ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
މިއަދު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުމުގައި ވަނީ މިވަގުތު ދިވެހިރާއްޖޭގެ ކަންކަން ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ކުރެވެންހުރި ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެ ދެބޭފުޅުންވަނީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާގެ ކަންކަމާ ބެހޭގޮތުންނާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުންވެސް މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ސަރުކާރުން ދިވެހިރައްޔިތުންގެ ކުރިއެރުމަށް ކުރައްވަން ރާވާފައިވާކަންކަމުގައި، މަޖިލީހުގެ ފަރާތުން ބޭނުންވާނެ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަމުގައި ވިދާޅުވެފައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީ ޕީއެންސީއަށް އޮތްއިރު މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން ޕީއެންސީ ތަމްސީލްކުރައްވާ 75 މެންބަރުން ތިއްބަވައެވެ. އަދި ފޮނަދޫ ދާއިރާގެ މެމްބަރުކަން ކާމިޔާބުކުރައްވާފައިވާ އަބްދުއްރަހީމް އަބްދުﷲ ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކާމިޔާބު ކޮށްފައެވެ. މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އަބްދުއްރަހީމް އިންތިހާބުވީ 71 މެމްބަރުންގެ ވޯޓުންނެވެ. އަދި އޭނާއާއި ވާދަ ކުރެއްވި އެމްޑީޕީގެ މެމްބަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްއަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި 20 ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވައިލާ ނިމެންދެން 19 ވަނަ މަޖިލީހުގެ ގަވާއިދަށް އަމަލުކުރުމަށް 20 ވަނަ ރައްޔިތުން މަޖިލިހުގެ ފުރަތަމަ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

