ހުޅުމާލެ ބިންހިއްކާ ސަރަހައްދުގައި ހުރި ސަފާރީތައް ނެގުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން( އެޗް. ޑީ. ސީ ) އިން އެދެފިއެވެ.
އެޗް.ޑީ.ސީ ކުރި ޢިއުލާންގައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަޙައްދުގައިވާ ސަފާރީތަކަށް، އެ ސަރަޙައްދައްވަންނަ ކޮޅުވެއްޓިތަކުގެ ސަބަބުން ގެއްލުން ލިބި ނުރައްކާތެރި ޙާދިސާތައް ހިނގާފައިވާ ކަން ފާހަގަކޮށްފައެވެ. އަދި މުސްތަޤުބަލުގައި މިފަދަ ހާދިސާތައް ހިނގައިފާނެ ކަމަށް ލަފާކުރެވޭތީ އެކަމުން ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގައިވާ އުޅަދުތައް 30 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ ކުރިން ނެގުމަށް އެޗް.ޑީ.ސީ އިން ވަނީ އެދިފައެވެ. އަދި އެ މުއްދަތުގެ ފަހުން އެ ސަރަހައްދުގައި އެއްވެސް އުޅަދެއް ދުއްވުމަކީ މަނާ ކަމެއްކެވެ.
ހުޅުމާލެ އަށް 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް މިހާރުވަނީ ފަށާފައެވެ. ހުޅުމާލެ އިން އިތުރަށް ހިއްކަނީ ހުޅުމާލޭގެ ދެ ފޭސް ގުޅުވާލާ ބްރިޖުތައް ހުންނަ ޓަނަލުގެ ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން ފެށިގެން އުތުރަށް އޮތް މުޅި ފަޅެވެ. މި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން 19،000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ދޭން ނިންމި އިރު ހުޅުމާލެއިން 1،400 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ.

