ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރައްވަނީ ތިނަދޫއަށް ގެންނަން ޖެހޭ ފުރިހަމަ ތަރައްގީ ގެނައުމުގައި ވަކާލާތު ކުރެއްވުމަށް ކަމަށް އެ ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ކެމްޕެއިން ޖަލްސާގައި ސައުދުﷲ ވިދާޅުވީ ތިނަދޫ އުތުރު ދާއިރާއަށް ކުރިމަތި ލަނީ ދާއިރާގެ ރައްޔިތުންނަށް ފަހި ފާގަތި މުސްތަގުބަލެއް ލިބޭތޯ ވާކާލާތު ކުރުމަށް ކަމަށެވެ. ރައީސް މުއިއްޒު ތިނަދޫއަށް ވަޑައިގަތުމުން އެމަނިކުފާނު ގާތުގައި ތިންދޫގެ ވިޔަފާރިވެރިން މިހާރުގެ ޒަމާނާއި އެއްގޮތަށް ވިޔަފާރި ކުރުމަށް ބޭނުންވާކަމަށް ވިދާޅުވެފައިވާކަމަށެވެ. ސައުދުﷲ ވިދާޅުވީ ތިނަދޫގެ ރައްޔިތުން ބޭނުންވަނީ އެރަށު އެއާޕޯޓުން ފުރައިގެން ބޭރުގެ ގައުމުތަކަަށް ގޮސް މުދާ ގެނެސް ވިއްކުމަށް ކަމަށާއި އެވާހަކަވެސް ރައީސް އަރިހުން ދަންނަވާފައި ވާކަމަށެވެ.
ތިނަދޫގައި ހުންނަ ޓާޝިއަރީ ހޮސްޕިޓަލުން ބޭސްފަރުވާ ނުލިބޭ ބަލި ތަކަށް ފަރުވާ ހޯދުމަށް މާލެ ނުގޮސް ތިނާދޫއިން ބޭރުގެ ގައުމުތަކަށް ދެވޭނެ ގޮތް ފަހިކޮށްދިނުމަކީ ވެސް ތިނަދޫ ރައްޔިތުން ބޭނުންވާ ގޮތް ކަމަށް ސައުދުﷲ ވިދާޅުވިއެވެ. ސައުދުﷲ ވިދާޅުވީ ރައިސް އެކަމަށް ގެންގުޅުއްވާ ތަސައްވުރަކީ އެއަށްވުރެ ފުރިހަމަ އަށް އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ކަމަށާއި އަދި ތިނަދޫގެ ފަޅު ހިއްކައިގެން 600 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.
ސައުދުﷲ ވިދާޅުވީ އެ ދާއިރާއަށް ކުރިމަތިލަނީ ތިނަދޫގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ރައިސް ގާތުގައި ވަކާލާތު ކުރެއްވުމަށް ކަމަށެވެ. އަދި ތިނަދޫގެ ޒުވާނުން ބޭނުންވާ ކަންކަމާއި، ޒުވާނުން ބޭނުންވާ ކުޅިވަރު ކުޅޭނެ ތަންތަނާއި މީގެ އިތުރުންވެސް ވަޒީފާ ފަދަ ކަންކަމާއި ބެހޭގޮތުން މަޖިލީހުގައި ވަކާލާތު ކުރައްވާނެ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.
ސައުދުﷲ ވިދާޅުވީ އަމިއްލަ ކަމެއް ނުކުރައްވާނެ ކަމަށާއި ތިނަދޫ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެއްވާނެ ކަމަށާއި އަދި ”އެންމެ ކުރީގައި އޮތް ރަށަކަށް“ ހެދުމަށްޓަކައި ވަކާލާތު ކުރައްވާނެ ކަމަށެވެ. މަޖިލިސް މެންބަރަކު ކުރަންޖެހޭ ކަންކަން އޭނާ ކުރައްވާނެ ކަމަށާއި އަދި ސަރުކާރުންވެސް އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް ސައުދުﷲ ވިދާޅުވިއެވެ.

