އިންޑިއާގެ ހެލިކޮޕްޓަރެއް ކުއްލި ގޮތަކަށް ތިމަރަފުށީ އެއަރޕޯޓަށް ޖެއްސީވެސް ރާއްޖޭގެ ދިފާއީ ބާރުން އެކަމަށް ހުއްދަ ހޯދައިގެންކަމަށް އެ ގައުމުން ބުނެފިއެވެ.
ރާއްޖެއިން އިންޑިއާގެ ސިފައިން ބޭލުމާއި ގުޅޭގޮތުން މީޑިއާތަކުން ގިނަ ސުވާލުތައް އުފައްދަމުންދާއިރު، އިންޑިއާގެ ރާއްޖޭގައި ހުންނަ ހައިކޮމިޝަނުންވަނީ ދާދި ފަހުން އެ ގައުުމުގެ އުޅަނދެއް ތިމަރަފުށީ އެއަރޕޯޓަށް ޖެއްސިކަމާއިމެދު ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރެވުނު ސުވާލުކަށް ޖަވާބު ދީފައެވެ.
އިންޑިއާގެ ހައިކޮމިޝަނުން ހިއްސާކޮށްފައިވާގޮތުން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ އެ ގައުމުގެ ވައިގެ ޕްލެޓްފޯމްތަކުން އަބަދުވެސް އަމަލުކުރަމުން އައިސްފައިވަނީ ކަނޑައެޅި އެއްބަސްވެފައިވާ އުސޫލުތަކުގެ ތެރެއިން އެމްއެންޑީއެފްގެ ހުއްދައާއިވެސް އެކުކަމަށެވެ. އަދި އޮކްޓޯބަރު 9 ވަނަ ދުވަހު އެ ގައުމުގެ އުޅަނދެއް ތިމަރަފުށްޓަށް ޖެއްސިކަމަށް ބުނާ ފުރުސަތުގައިވެސް އަމަލުކޮށްފައިވަނީ އެގޮތުގެ މަތިންކަމަށް ހާމަކޮށްފައިވެއެވެ.
އިންޑިއާއިން ބުނެފައިވާގޮތުން އެކަން ކޮށްފައިވަނީ އެމްއެންޑީއެފްގެ ހުއްދައާއިއެކު ކުއްލި ހާލަތެއް ދިމާވުމުގެ ސަބަބުންކަމަށެވެ. އެހެންނަމަވެސް ޖެއްސީ ހުއްދަ ހޯދުމަށްފަހުކަމަށާއި އެކަން ކުރެވިފައިވަނީ އެއަރޓްރެފިކް ކޮންޓްރޯލްގެ އިރުޝާދާއިއެކު ރައްކައުތެރިކަމާއިއެކުކަމަށްވެސް ބުނެފައިވެއެވެ.

