ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދެއްގެ ގޮތުގައި ފުއްދެވުމަށް ނިންމަވައިފިއެވެ.
ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން ޑރ މުއިއްޒު ރޭ ވަނީ “ހަފްތާ 14” ގެ ނަމުގައި އިފްތިތާހު ކޮށްދެއްވާފައެވެ. 8 ސެކްޓަރަށް ބަހާލާފައިވާ މި ޕްލޭންގައި އެންމެ ފުރަތަމަ ސެކްޓަރުގެ ގޮތުގައި ހިމަނާފައިވަނީ ގައުމުގެ މިނިވަންކަމާއި ސިޔާދަތެވެ.
އޭގެ ދަށުން 3 ވައުދެއް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ހިމަނާފައިވެއެވެ. އެގޮތުން ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ފެށުމާއި، ނިމިދިޔަ ސަރުކާރުން އެހެން ގައުމުތަކާއި ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފެށުމާއި އަދި ރާއްޖޭގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ އިޓްލޮސްގައި ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުން ހިމެނެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ޑރ މުއިއްޒު ދެއްވި ކޮންމެ ސްޕީޗެއްގައި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބިކަމާއި، މި ސަރުކާރުން ގޮތް ނޭނގޭ އެއްބަސްވުންތަކެއްވެފައިވާކަމަށް ތުހުމަތު ކުރެއްވިއެވެ. އެހެންކަމުން ބަލަންޖެހޭ މިންވަރަށް ބަލާ، ދިރާސާތައް ހައްދަވާ މިކަން ހައްލުކޮށް، ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާނެ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާޟިޔާބުވުމުންވެސް އެންމެ ގިނަ ސުވާލުތަކެއް އަމާޒުވީ މިއީ ވެދާނެކަމެއްތޯއެވެ. ސާބިތުކަމާއިއެކު ޑރ މުއިއްޒު ވިދާޅުވަމުން ގެންދިޔައީ އެއީ ފުއްދަވާނެ ވައުދެއްކަމަށެވެ. އަލް-ޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައިވެސް ޑރ މުއިއްޒު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ފައްޓަވާނެކަމަށާއި، އުންމީދަކީ ފުރުސަތު އޮތް ނަމަ، ވެރިކަމުގެ ހުވާ ކުރައްވާތާ ފުރަތަމަ ހަފްތާގެ ތެރޭގައި އިންޑިއާ ސިފައިން ބޭލުން ކަމަށެވެ.
އެއީ ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބުމަށް ދިވެހި ރައްޔިތުން ބޭނުން ނުވާތީކަމަށް ވިދާޅުވިއެވެ. މާފަންނު ދިމްޔާތުގައި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޑރ މުއިއްޒު ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރު އާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ ދެ ކަމަކަށްކަމަށްވާއިރު، އޭގެ ތެރޭގައި އިންޑިއާ މެދުވެރިކޮށް ރާއްޖެ އިން ނަގާފައިވާ ލޯންތަކާއި ގުޅޭ ގޮތުންނާއި، އިންޑިއާގެ ސިފައިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބޭ މައްސަލަ ހިމެނެއެވެ.
ޑރ މުއިއްޒު މި ބައްދަލުވުމަށްފަހު ވިދާޅުވީ އެކަމުގައި އެކުގައި މަސައްކަތްކޮށްގެން ހައްލެއް ހޯދުމަށް ބޭނުންވާކަން އިންޑިއާއިންވެސް ހާމަކޮށްފައިވާކަމަށާއި، އިންޑިއާއިން އޮތީ މިކަމުގައި ކުރިއަށްދާން ތައްޔާރަށް ކަމަށެވެ.

