އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލައިގައި ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ އުފުލާފައި ވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ ފައިގައި ޓެގު އެޅުވުމަށް ފަހު ބަންދަށް ލުއި ދިނުމަށް އޭނާގެ ވަކީލު އެދިއްޖެ އެވެ.
އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ހަލީމަތާއި އެކު ދެން ހައްޔަރުކޮށްފައި ވަނީ މޭރީގެ ފިރިމީހާ މާވިން އެސްވައި އެވެ. 2021، އޮކްޓޯބަރު ގައި، މޭރީގެ މަރުވެފައިވާ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ، މާވިން އެވެ. އޭނާއަކީ ވެސް ލަމްހާއައި، މޭރީއާއި އެކު އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހެކެވެ.
މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދަނީ ވަކީވަކީންނެވެ. އެގޮތުން ލަމްހާގެ ޝަރީއަތުގައި ދައުލަތުން ބުނީ އިންސާނެއްގެ ހަށިގަނޑަކަށް އިންޖެކްޓުކޮށް އެ މީހެއްގެ ފުރާނައަށް ނުރައްކާ ކުރާނެ ގޮތްތައް ބަލައި، އޭނާ އެކަން ކުރާނެ ގޮތް މާވިންއަށް ކިޔައިދިނީ ލަމްހާ ކަމަށެވެ.
މޭރީ މަރާލުމުގައި ލަމްހާގެ ބައިވެރިވުން އޮތްކަން ސާބިތު ކުރުމަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ.
މޭރީގެ މަރުގެ މައްސަލައިގައި ދުވަސްތަކެއް ފަހުން އަޑުއެހުމެއް ބޭއްވި އިރު، މިއަދު ވެސް ލަމްހާގެ ފަރާތުން ގިނަ ޝަކުވާތަކެއް ހުށަހެޅި އެވެ. މީގެ ކުރިން ވެސް އޭނާގެ ވަކީލު ވަނީ މި ޝަރީއަތް ނޫސްވެރިން ކަވަރު ކުރަމުން ދާއިރު، މާބޮޑު ސަމާލުކަމެއް ދޭކަމަށާއި ހަބަރުތައް ގެންނަ ގޮތުގެ ސަބަބުން ލަމްހާއަށް ޖަލުގެ ތެރޭގައި ފުރައްސާރައާއި ކުރިމަތިލާން ޖެހޭކަމަށް ބުނެފަ އެވެ. އަދި ޖަލުގައި އެކަނި ކަންކަން ކުރަން ޖެހުމާއި، ބަލި ހާލަތު ހުރި ގޮތުން ދަތިތަކެއް ދިމާވި ނަމަވެސް ޖަލު އޮފިސަރުންގެ ފަރާތުން ވެސް އެއްވެސް އެހީތެރިކަމެއް ނުލިބި އުނދަގޫ ކުރަމުން ދާކަމަށް ބުނެފައި ވެއެވެ. އެހެންވެ މީގެ ކުރިން ވެސް ލަމްހާގެ ބަންދަށް ލުޔެއް ދިނުމަށް އޭނާގެ ފަރާތުން ކޯޓުގައި އެދުނެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ލަމްހާ މިއަދގެ ޝަރީއަތުގައި އެދުނީ ބަންދަށް ލުޔެއް ދީ، ފައިގައި ޓެގު އެޅުވުމަށް ފަހު ދޫކުރުމަށެވެ. އެކަމަކު އެކަމަށް ރައްދު ދީ ދައުލަތުގެ ވަކީލު ވިދާޅުވީ ލަމްހާ އާއި މާވިންގެ ވެސް ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށާއި، ބަންދުން ދޫކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެކަމަށް އިއުތިރާޒުކޮށް ލަމްހާގެ ވަކީލު ވިދާޅުވީ ހިމާޔަތް ކުރަން ޖެހޭ ފަރުދީ ހައްގުތަކެއް ވެސް އެބަހުރިކަމަށާއި، ލަމްހާގެ ސިއްހީ މައްސަލަތަކެއް ހުރިއިރު އޭނާ ފަރުވާ ވެސް ހޯދަން ޖެހިފައި ވަނީ ޖަލުގައި ހުރެގެން ކަމަށެވެ. އެހެންކަމުން މުޖްތަމައަށް ނުރައްކާވާ މިންވަރު ކުޑަވާ ގޮތަށް، ލަމްހާގެ ބަންދަށް ލުއިދެވޭނެ ގޮތްތަކެއް އެބަހުރިކަން ފާހަގަކޮށް ވަކީލު ހުށަހެޅީ އެހެން ކުށުގެ ތުހުމަތު ކުރެވޭ މީހުންނާއި މެދު އަމަލުކޮށްފައިވާ ގޮތަށް ފައިގައި ޓެގު އެޅުވުމަށް ފަހު ޝަރުތުތަކަކާއި އެކު ބަންދުން ދޫކޮށްލުމަށެވެ.
ރައްދުގައި ދައުލަތުން ބުނެފައި ވަނީ ފައިގައި ޓެގު އެޅުވުމަށް ފަހު ބަންދުން ދޫކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަކަމެއް ނޫން ކަމަށެވެ.
މޮނިކޮން އަމުރު ނެރެދިނުމަށް ލަމްހާގެ ވަކީލު އެދުނު އިރު، އެފަދަ އަމުރެއް ނެރެވޭނީީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ދަށުންނެވެ. އެ ގާނޫނުގެ 29 ވަނަ މާއްދާގައި ބުނާ މޮނިޓަކޮށް ކޮންޓްރޯލު ކުރުމުގެ އަމުރު ނެރެވޭނީ ޤާނޫނުގައި ކަނޑައަޅާފައިވާ ކުށް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށެވެ. އަދި 29 ވަނަ މާއްދާގެ (ބ) ގައި ވަނީ މޮނިކޮން އަމުރު ނެރެވޭނީ ހައިކޯޓަށް ކަމަށެވެ.
ލަމްހާގެ ވަކީލު ތަކުރާރުކޮށް ބުނެފައި ވަނީ، ލަމްހާއަކީ ނުރައްކާތެރި މީހެއް ނޫންކަމަށެވެ. އަދި މައްސަލައިގައި ހެކި ބަސް ނެގުމުގެ މަރުހަލާގެ ބޮޑުބައެއް ނިމިފައިވުމާއި އެކު ނުފޫޒު ފޯރުވުމުގެ އިހުތުމާލެއް ވެސް ނެތްކަމަށެވެ. އެހެންކަމުން ފައިގައި ޓެގު އެޅުވުމަށް ފަހު ދޫކުރުމުން، އެ މީހާގެ ހުރިހާ ހަރަކާތެއް މޮނީޓާރ ކުރެވޭނެކަމަށް ބުންޏެވެ.
މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްދަލަވަނީ، ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ. އަދި މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ވިދާޅުވީ ދެން އިތުރު އަޑުއެހުމެއް އޮންނާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުކަމަށާއި، އެ ދުވަހު ބަންދާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ.
ލަމްހާ އާއި މާވިންގެ ގުޅުމުގެ ވާހަކަތައް މީޑިއާތަކުން ފެންމަތި ކުރުމުން އޭނާ ވަނީ އެހެން މީޑިއާއެއްގެ ނޫސްވެރިއަކާއި ބައްދަލުކޮށް އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ލަމްހާ އާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު، މާވިންއަށް ފަސޭހައިން މޭރީ ވަރި ކުރެވެން ނެތީ އެ މީހުން ނިސްބަތްވާ ފިލިޕީންސްގައި ގާނޫނުން އެކަމަށް ތަން ނުދޭތީ އެވެ.
މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އެވެ. ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް 06 އަހަރާއި 04 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ފުލުހުން ބުނީ މޭރީ މަރާލާފައި ވަނީ މާވިން އާއި ލަމްހާ އެކަމަށް ދުރާލާ ރާވައިގެން މ. އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގައިކަމަށެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުން މޭރީ މަރާލާފައި ވަނީ އޭނާގެ ނޭވާ ހާސްކޮށްލައިގެންނެވެ.

