އިންޑިއާއިއެކު ފްރީޓްރޭޓް އެގްރިމެންޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖޭގެ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވި ވާހަކަފުޅު އިންޑިއާއިން ދޮގުކޮށްފިއެވެ.
އިންޑިއާގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓްރީއިންވަނީ މީގެ ދުވަސްތަކެއް ކުރިން ދިވެހިރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުހައްމަދު ސައީދު ދެއްކެވި ވާހަކައަކަށް އަލިއަޅުވައި މީޑިއާތަކަށް މައުލޫމާތު ހިއްސާކޮށްފައެވެ.
އެގޮތުން އިންޑިއާއިން ރާއްޖެއާއިއެކު ފްރީ ޓްރޭޑް އެއްބަސްވުމަކަށް ދާން ބޭނުންވާކަމަށް މިނިސްޓަރު ސައީދު ވިދާޅުވެފައިވާކަމަށް ފާހަގަކޮށް އިންޑިއާއިންވަނީ އެއީ ހަގީގަތެއް ނޫންކަމަށް ހާމަކޮށްފައެވެ. އެކްސްޓާރަނަލް އެފައަރޒް މިނިސްޓްރީއިން ބުނެފައިވާގޮތުން އިންޑިއާއިން ރާއްޖެއާއިއެކު އެފަދަ އެއްވެސް އެއްބަސްވުމެއް ގާއިމުކުރުމަށް ހުށައަޅާފައިނުވެއެވެ. އެހެންނަމަވެސް ރާއްޖެއިން އެކަމަށް ބޭނުންވެއްޖެ ހާލަތެއްގައި ޝައުގުވެރިކަން ހިއްސާކުރުމުން އިންޑިއާއިން އެކަމަށް ފުރުސަތު ދިނުމަށް ތައްޔާރުކަމަށް ބުނެފައިވެއެވެ.
އިންޑިއާގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖަޔަސްވާލް ވިދާޅުވީ، ރާއްޖެއާއިއެކު ފްރީޓްރޭޑް އެއްބަސްވުމެއް ގާއިމުކުރުމަށް އިންޑިއާގެ ސަރުކާރުން އެއްވެސް ހާއްސަ ހުށައެޅުމެއް ހުށައަޅާފައިނުވާކަމަށެވެ.
މިނިސްޓަރު ސައީދު ދެއްކެވި ވާހަކަތައްވެސް އިންޑިއާގެ ނޫސްތަކުގައި ޝާއިއުކޮށްފައިވެއެވެ. އެގޮތުން އެމަނިކުފާނުވަނީ ސައުތް އޭޝިއަން ފްރީ ޓްރޭޑް އެއްބަސްވުން އޮތް ނަމަވެސް އިންޑިއާއިން ވަކިން ރާއްޖެއާއިއެކު އެއްބަސްވުމެއް ގާއިމުކުރުމަށް ބޭނުންވާކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިކަމަށާއި ރައީސް މުއިއްޒުވަނީ ހުރިހާ ގައުމަކަށްވެސް އެ ފުރުސަތު ހުޅުވާލާފައިކަމަށްވެސް ވިދާޅުވިކަމަށް ރިޕޯޓުތަކުގައިވެއެވެ.

