ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުފެށޭ މައްސަލައިގައި ނައިބު ރައީސް އީވާ އަބްދުﷲ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޝްވަރާ ކުރައްވަން ނިންމަވައިފިއެވެ.
ޖަލްސާގެ ކޯރަމް ހަމަވޭތޯ މަޑު ކުރެއްވުމަށްފަހު ބައްދަލުކޮށް އީވާ ވިދާޅުވީ މަޖިލީހުގެ ނިޒާމު ލިބޭތޯ ”ލައްކަ“ އިރު މަޑު ކުރި ނަަމަވެސް މަޖިލީހުގެ ނިޒާމު ނުހޯދުނުކަމަށެވެ.
އެވަގުތުވެސް މެންބަރުން ގެންދިޔައީ ދުންމާރި ފުމެ އަޑު ގަދަ ކުރަމުންނެވެ. އީވާ ވިދާޅުވީ ގަވާއިދުގެ ދަށުން 12:30 އަކީ މަޖިލީހުގެ ޖަލްސާ މެދު ކަނޑަލާ ވަގުތުކަމަށެވެ. އެހެންކަމުން މި ވަގުތަށް އެ ޖަލްސާ މެދުކަނޑާލުމަށްފަހު ޖަލްސާ އޮންނާނެ ވަގުތެއް ފަހުން އަންގަވާނެކަމަށް އީވާ ވިދާޅުވިއެވެ.
ބްރޭކް ގަނޑީގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޝްވަރާ ކުރައްވާނެކަމަށް އީވާ ވިދާޅުވިއެވެ. އެއަށްފަހު ދެން ޖަލްސާ ފަށާނެ ގަނޑި އިދާރީ މޭޒުން މެންބަރުންނަށް އަންގަވާނެކަމަށް އީވާ ވިދާޅުވިއެވެ.
އީވާ މެދު ކަނޑުއްވާލި ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ މަސައްކަތަށެވެ. ނަމަވެސް ބަޖެޓު ހުށައެޅުމަށް މަޖިލީހަށް ވަޑައިގަތުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ އުޒުރުވެރިވެވަޑައިގެންފައެވެ.
މަޖިލީހުގެ ވެބްސައިޓުގައިވާ ގޮތުގައި ދެން ޖަލްސާއެއް ފެށޭނީ 1 ޖަހާއިރުއެވެ. މި ޖަލްސާގައި ކުރިއަށް ދާނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބަރު ނެތްކަމުގެ މައްސަލައެވެ. މަޖިލީހުގެ ޖަލްސާ ކުރިއަށްް ނުގެންދެވި، ނިޒާމު ގެއްލިފައިވަނީ މި މައްސަލަ ކުރިއަށް ނުގޮސްވާތީއެވެ.

