ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަދި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ މަޝްރޫޢުއާއިއެކު މުޅި ރާއްޖޭގެ އިގްތިސާދު ބަދަލުކޮށްލާނެ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ މި މަޝްރޫއު އިފްތިތާހުކުރުމަށް ރޭ ދަރުބާރު ގޭގައި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ކުރީގައިވެސް ފަށާފައިވާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާކަން ޝަރީފްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. މި މަސައްކަތް ނިންމުމަށްޓަކައި އާ ޓާސްކް ފޯސްތައް އުފައްދާނެކަމަށާއި، މަސައްކަތް ކުރާނެ އިންތިޒާމް ހުރީ ހަމަޖެހިފައިކަމަށް ޝަރީފް ވިދާޅުވިއެވެ.
މި ޓާމިނަލްގައި ހިދުމަތް ދެވޭނެ ކެޕޭސިޓީއަކީ ހަތް މިލިއަންކަމަށްވާއިރު، ރައީސް ޑރ މުއިއްޒު އިފްތިތާހު ކުރެއްވި މަޝްރޫއުގެ ތެރެއިން 25 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭނެ ކެޕޭސިޓީ ހުންނައިރު، ޝަރީފް ވިދާޅުވި ގޮތުގައި އޭރަށް ގަނޑިއަކު 4،000 ފަސެޖަރުންނަށް ހިދުމަތް ދެވޭނެއެވެ. އޮޕަރޭޝަން ފުޅާ ކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމް ކުރެވިގެން ދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
މިފަދަ މަޝްރޫއުތައް ހިންގޭނީ ވަރަށް ވިޝަނަރީ ބޭފުޅުންނަށް، އަޅުގަނޑުމެންގެ ރައީސް ޑރ. މުއިއްޒަކީ އެފަދަ ވިޝަނަރީ ބޭފުޅެއް.
ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ މިހާރު ޑޮމެސްޓިކް ޓާމިނަލުން ހިދުމަތް ދެވެނީ ގަނޑިއަކު 300 ފަސެޖަރުންނަށް ނަމަވެސް، އައު ޓާމިނަލް އިން ގަނޑިއަކު 2،000 ފަސެންޖަރުންނަށް ހިދުމަތް ދެވޭނެކަމަށެވެ. ލޯ ކޯސްޓް ކެރިއާ ޓާމިނަލްއެއްވެސް ބިނާ ކުރެވިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ތެރެއިން ދިވެހިންނަށް އެތަކެއް ވަޒީފާގެ ފުރުސަތުތަކެއް ފަހިވެގެންދާނެކަން ފާހަގަކުރައްވާ، ޝަރީފް ވިދާޅުވީ މިކަމުން ވިޔަފާރިވެރިންނަށްވެސް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެކަމަށެވެ. މިއީ ވިޝަނަރީ ބޭފުޅުންނަށް ކުރިއަށް ގެންދެވޭނެފަދަ މަޝްރޫއެއްކަމަށް ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ރައީސް މުއިއްޒަކީ އެފަދަ ބޭފުޅެއްކަމަށެވެ.

