ވަނީ ވިދާޅުވެފައެވެ.

