ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް4) ގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން އިންތިޒާމުކޮށްގެން ދިވެހިރާއްޖޭގެ ފުރަތަމަ ސައިޑް އިވެންޓް – ފްރޮމް އެމްބިޝަންސް ޓު ޕްރެކްޓިސް: އެޑްވާންސިންގް ސިޑްސް4 ގޯލްސް ތްރޫ ދަ ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑްސް (ސީ.އެސް.އާރް.އައި) އިނީޝިއޭޓިވް ބާއްވައިފިއެވެ.
މި ސައިޑް އިވެންޓް ފައްޓަވައިދެއްވައިފައި ވަނީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމްއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އިވެންޓްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.
އިވެންޓްގެ ޕެނަލިސްޓުންގެ ގޮތުގައި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޢަލީ ޝަރީފް ގެ އިތުރުން ސެކްރެޓޭރިއެޓް އޮފް ދަ ޕެސިފިކް ރީޖަނަލް އެންވަޔަރަންމެންޓް ޕްރޮގްރާމްގެ ޑިރެކްޓަރ ޖެނެރަލް ސެފަނަޔާ ނަވަދްރާ އާއި މިނިސްޓްރީ އޮފް ކްލައިމެޓް ރެޒިލިއެންސް ދަ އެންވަޔަރަންމެންޓް އެންޑް ރިނިއުއެބަލް އެނަރޖީ ގްރެނަޑާގެ ޑިރެކްޓަރ ޓިޓަސް އެންޓޯން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ސައިޑް އިވެންޓް ފައްޓަވައިދެއްވަމުން މިނިސްޓަރ ޠާރިޤު ވަނީ ކުދި ޖަޒީރާ ޤައުމުތުކަށް ދިމާވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ސީ.އެސް.އާރް.އައި އިނިޝިއޭޓިވްގެ ރޯލްގެ މުހިއްމުކަމަށް އަލިއަޅުވާލައްވައިފައެވެ. އަދި ތިމާވެށީގެ ގޮތުން ނާޒުކު ކުދި ޖަޒީރާ ޤައުމުތައް ގުޅިގެން މިކަމުގައި މަސައްކަތް ކުރުމަށް ބާރު އަޅުއްވާފައިވެއެވެ.
ރައީސްގެ ޚާއްސަ ވާހަކަފުޅުގައި، މި ކޮންފަރެންސްގެ މަޤްސަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ހާސިލުކުރުމުގެ ގޮތުން މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅު އެޅުމަށް ކުދި ޖަޒީރާ ޤައުމުތަކާއި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސްޓޭކްހޯލްޑަރުން ގުޅިގެން ޕާޓްނަރޝިޕްތައް ހެއްދެވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. މީގެ އިތުރުން ސަސްޓެއިނެބަލް ޑިވެލޮޕްމެންޓް ގޯލްސްގެ ލަނޑުދަނޑިތައް ހާސިލު ކުރުމުގައިވެސް ސީ.އެސް.އާރް.އައި ގެ މުހިއްމުކަން ވަނީ ހާމަ ކުރައްވާފައެވެ.
ހަތަރުވަނަ ސިޑްސް މަހާސިންތާ އަކީ “ ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ“ މި ޝިއާރުގެ ދަށުން ’ސިޑްސް’ގެ ޤައުމުތަކުގެ ލީޑަރުންނާއި އަދި އެކި ދާއިރާތަކުން ގުޅުންހުރި ހިއްސާދާރުން އެކީގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދެމެހެއްޓެނިވި، ތަނަވަސް، އަދި ވިލުންތެރި މުސްތަގުބަލަކަށް މަސައްކަތް ކުރުމަށް ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ބޭއްވިގެންދާ މުހިއްމު މަހާސިންތާއެކެވެ.

