މަނީ ލޯންޑާރ ކުރުމާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފީ އަޑުއެހުންތައް ނިމުމަކާ ގާތަށް އައިސްފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ވ. އާރުގެ މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ދެން ދައުވާ އުފުލާފައި ވަނީ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. އެ މުއާމަލާތުގައި ރައީސް ޔާމީން 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި، އެ ފައިސާ ލޯންޑާރ ކުރެއްވިކަމުގެ ތުހުމަތުގައި އުފުލި ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅައި އަދަބެއްގެ ގޮތުގައި އިއްވީ 11 އަހަރުގެ ހުކުމެކެވެ. އަދި ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައި ވަނީ ތިން އަހަރުގެ ޖަލު ހުކުމެކެވެ.
އިސްތިއުނާފު އަޑުއެހުންތައް މަޑުޖެހިފައި އޮތުމަށް ފަހު މި ހަފްތާގައި އަލުން ފެށިއިރު މިހާރު އަޑުއެހުންތައް ވަނީ ނިމުމަކާ ގާތްވެފަ އެވެ. މި ދެ ދުވަހު ވެސް މައްސަލައިގައި އޮތީ ޝަރީއަތް ހިނގައިދިޔަ ގޮތް ސާފު ކުރުމުގެ ގޮތުން ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ސުވާލުތައް ކުރުމާއި، އަދި މައްސަލައިގެ ހަސްމުން އެ ސުވާލުތަކަށް ޖަވާބު ދިނުމެވެ.
އެގޮތުން ގިނަ ސުވާލުތަކަކަށް ފަހު، މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ރިޔާސަތުގައި ހުންނެވި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވެފައި ވަނީ ދެން އޮންނާނީ ޝަރީއަތް ނިންމާލުމުގެ ކުރިން ދެ ފަރާތުން ދައްކާފައި ހުރި ވާހަކަތައް ދެއްކުމަށް ބައްވާ މަޖިލީހެއް ކަމަށެވެ. އަދި އެ މަޖިލީހުގައި ވާހަކަ ދެއްކުމަށް ކޮންމެ ފަރާތަކަށް ވެސް ގަޑިއިރެއްގެ ވަގުތު ދެއްވާނެކަން އިއުލާނު ކުރި އެވެ.
ފަނޑިޔާރު ވިދާޅުވި ގޮތުގައި އެއަށް ފަހު ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުމެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި ހުންނެވި ފަނޑިޔާރު ޝަފީއުގެ އިތުރުން ފަނޑިޔާރު ހުޒެއިފާ މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

