ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ވަނަ އަހަރުގެ ޓޯޓަލް އެއަރ ޓްރެފިކް މޫވްމަންޓު 62،866 އަށް އަރާ: ވީއައިއޭ

އިންޓަނޭޝަނަލް ބައެއް އެއާލައިންތައް ވީއައިއޭގައި ޕާކުކޮށްފައި/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރު ނިމިގެންދިޔަ އިރު ވެލަނާއި އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސައި އެތަނުން ނައްޓާލި އުޅަނދުތަކުގެ އަދަދު ޖުމުލަކޮށް 62،866 އަށް އަރާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

ވީއައިއޭއިންވަނީ 2023 ވަނަ އަހަރުގެ ޓްރެފިކް ޑާޓާގެ ހުލާސާއެއް ހިއްސާކޮށްފައެވެ. އެގޮތުން ޓޯޓަލް އެއަރ ޓްރެފިކް މޫވްމަންޓު ނުވަތަ ޖެއްސި އުޅަނދާއި އެތަނުން ނައްޓާލި އުޅަނދުތަކުގެ ޖުމުލަ އަދަދު 62،866 އަށް އަރާކަމަށާއި، އައިސްފައިވާ ޖުމުލަ ފަސިންޖަރުންގެ އަދަދު 2،865،547 އަށް އަރާކަންވެސް ހާމަކޮށްފައިވެއެވެ. ވީއައިއޭއިން ބުނެފައިވާގޮތުން ޑިޕާޗާކުރި މީހުންގެ އަދަދު 2،864،799 އަށް އަރާކަމަށެވެ.

އެ ކުންފުނިންވަނީ 2023 ވަނަ އަހަރުގެ ތެރޭގައި އެއަރޕޯޓު މެދުވެރިކޮށް ކުރެވުނު އިމްޕޯޓު އެކްސްޕޯޓު މުއާމަލާތްތަކާއި ގުޅޭ ބައެއް މައުލޫމާތުވެސް މީޑިއާތަކަށް ދީފައެވެ. އެގޮތުން އެތެރެ ކުރި މުދަލުގެ ބަރުދަން 41،179،422 ކިލޯ އަށް އަރާކަމަށާއި ބޭރު ކުރި މުދަލުގެ ޖުމުލަ ބަރުދަން 15،124،320 ކިލޯއަށް އަރާކަމަށްވެސް ބުނެފައިވެއެވެ. އަދި ޓްރާސްޝިޕްމެންޓް މުދަލުގެ ބަރުދަންވެސް 7،501،603 ކިލޯއަށް އަރާކަން ހާމަކޮށްފައިވެއެވެ. އެ ކުންފުނިން ބުނެފައިވާގޮތުން 2023 ވަނަ އަހަރު ނިމިގެންދިޔައިރު އެއަޕޯޓުގައި 32 އުޅަނދެއް އޮޕަރޭޓުކުރެއެވެ.

އެ ކުންފުނިން ކުރިއަށް ގެންދާ ބައެއް މަސައްކަތްތަކަށްވެސް ހިއްސާކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި އަލިއަޅުވާފައިވެއެވެ އެގޮތުން  އައު ބައިނަލްއަގުވާމީ ފެސެންޖަރ ޓާމިނަލްއެއް ބިނާކުރުމުގެ މަސައްކަތްތައް ކުރިއަށް ދާކަމަށާއި، އައު ރަންވޭއެއް ހެދުމުގެ މަސައްކަތްތައްވެސް ކުރެވެމުންދާކަމަށް މައުލޫމާތު ދީފައިވެއެވެ. ވީއައިއޭއިން ބުނެފައިވާގޮތުން ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން އައު ފިއުލް ފާމަކާއި ފިއުލް ހައިޑްރަންޓް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތައްވެސް ކުރެވެމުންދާކަމަށެވެ. އަދި އައު ވީއައިޕީ އިމާރާތް މިހާރު ބޭނުންކުރަމުންދާކަންވެސް ހިއްސާކޮށްފައިވެއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަވާލުވުމަށް ފަހު ވީއައިއޭގެ ތަރައްގީއަށް ކޮށްފައިވާ މަސައްކަތަކަށް ބަލާއިރު، އެ ކުންފުނީގެ ކުރިމަގު އުޖާލާކުރުމަށްޓަކައި ބޮޑެތި ޕްލޭންތަކެއް ހުރިކަން ހިއްސާކޮށްފައިވެއެވެ. އެގޮތުން މިހާރު ކުރިއަށް ދާ މަސައްކަތުގެ ފިޔަވަހި ނިމުމުން އަހަރެއްގެ މައްޗަށް 7.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމުގެ މަގުފަހިވެގެންދާނެއިރު، 20 އަހަރުގެ ތަރައްގީގެ ޕްލޭނާއިއެކު ރައީސް މުއިއްޒުވަނީ 25 މިލިއަން ފަސިންޖަރުންނަށް އެ އަދަދު އިތުރުކުރެއްވުމުގެ ވިސްނުންފުޅު ހިއްސާކުރައްވާފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ނިމިގެންދާއިރު ގަޑިއިރެއްގެ ތެރޭގައި 2000 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެކަން ހާމަކޮށްފައިވާއިރު، މިހާރު ހިދުމަތް ދެވެނީ 300 މީހުންނަށް ކަން ފާހަގަކުރެވެއެވެ. މި މަސައްކަތަކާއިއެކު ލޯކޮސްޓު ކެރިއަރުތަކަށް ހާއްސަކޮށްގެން ގަޑިއަކު އެއްހާސް މީހުންނަށް ހިދުމަތް ދެވޭނެ ފެންވަރުގެ ޓާމިނަލް އެއް ބިނާކުރުމުގެ މަސައްކަތްތައްވެސް ކުރެވިގެންދާނެކަމަށާއި ފުރާނަފުށި ކައިރީގައި އައު ސީޕްލޭން ޓާމިނަލްއެއްވެސް ބިނާކުރުުމަށް ނިންމާފައިވާކަން ހާމަކޮށްފައިވެއެވެ.

ރާއްޖެއިން ބަލައިގަނެފައިވާ އޭވިއޭޝަން ސްޓޭންޑަރޑުތަކަށް ފެތޭ އެއރަކްރާފްޓް މެއިންޓެނެންސް ވަސީލަތްތައްވެސް ގާއިމުކުރުމަށް ކަނޑައެޅާފައިވާއިރު، އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ކުރުމަށް ނިންމާފައިވާ އެއް މަސައްކަތެއްގެ ގޮތުގައި ވީއައިއޭއަށް ހާއްސަ އިކޮނޮމިކް ޒޯނެއް ގާއިމުކޮށްދިނުމާއި ފުނަދޫގައި އެ ކުންފުނީގެ ފަސިންޖަރުންނަށް ޓްރާންސިޓު ހަބެއްވެސް ބިނާކޮށް ސީޕްލޭން ޓާމިނަލާއި އެތަން މޮނޮރެއިލް މެދުވެރިކޮށް އެއރޕޯޓާއި ގުޅާލުމަށް ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.

އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވަނީ ދާދި ފަހުން ވީއައިއޭ އާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން ފަސިންޖަރ ޓާމިނަލް ބިނާކުރުމުން އެކަނި މަސައްކަތްތައް ފުރިހަމަވެގެން ނުދާކަމަށާއި މަތިންދާ ބޯޓުފަހަރު އައިސްފައި ލަސްނުވެ ފުރޭގޮތް ހެދުމަކީވެސް ހާސިލުކުރަންޖެހޭ މުހިންމު އަމާޒެއްކަން ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ފިއުލް ހައިޑްރަންޓް ސިސްޓަމް ގާއިމުކުރުމާއިއެކު ބޯޓުތަކަށް ތެޔޮ އެޅުމުގެ މަސައްކަތްތައް އަވަސްވެފައިވާޚަމަށެވެ. އެހެންކަމުން ބޯޓުތައް އައުމަށް ހިތްވަރު ލިބިގެންދާކަމަށާއި، ވީއައިއޭއިން ހިދުމަތް ލިބިގަތުމަށްފަހު އަނެއް ޑެސްޓިނޭޝަނަށް ގަޑިއަށް ދެވޭނެކަމުގެ ޔަގީންކަން އާލާވުމުން އެހެނިހެން އައަރލައިންތައްވެސް އަންނަން ޖެހިލުން ނުވާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މައިގަނޑު ގޮތެއްގައި އަމާޒަކީ މިހާރަށްވުރެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ކަސްޓަމަރުންނަށް ކުރެވޭ ތަޖުރިބާވެސް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރެއްވުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: