މީހުންނަށް ހަމަލާ ދީ، މާރާމާރީ ހިންގާކަމުގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް ފިޔަވަޅު އެޅުމުގެ އެންމެ ފުރިހަމަ ގާބިލުކަން ދިވެހި ފުލުހުންގެ ހުންނާނެކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލަ ސީރިއަސް ސިފައެއްގައި ތަހުގީގު ކުރުމަށް އާންމުން ދަނީ ގޮވާލަމުންނެވެ. މި މައްސަލައިގައި ސިޔާސީ ޕާޓީތަކުން ބަޔާންތައް އާންމު ކުރަމުން ގެންދާއިރު އެ ޕާޓީތަކުން ތުހުމަތު ކުރާ ގޮތުގައި ހަމަލާގެ ފަހަތުގައި ވަނީ ސިޔާސީ މަގްސަދެކެވެ.
ތަހުގީގު ކުރިޔަށް ގެންދާ ގޮތް ބަލައި، އަވަސް ފިޔަވަޅު އަޅާތޯ މަޖިލީހުން އެކަމަށް ފާރަވެރިވުމަށް ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ މަޖިލީހުގެ ކޮމިޓީއަށް މައްސަލަ ވެސް ހުށަހަޅުއްވާފަ އެވެ.
ޖިނާއީ ޢަދުލުގެ ނިޒާމުގެ މައި އެއް މުއައްސަސާގެ ލީޑަރަށް މިއަދު ދިން ހަމަލާ ކުށްވެރިކުރަން. އެ ހަމަލާ އަދި އެނޫންވެސް އެފަދަ ހަމަލާތައް ދޭ ފަރާތްތައް ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ ފުރިހަމަ ގާބިލުކަން ދިވެހި ފުލުހުންގެ ޚިދުމަތުގައި މާރަނގަޅަށްވެސް ހުންނާނެ.…
— Mohamed Hameed (@M_Hameedh) January 31, 2024
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފުލުސް ކޮމިޝަނަރަކަށް ހުންނެވި ހަމީދު ވިދާޅުވީ ޝަމީމަކީ ޖިނާއީ އަދުލުގެ ނިޒާމުގެ މައި އެއް މުވައްސަސާގެ ލީޑަރެއް ކަމަށެވެ. އެހެންކަމުން އެއީ ސީރިއަސް މައްސަލައެއްކަމަށާއި، އެ ހަމަލާ އާއި އެފަދަ އެ ނޫން ވެސް ހަމަލާތައް ދޭ މީހުން ހޯދައި ފިޔަވަޅު އެޅުމުގެ ބާރާއި ގާބިލުކަން ފުލުހުންގެ ހުންނާނެކަމަށް ހަމީދު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ ހަމަލާގެ ތަހުގީގު ރަނގަޅު ގޮތުގައި ކުރިޔަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު ފުލުހުންނަށް އެބައޮތް ކަމަށެވެ.
މިއަދު ޝަމީމަށް ދިން ހަމަލާގެ މާބޮޑު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ދިން ހަމައެކަނި ތަފްސީލުގައި ބުނީ އެ ހަމަލާ ދީފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ނޫން ކަމަށެވެ.

