ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ވަކިން ޚާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކަށް އެ ޤައުމުތަކުން ކުރިމަތިލަމުން އަންނަ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަ ކުރުމުގައި ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރަން ޖެހޭ ކަމަށް އިންޓަރެކްޓިވް ޑައިލޮގުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް4) ގެ އިންޓަރެކްޓިވް ޑައިލޮގް – ”މޭކިންގް ކްލައިމެޓް ފައިނޭންސް ވޯރކް ފޮރ ސިޑްސް: ބިލްޑިންގް އޮން ދަ އައުޓްކަމްސް އޮފް ކޮޕް28“ – ގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވަނީ ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ ވާހަކަފުޅު ދައްކަވާފައެވެ.
މި އިވެންޓުގެ މަގުސަދަކީ ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުގައި މާލީ އެހީތެރިކަން ދެމެހެއްޓެނިވި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ޤައުމުތަކުން ކުރިޔަށް ގެންދިޔުމެވެ.
މަލްޓިލޭޓަރަލް ފަންޑު ހޯދުމަށް ދިމާވާ ގޮންޖެހުންތަކަށް އަލި އަޅުވާލަމުން، މިނިސްޓަރ ވިދާޅުވެފައިވަނީ މިފަދަ ވަސީލަތްތައް ބޭނުންވާ ވަރަށް ލިބެން ނެތްކަމަށާއި، ލިބެން ހުރި މަދު ވަސީލަތްތައް ހޯދުމަށް ދަތިތައް ކުރިމަތިވާކަމަށެވެ. ހަމައެއާއެކު، ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައި މާލީ އެހީ ވަގުތުން ލިބޭނެގޮތް ހޯދުމަށްޓަކައި މިހާރަށްވުރެ ވަރުގަދަ އުސޫލުތަކެއް އެކުލަވާލުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން، މި މައްސަލަތަކުގެ މަޢުލޫމާތު ފޯރުކޮށްދީ އަހުލުވެރިކުރުވުމަށް ޕިއަރ-ޓު-ޕިއަރ ލަރނިންގް އާއި ޤާބިލިއްޔަތު އިތުރުކުރުމުގެ ޕްރޮގުރާމްތައް ހިންގުމަކީ ކުދި ޖަޒީރާ ޤައުމުތަކުން ތަހައްމަލު ކުރަމުންދާ ދަތިތަކަށް ލިބިގެންދާނެ ފަސޭހައެއް ކަމުގައި މިނިސްޓަރ ޠާރިޤު ވިދާޅުވިއެވެ. މީގެ ސަބަބުން އުސޫލުތައް ހެދުމުގަޔާއި މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ބައިނަލްއަޤުވާމީ ފަރާތްތައް އިތުރުވެގެން ދާނެ ކަމުގައި ފާހަގަކުރެއްވިއެވެ.
މިނިސްޓަރގެ ވާހަކަފުޅު ނިންމާލެއްވީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަކަކީ ކުދި ޖަޒީރާ ޤައުމުތައް ކުރިއަރުވާ ތަރައްޤީ ކުރުމުގައި ދިމާވާ ބޮޑު ގޮންޖެހުމެއް ކަމުގައި ދެނެގަނެ މި ކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގައި ޤައުމުތައް އެކުގައި މަސައްކަތް ކުރުމަށް ބާރު އަޅުއްވަމުންނެވެ

