ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް ސަލްމާން ބިން ޢަބްދުލް ޢަޒީޒް އާލާސްކަންފުޅާ އުޅުއްވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފިއެވެ.
ރައީސް “ އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ޚާދިމް ސަލްމާން ބިން ޢަބްދުލް ޢަޒީޒް އާލާސްކަންފުޅާ އުޅުއްވާތީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހި ސަރުކާރާއި އެންމެހާއި ރައްޔިތުންގެ ނަމުގައި، އެމަނިކުފާނަށް ފުރިހަމަ އަވަސް ޝިފާއަކަށް އެދޭ ކަމަށާއި މާތްﷲ، ސައުދީގެ ރަސްގެފާނަށް ދުޅަހެޔޮ ސިއްޙަތަކާއި ދިގު އުމުރެއް ދެއްވުމަށް ދުޢާ ކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ސަލްމާން ރަސްގެފާނު ސައުދީގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވީ 2015 ވަނަ އަހަރުއެވެ. އުމުރުން 88 އަހަރުގެ ސަލްމާން ރަސްގެފާނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ޤައުމުގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ރަސްމީ ދަތުރުފުޅު ވެސް ފަސްކުރައްވާފައެވެ. ސަލްމާން ރަސްގެފާނު ގެނަދަވަނީ ފުއްޕާމޭގެ އާލާސްފުޅަކަށް ފަރުވާ ހޯއްދަވަމުންނެވެ.

