ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު އައިޝަތު ރަމީލާ ސާޖަރީއެއް ހެއްދެވުމަށްޓަކައި އެޑްމިޓްކޮށްފައިވާކަން ހާމަކޮށްފިއެވެ.
މިނިސްޓަރ ރަމީލާ މީގެ ކުރިންވެސް ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމުގެ ގޮތުން ބޭރުގައި ދުވަސްތަކެއް ހުންނަވާފައިވާއިރު، އަމިއްލަ އެކްސް އެކައުންޓު މެދުވެރިކޮށް މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަ ވަނީ މެޓަސްޓެޓިކް ސީރަސް ކާރސިނޯމާއަށް ފަރުވާ ހޯއްދެވުުގެ ގޮތުން ހޮސްޕިޓަލުގައި އެޑްމިޓްވެފައިވާކަން އަދި ސާރޖަރީއެއް ހެއްދެވުމަށް ތައްޔާރުވެވަޑައިގެންފައިވާކަން ފާހަގަކުރައްވާފައެވެ.
ކީމޯ ތެރަޕީއާއި އިމިއުނޯތެރަޕީ ސެޝަންތަކެއްވެސް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާކަަން އެކްސް މެދުވެރިކޮށް ހިއްސާކުރެއްވި މިނިސްޓަރ ރަމީލާއަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ކެބިނެޓު ވަޒީރުކަމަށް ވަޑައިގަތުމުގެ ކުރިންވެސް ސަރުކާރަށް ހިދުމަތްކުރައްވައިވާ މީހެކެވެ. އެގޮތުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވާއިރު ޖެންޑާރގައިވެސް އެ މަގާމު ފުރުއްވާފައިވާކަން ފާހަގަކުރެވެއެެވެ.

