ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ ގައިދީއެއް މަރުވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ކަރެކްޝަންސްއިން ”އެކްސް“ ގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ތ. ތިމަރަފުށީ މިނިވަން އައްސޭރި އާދަމް ޢަލި މަނިކު (83 އަހަރު) ނުހޭލައިގެން، އެ ގޮޅީގައި ތިބި އެހެން ޤައިދީން ޑިއުޓީ އޮފިސަރުންނަށް އަންގާފައިވާ ކަމަށެވެ.
މެޑިކަލް ސެންޓަރަށް ގެންދިޔައިރުވެސް އޭނާ ހަރަކާތް ނުކުރާތީ، އޭނާ ވަނީ 12:00 ހާއިރު އެމަޖެންސީ ޙާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފަކަމަށް ކަރެކްޝަން ވަނީ ބުނެފައެވެ. ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ މެންދުރު 12:30 ހާއިރު ގައި ކަމަށް ކަރެކްޝަންސް އިން ބުނެފައިވެއެވެ.
އާދަމް ޢަލި މަނިކުއަކީ ކުޑަކުއްޖަކާ ގުޅޭ ބަދުއަޙްލާގީ މައްސަލައެއްގައި 10 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުންދިޔަ މީހެކެވެ. އަދި އޭނާއަކީ ހަކުރު ބަލި، ކިޑްނީ އަދި ކުޑަކަމުދާ ނިޒާމުގެ ބަލި، ކޮލެސްޓްރޯލް، ހައިޕަރޓެންޝަން އަދި ލޮލުގެ ބަލި ފަދަ ގިނަ ބަލިތަކަށް ބޭސްކުރަމުން އައި މީހެއްކަމަށް ކަރެކްޝަން އިން ވަނީ ބުނެފައެވެ.
އާދަމް ޢަލި މަނިކު ނިޔާވުމާ ގުޅިގެން ކަރެކްޝަންސް އިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައި ކަމަށް ބުނެފައިވެއެވެ.

