ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިން ބޭލުމުގެ މަޝްވަރާތައް ކާމިޔާބު: އިންތިހާބީ ރައީސް

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ކާމިޔާބީގެ އުފަލުގައި ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސިފައިން ބޭލުމަށްޓަކައި ކުރަމުންދާ މަޝްވަރާތައް ކާމިޔާބުކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންތިގާލީ މަރުހަލާގެ ތެރޭގައި ޑރ މުއިއްޒު ގެންދަވަނީ ބައިނަލްއަގުވާމީ އެކި މީޑިއާތަކާއިވެސް ބައްދަލުކުރައްވަމުންނެވެ. އެގޮތުން ދެއްވި އިންޓަރވިއުއެއްގައި އިންޑިއާ ސިފައިން ތިބުމާއި މެދު ސުވާލު ކުރުމުން އެމަނިކުފާނުވަނީ ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޑރ މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަޝްވަރާތައް ކުރެވެމުންދާކަމަށާއި، އެ މަޝްވަރާތައް މިހާރުވެސް ކާމިޔާބުކަމަށް ދެކިވަޑައިގަންނަވާކަމަށެެވެ. މީޑިއާތަކުން ބުނާގޮތުން އިންޑިއާއިން ބޭރުގައި އެ ގައުމުގެ 75 ވަރަކަށް ސިފައިންގެ މީހުން އެބަ ތިއްބެވެ. އެ މީހުންގެ ޒިންމާއަކީ ދިއްލީ އިން ސްޕޮންސަަރުކޮށްފައިވާ ރާޑަރު ސްޓޭޝަންތައް ބެލެހެއްޓުމާއި ސަވޭލެންސް އެއަރކްރާޕްޓް ބެލެހެއްޓުންކަމަށާއި، އިންޑިއާގެ އަސްކަރީ މަނަވަރުތައް ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނުގައި ފޯރި މަރާކަމަށްވެސް ބުނެފައިވެއެވެ.

ޑރ މުއިއްޒު ބްލޫމްބާރގަށް ދެއްވި އިންޓަރވިއުގައި ވިދާޅުވީ، އެމަނިކުފާނު އަދި ރާއްޖެއިން ބޭނުންވަނީ ދެފަރާތަށްވެސް ފައިދާވަނިވި ގުޅުމެއް ގާއިމުކުރަންކަމަށާއި ހުރިހާ ގައުމެއްގެ އެހީ އަދި އެއްބާރުލުންވެސް ބޭނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންޑިއާގެ ސިފައިން ބޭލުމުގެ މާނައަކީ ޗައިނާ ނުވަތަ އެހެން ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމުވަށް އެމަނިކުފާނު ހުއްދަ ދެއްވުން ނޫންކަމަށާއި، އެ ފުރުސަތު ނުދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅޭގޮތުން ކުރި ސުވާލުތަކަކަށްވެސް ޖަވާބުދެއްވާފައެވެ. އިންތިހާބީ ރައީސް ވިދާޅުވީ، ރާއްޖެ އަދި ރާއްޖޭގެ ރައްޔިތުން ފުރިހަމަ އަށް ފަލަސްތީނާއިއެކު ވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ 1967ގެ ކުރީގެ ބޯޑަރުތަކާއި އެއްގޮތަށް ފަލަސްތީނުގެ ރައްޔިތުންްނަށް ވަޒަންވެރިވެ ދިރިއުޅުމުގެ ހައްގު ލިބިގެންވާކަމަށެވެ. އަދި އެކަން ހާސިލުކުރުމަށްޓަކައި ރާއްޖެއިން ދެވެން އޮތް ކޮންމެ އެއްބާރުލުމެއްވެސް ދެއްވާނެކަމަށް ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ޑރ މުއިއްޒު ވިދާޅުވީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ބައެއް ނަމަވެސް އަމާން ހަޔާތެއް ދިރިއުޅުމުގެ ހައްގު ލިބެންޖެހޭނެކަމަށެވެ. އަދި ކޮންމެ ތަނެއްގައި ނަމަވެސް ހުރިހާ އަސާސީ ހައްގުތައްވެސް ފުރިހަމަވާންޖެހޭނެކަމަށް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް އެކުލަވާލަން ފުރުސަތު ދިނުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާކަމަށާއި އެއީ އެމަނިކުފާނުގެވެސް ސިޔާސަތުކަމަށެވެ.

ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގައި ހަރުކަށި ފިކުރުގެ މައްސަލަ އިތުރުވެގޮސްދާނެކަމާއިމެދު ކަންބޮޑުވޭތޯވެސް ޑރ މުއިއްޒުއާއި ސުވާލު ކުރިއެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅުންހުރި ކަމެއްކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ. އެއީ ކޮންމެ ގައުމެއްގައި ނަމަވެސް ބައެއް މީހުން އެކްސްޓްރީމް ކަންކަން ކުރާ ހިސާބަށް ދާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެކަން ހައްލުކުރެއްވުމުގެ ގޮތުން އެމަނިކުފާނު ގެންގުޅުއްވަނީ ތައުލީމު ދިނުމުގެ ވިސްނުންކަމަށެވެ. އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވިސްނުމަކީ ކޮންމެވެސް ވަރަކަށް އެފަދަ ހިޔާލުތައް ގެންގުޅުއްވާ މީހުން އަނބުރާ މުޖުތަމައުގެ ބައެއްގެ ގޮތުގައި ހެއްދެވުންކަމަށެވެ. އަދި އެކަން ހާސިލުކުރައްވާނީ އިސްލާމް ދީނާއި ގުޅޭ ސައްހަ މައުލޫމާތުތައް ދީގެންކަމަށާއި އިސްލާމްދީނަކީ ސުލްހަވެރި ދީނެއްކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: