ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުގެ ސިފައިން ހިންގާ ލާއިންސާނީ އަމަލުތައް ތަހުގީގު ކުރުމަށް ރައީސް ގޮވާލައްވައިފި

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިން ހިންގާ ލާއިންސާނީ އެންމެހައި އަމަލުތައް ތަހުގީގުކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އެންމެހައި ދިވެހިންގެ ނަމުގައި ބައިނަލްއަގުވާމީ މުޖްތަމައަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ގޮވާލައްވައިފިއެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން، ރައީސް ރައްޔިތުންނަށް ފޮނުއްވި ހިތާބުގައި ވަނީ އިސްރައީލުގެ އަނިޔާވެރި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށެވެ. ރައިސުލްޖުމްހޫރިއްޔާގެ ހިތާބުގައި އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތިކަމާއި އަނިޔާވެރިކަމާ ކުރިމަތިލާންޖެހިފައިވާ އެންމެހައި މުސްލިމުން އެ ހާލަތުން މިންޖުކޮށްދިނުމަކީ، މުޅި އިސްލާމީ އުންމަތުގެ ވާޖިބެކަމަށެވެ. އަދި އެކަމަށްޓަކައި މުސްލިމުންގެ ސަފުތައް ބަދަހިކޮށް މުސްލިމުންގެ ގުޅުން ހަރުދަނާކޮށް، މުސްލިމުންގެ މެދުގައި އޮތް ބައިބައިވުން ނައްތާލައި، އެއް އުންމަތެއް ފަދައިން އަލުން ތެދުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހިން އެކަމެއް މަތީގައި ސާބިތުކަމާއެކު ދެމިތިބެ، އެކުވެރިކަމާއި އެއްބައިވަންތަކަންމަތީ ގައުމު އާރާސްތުކުރަމުން އައި ވަރުގަދަ ބިންގަލަކީ އިސްލާމް ދީނުގެ ސައްހަ އަގީދާ ކަމަށެވެ. ދިވެހިންގެ މެދުގައި އޮތް ހަމަޖެހުމާއި ސުލްހަވެރިކަމުގެ އަސްލަކީ މުޖްތަމައުގައި ބަދަހިކަމަށް އިސްލާމް ދީނުގައި ދީފައިވާ އަހަންމިޔަތުކަން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. ދީނުގެ ސައްހަ އަގީދާ ދަރިންގެ ހިތްތަކުގައި ހަރުލައްވައި، އިސްލާމީ ރިވެތި އަދަބު އަހުލާގުގެ މަތީގައި އެކުދިން ތަރުބިއްޔަތުކުރުމަކީ، ދިވެހި އުންމަތުގެ ކުރިމަގުގެ އުޖާލާކަމަށްޓަކައި، ދިވެހިންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ގައުމީ ވާޖިބެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އިސްލާމް ދީން ގެނެސްދިން އިޖްތިމާއީ ރިވެތި އަދަބުތަކާއި އަހްލާގަކީ ރީތި ސިފަތައް ދިވެހިންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތް ކުރުމަކީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމުގެ މުހިންމު މަގްސަދެއް ކަމަށެވެ. ފަރުދީ ގޮތުންނާއި ޖަމާއީ ގޮތުން ވެސް މަސައްކަތް ކުރުމަކީ ހުރިހާ ދިވެހީންގެ ޒިންމާއެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: